ރާއްޖެ ކުޅިވަރު

ފިއުޗާ ޕްރޮޖެކްޓްގެ ރެފްރީން ރާއްޖެ އައުމަކީ ކުރިއެރުމެއް: މޯހަން

އޭއެފްސީ ފިއުޗާ ޕްރޮޖެކްޓްގެ ރެފްރީން ރާއްޖޭގައި ރެފްރީކަން ކުރުމަކީ ދިވެހި ފުޓްބޯޅަ އަށާއި ރެފްރީންނަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އޭއެފްސީގެ ފިއުޗާ ޕްރޮޖެކްޓްގެ 10 ރެފްރީން ވަނީ ރާއްޖޭގެ ތިން މުބާރާތެއްގައި ރެފްރީކަން ކޮށްފަ އެވެ. އެއީ އުރީދޫ ދިވެހި ޕްރެމިއާ ލީގާއި އެފްއޭކަޕް އަދި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގަ އެވެ. މި ރެފްރީންގެ ނިންމުންތަކާމެދު ދިވެހި ކުލަބުތަކުން ވެސް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

"މި ކޯސް ރާއްޖޭގައި ބާއްވާކަމީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަހަރެން އުއްމީދުކުރަނީ މި ކޯހުގެ ބައިވެރިންނަށް ރާއްޖޭގެ މެޗުތަކުން ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް. ބައެއް މެޗުތަކަށް ވަރަށް ވަރުގަދަވާނެ. އަހަރުމެން އެދެނީ ކޯހުގެ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބު،" ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު މޯހަން ބުންޏެވެ.

ނިއުރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ފަހުން ކޯޗުކޮށްދިން މޯހަން ބުނީ ފިއުޗާ ޕްރޮޖެކްޓްގެ ރެފްރީންނަށް އެފްއޭއެމުން ކޮންމެ އަހަރަކު ވެސް މަރުހަބާކިޔާ ކަމަށެވެ.

"މިއީ ރެފްރީންނަށް އެމީހުންގެ ތަޖުރިބާ އާއި އިލްކު ހިއްސާކޮށްލަން ލިބޭ ފުރުސަތެއް. މީގެ ސަބަބުން ރެފްރީން ކުރިއަރައި ދިވެހި ފުޓްބޯޅަ އަށް ފައިދާކުރާނެ،" މޯހަން ބުންޏެވެ.

އޭޝިޔާގެ ނުވަ ގައުމަކުން ހޮވާލެވުނު އެންމެ މޮޅު 10 ރެފްރީން މި ކޯހުގައި އޭއެފްސީން ވަނީ ބައިވެރިކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ތިން އަންހެން ރެފްރީންނާއި ހަތް ފިރިހެނުންނެވެ. އަންހެން ރެފްރީން ދިވެހި ލީގު މެޗުތަކުގެ ރޮނގަށް ނުުމެފައިވާއިރު ޔޫތު ޗެމްޕިއަންޝިޕުގައި ރެފްރީކަންކޮށްފައިވެ އެވެ.