ހޮލީވުޑް

ފާޑުކިޔުންތަކުން "ސުއިސައިޑް ސްކޮޑް" މަރައެއް ނުލެވުނު

Aug 23, 2016

ސުޕަހީރޯ ފިލްމު "ސުއިސައިޑް ސްކޮޑް" ކަމުދިޔަ މީހަކު ހުރިހެނެއް ހީއެއް ނުވެ އެވެ. އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރުންނާއި ފިލްމީ ދުނިޔޭގެ ކުޅަދާނަ އެކްޓަރުންތަކެއް ފިލްމުގެ ކާސްޓަށް ނިސްބަތްވިޔަސް ފިލްމެއްގެ ގޮތުގައި "ސުއިސައިޑް ސްކޮޑް" ބަލައިގަތް ބަޔަކު ނެތެވެ.

ނަމަވެސް އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި އަދިވެސް އަތްގަދަކޮށްފައިވާ ބައިގަނޑަކީ "ސުއިސައިޑް ސްކޮޑް" އެވެ. މިއީ ޑީސީގެ ސުޕަވިލަންތައް ނިސްބަތްވާ މި ފިލްމުގެ ތިން ވަނަ ހަފުތާ އެވެ. ފާޑުކިޔުންތެރިންގެ ހަމަލާތަކުން ކިތަންމެ ބޮޑަށް ޒަހަމްވެފައި އޮތް ނަމަވެސް ނިމިގެން ދިޔަ ހަފުތާ ބަންދުގައި ވެސް ފިލްމުގެ ޝޯތަކުން 20.7 މިލިއަން ޑޮލަރު ނެގި އެވެ.

މި އަދަދާ އެކު ފިލްމުގެ ބޮކްސް އޮފީސް ޖުމްލަ މިހާރު ވަނީ 572 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މި ފިލްމަކީ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ޑޭވިޑް އަޔާ ޑައިރެކްޓްކޮށްފައިވާ "ސުއިސައިޑް ސްކޮޑް" ގެ ޝޯތައް ރަސްމީކޮށް ފެށީ މި މަހުގެ ފަސް ދުވަހު އެވެ. މި ފިލްމަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އޭގެ ޑައިރެކްޝަނަށާއި އެޑިޓިން އަށެވެ. މީގެ އިތުރުން އޭގެ ކެރެކްޓާތަކުގެ ދޯދިޔާކަން ވެސް ފާޑުކިޔުންތެރިން ފާހަގަކޮށްފައިވެ އެވެ.

ފިލްމުން ކިރިޔާ ވެސް ފާޑުކިޔުންތެރިންނަށް ކަމުގޮސްފައި ވަނީ ހާލީ ކްއިންގެ ރޯލު ކުޅެފައިވާ ބަތަލާ، މާގޮޓް ރޯބީގެ ޕާފޯމެންސެވެ. ޖޭރެޑް ލެޓޯގެ ޖޯކާ ޕާފޯމެންސަށް އެއް ބަޔަކު ތައުރީފުކޮށްފައިވާއިރު ފިލްމުގައި އޭނާގެ ކެރެކްޓާއަށް އެކަށީގެންވާ ވަގުތު ދީފައި ނެތް ކަމަށް ބުނާ މައްސަލަ ވެސް ބޮޑެވެ.

މި ފާޑުކިޔުންތަކާ އެކު "ސުއިސައިޑް ސްކޮޑް" ސިފަވެގެން ދަނީ ފަހުގެ ތާރީހެއްގައި ނެރުނު އެންމެ ފީކަޅާ ސުޕަހީރޯ ފިލްމުގެ ގޮތުގަ އެވެ.

ނަމަވެސް ޑީސީ އާއި އޭގެ ސުޕަހީރޯތަކަށް ހިތްޖެހިފައިވާ ކޮމިކް ފޭނުން ބުނަނީ ފާޑުކިޔުންތެރިން އުޅެނީ ޒާތީގޮތުން ޑީސީގެ ސުޕަހީރޯ ފިލްމުތަކާ ޖައްސާލައިގެން ކަމަށެވެ. ނުވަތަ ވާދަވެރި މާވެލްގެ ފިލްމުތަށް ތައުރީފު އޮއްސުމަށް ފަހު ޑީސީގެ ފިލްމުތަކަށް ފާޑުކިޔުން އަބަދުވެސް ފާޑުކިޔަނީ ރިޝްވަތު ކައިގެން ތިބެ ކަމަށެވެ.

"ސުއިސައިޑް ސްކޮޑް" އަށް ފާޑުކިޔުންތެރިންގެ ހަމަލާތަކުން ސަލާމަތްނުވެވިގެން އުޅޭއިރު ކުރިން ނެރުނު ޑީސީގެ ފިލްމު "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް" ވެސް ފާޑުކިޔުންތެރިންނަކަށް ކަމުނުދިޔަ އެވެ.