ވާހަކަ

ކުރު ވާހަކަ: ހިތްފުރެންދެން

އަހަރެންގެ ހިތެއް ދުވަހަކު ވެސް ނުފުރޭނެ އެވެ. އަހަރެން، ދުވަހަކު ބަދަލެއް ވެސް ނުވާނެ އެވެ.

ހިތަށް އެރީ އެހެންނެވެ. އެކަމަކު އެ މޮޔަ ހިތް ފުރުނީ އެވެ. ބަދަލުނުވާނެ ކަމަށް ގަބޫލުކުރި ހުރިހާ ކަމެއް ބަދަލުވެސްވީ އެވެ. އަހަރެންގެ ހަޔާތަށް އޭނާ އައިސް ފުންމާލި ހިސާބުންނެވެ. ނުވަތަ ބުނަންވީ އޭނާގެ ހަޔާތަށް އަހަރެން ގޮސް ފުންމާލި ހިސާބުންނޭ ހެއްޔެވެ؟

މިއީ ލޯބީގެ ވާހަކައެއް ނޫނެވެ. އަހަރެންގެ ހިތް ފުރުނީ ލޯތްބަކުންނެއް ވެސް ނޫނެވެ. އަދި ހުރިހާ ކަމެއް ބަދަލުވީ ލޯބީގެ ގަދަ އަސަރެއްގައި ޖެހިގެންނެއް ވެސް ނޫނެވެ.

އަހަރެމެން ދެ މީހުން ބައްދަލުވީ ރައްޓެއްސެއްގެ ގެއެއްގައި އޮތް ޕާޓީއަކުންނެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހަނީ އެވެ. ހައުސް މިއުޒިކާއި ކުލަބޮކީގެ ހިތްގައިމުކަމެކެވެ. ޝަރާބާއި މަސްތުގެ ދުމާއި ވަހެވެ. ފަތާއި ތެލާއި، އެހެން ދުނިޔެ އެކެވެ.

ރޯކުރި މަލްބަރޯ ހާޑް ހުސްކޮށް ވައިގެ ތެރެއަށް އޭގެ ކަނިގަނޑު އެއްލާލުމުން ޖެހުނު ރޯޅިއެއްގައި އަރައި އެނބުރިގަނެގެން ގޮސް ގެއްލުނީ އެވެ. ދިހަ ބުރީގެ އިމާރާތުގެ ޓެރަހުގައި އެ މަންޒަރު ބަލަން ހުރެފައި އެނބުރިގަތްތަނުން ދެން ދިއްކޮށްލީ މަލްބަރޯ ހާޑަކަށް ވުރެން ބާރުގަދަ އެއްޗެކެވެ.

އެކަމަކު އޭގައި ނުހިފައި، ވާހަކައެއް ވެސް ނުދައްކައި އަހަރެން ބޯހޫރާލީ އެވެ. ޗަކަ ހިނިތުންވުމެއް ދީގެން، ފަތު ބިޑިއެއް ދިއްކޮށްލައިގެން ހުރި ފިރިހެނަކީ ކުރިން މި ބުނި އޭނާ އެވެ.

"ބޭނުމެއް ނޫންތަ؟"

އިސް ނެގީ ވެސް އަދި ވާހަކަ ފެށީ ވެސް އޭނާ އެވެ.

"ބޭނުން ނުވާތީ ދޯ މިތާނގަ ހުންނާނީ،" އޭނާގެ ވާހަކައަށް އަހަރެން ދިން ޖަވާބަކީ އެއީ އެވެ.

"ދެން ކީއްވެ އައީ؟"

އޭނާގެ އެ ސުވާލަކަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ. ނުވަތަ އެ ސުވާލަށް ޖަވާބު ދޭން އަހަރެން ބޭނުން ނުވީ އެވެ. ފަހަރެއްގައި އެ ސުވާލެއްގެ ޖަވާބަކީ ޚުދު އޭނާ ކަމަށް ވީމަ ކަމަށް ވެސް ވެދާނެ އެވެ.

ދެން އައީ ކިޔައިދޭން ނޭނގޭ ނުވަތަ ބުނެދޭން ނޭނގޭ ކަހަލަ މޫސުމެކެވެ. އެ މޫސުމެއްގެ ވަޔާއި ތެތްކަމުގައި ޖެހި އަހަރެންގެ ހުރިހާ ހިއްސެއް ފޯވީ އެވެ.

ދެން މި ވާހަކައެއް ފެށެނީ އޭނާގެ ކޮޓަރިންނެވެ.

*** ** ** ***

ގާތްގަނޑަކަށް ނުވަ ފޫޓް އަށް ފޫޓްގެ ކޮޓަރިއެކެވެ. އޭސީއެއް ނެތެވެ. ކޮންމެވެސް ވަރަކަށް ދަބަރު ހިލާފައިވާ ބްރޭންޑް ބުނެދޭން ނޭނގޭ ފަންކާއެކެވެ. ފާރު ގޮސް ސީލިންގާ ގުޅޭހިސާބަށް ފެން ފޭދި ކުލަގަނޑު ފުފި، ނެއްޓި، މުޑުދާރުވެފަ އެވެ. އެކަމަކު އެ ހަތަރު ފާރުގައި އެހެން ހިތްގައިމުކަމެއް ތަތްކޮށްފައިވެ އެވެ.

"ހަޔާތަކީ ކުރު އެއްޗެކެވެ. މަސްތުގެ ދުމަށް މަރުހަބާ އެވެ."

އެއް ޕޯސްޓަރުގައި އޮތީ އެހެންނެވެ.

"މަޖާކޮށްލާށެވެ."

އަނެއް ޕޯސްޓަރުގައި އޮތީ މިހެންނެވެ. އަނެއް ޕޯސްޓަރުގައި ވެސް އޮތީ މިހެންނެވެ. އަދި އަނެއް، ޕޯސްޓަރުގައި ވެސް އޮތީ ހަމަ މިހެންނެވެ.

އެކަމަކު އަހަރެން އެ ކޮޓަރިއަށް ދިޔައީކީ ފަތްބޯކަށެއް ނޫނެވެ. ފަހަރެއްގައި ބާކީ ހުރި ޕޯސްޓަރުތަކުގައި ބުނި ވާހަކަ ގަބޫލުކޮށްގެންނެވެ.

މަލްބަރޯ ހާޑެއް ނަގައި ރޯކޮށް، ދަމައި ހުސްކޮށް މޭޒުމަތީގައި ހުރި އަޅިކެނޑިއަށް ނިއްވާލާފައި އެނބުރިގަތުމުން ދެން އަހަރެންގެ ގައިގައި ބައްދައިގަތީ އޭނާގެ ހޫނާއި ދަލާއި މަސްތުގެ ކިލަނބުކަމެވެ.

އޭނާ އިނީ ތިރިތިރި އެނދުގައި އިށީނދެލައިގެންނެވެ. ކޮޓަރިއަށް ވަންގޮތަށް ބޭލި ޓީޝާޓު އެނދުމަތީގައި އޮތެވެ. ލައިގެން ހުރި ކަޅު ކުލައިގެ ލިވައިސް ޖިންސުގެ ގޮށްފަތި ނެއްޓި، ގޮޅި ޖެހި ބޮކްސާ ފެންނަ ވަރަށް ހާމަ އަށެވެ.

އަހަރެން ހުރީ ކުރިމަތީގައި ކޮޅަށެވެ. އުނަގަނޑުގައި ދެ އަތުން ހިފައި، އިނގިލިތަކުން ކުޅެމުން ގޮސް އޭނާ އަހަރެންގެ ޖިންސުގެ ގޮށް ނައްޓުވާލި އެވެ. އެއަށް ފަހު ބޮސްދިނީ ފޫޅާދިމާލުން ތަންކޮޅެއް ތިރިއަށެވެ. އެވަގުތު، ބޯމަތީގައި އެނބުރެމުން ދިޔަ ފަންކާއާ ދިމާލަށް އިސް އުފުލައި ބަލައިލެވުނީ ތުންފަތުގެ ތެތްކަމާއި ޓްރިމްކޮށްފައިވާ ތުނބުޅީގެ ކުރަކިކަމުގައި އަރައިގަތް ހީލިގަނޑެއްގެ ބާރަށް ކެތްނުކުރެވިގެންނެވެ.

ދެން ހީވީ މަންޒަރު ހުއްޓުނުހެންނެވެ. ނުވަތަ އެ ފަންކާއެއް ނިއްވާފައި ހުރީ އެވެ. ފިޔަ ގުނަން ނޭނގޭ ހަލުވި މިނުގައި އަލުން ފަންކާ އެނބުރިގަތީ ތިރިން އަރައިގެން އައި ތެތްކަމުގައި އަހަރެންގެ ކަރުވަޅު ތެމި ފޯކޮށްލުމުންނެވެ.

ދެން ވެއްޓިގެން ގޮސް ގެއްލުނީ އާދަޔާހިލާފު އަރާމުކަމެއްގެ ތެރެއަށެވެ. – ނުފުރި އޮތް ހިތް އޭނާ ފުރުވައިފި އެވެ. ބަދަލުނުވި ހިތް އޭނާ ބަދަލުކޮށްލައިފި އެވެ.

އެއަށް ފަހު މި ވާހަކައެއް ދެން ފެށެނީ އަހަރެންގެ ކޮޓަރިންނެވެ.

*** ** ** ***

އޭސީގެ ފިނިކަމާއި ވައިގެ ތެތްކަމެވެ. އަރާމެވެ. އެކަމަކު އަރާމެއް ނުލިބި، ފިކުރު ބޮޑުވެ، ދެ ލޯ ބޮޑުވެފަ އެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީ އެވެ.

ދެން އިވުނީ ބޭރުން އައި މީހަކު ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފި އަޑެވެ. އާދައިގެ މަތިން މަޑުމަޑުން ދޮރު ހުޅުވާލުމަށް ފަހު ވަގުވަގަށް ކޮޓަރި ތެރެއަށް ވަދެ އަނދިރިކަމުގެ ތެރެއަށް އެ މީހަކު ގެއްލިއްޖެ އެވެ. އެކަމަކު ވެސް އެއީ ކާކުކަން އެނގޭ ހާލުގައި އޮވެ އަހަރެން އެންމެފަހުން ދެ ލޯ މަރައިގަތީމެވެ. އިރުއަރާއިރު އަހަރެންގެ ފިރިމީހާ އަހަރެންގެ ގާތުގައި ނިދާފައި އޮންނާނެކަން ޔަގީންވާތީ އެވެ.

ކޮޓަރިއަށް އައިސް އެ ވަނީ އޭނާ އެވެ. ކޮންމެ ދުވަހެއްގެ އޮފީސް ނިމޭ ގަޑިއަކީ އެއީ އެވެ. ނުވަތަ އެއީ ހުސް ރޯ ބުހުތާނު ދޮގެވެ.

ފިރިމީހާ ދޮގު ހަދާކަން އަހަންނަށް އެނގެނީ، ދޮގު ހަދަން އަހަންނަށް ވެސް އެނގޭތީ އެވެ. މީހުން ކައިރިއަށް ވަދެފައި އައިސް އެކަން ސިއްރުކޮށްގެން އުޅެން އަހަންނަށް ވެސް އެނގޭތީ އެވެ.

މާ ކުރިން ވެސް ބުނިހެން، މިއީ އެއްގޮތަކަށް ވެސް ލޯބީގެ ވާހަކައެއް ނޫނެވެ. އަދި މި ވާހަކައެއްގައި ބަތަލެއް ވެސް ނުވެ އެވެ. މި ވާހަކައިގައި ވަނީ ހުސް ނުބައި މީހުންނެވެ. އެކަމަކު އެ އެންމެންގެ ވެސް ސިއްރުތަކެއްވެ އެވެ. ފޮރުވިފައިވާ އަސަރާއި ޖަޒުބާތުވެ އެވެ.

ޕާޓީއަކުން ބައްދަލުވެ މަސްތާއި އަރާމު ގެނުވައި ދިން ފިރިހެނެއްގެ އުނގަށް އަހަރެން ވެއްޓިގަތީ ކައިވެނިކުރި ފިރިމީހާ ހޯދައިދިން ދިރިއުޅުމަށް ވީ ފޫއްސަކުންނެވެ. މިއީ އަހަރެންގެ ހާލާތު ކިޔައި ދެވިދާނެ އެއްގޮތެވެ. އަނެއް ގޮތް އަދި ކިޔައި ނުދީ ބާއްވާނީ އެވެ.

ދެން މި ވާހަކައެއްގައި މި އުޅެނީ އަހަރެންގެ ވަފާތެރި ފިރިމީހާ އާއި ޕާޓީ އިން އަހަންނާ ބައްދަލުވި ޒުވާނާ އާއި އަހަރެންގެ ފިރިމީހާ އަށް މާ ކަމުދާ އަންހެނެކެވެ. އެ އަންހެނެއްގެ އުނގުން އުފާ ހޯދައި އަރާމުކުރަމުން އަންނަ ވާހަކައެއް އަހަންނަށް ކިޔައި ނުދިނަސް އެ ކުޅިގަނޑަކަށް މިހާރު އަހަރު ފުރެނީ އެވެ.

އަހަރު ފާހަގަކުރުން ކުރިއަށް އޮތީ އެވެ. އެކަމަކު އޭގެ ކުރިން އަހަރެމެން ޖެހިލާނީ އެއްކަހަލަ ޕާޓީ އިން ދިމާވި ޒުވާނާގެ ކޮޓަރިއަށެވެ.

މިއީ އަސްލު ކާކުކަން އެނގޭ ހެއްޔެވެ؟ -- އަހަރެންގެ ފިރިމީހާ ހިތާވެގެން އުޅޭ އަންހެން މީހާގެ ހުރި ހަމައެކަނި ދަރި އެވެ.
ޕާޓީއަކުން ބައްދަލުވެ މަސްތާއި އަރާމު ގެނުވައި ދިން މި ޒުވާނެއްގެ އުނގަށް އަހަރެން ވެއްޓިގަތް އަނެއް ސަބަބަކީ މިއީ އެވެ.

*** ** ** ***

ނިކަން އުފަލުގައި އުޅެނިކޮށް މާ ދުރުން އައި ހިލޭ އަންހެނަކު، ތިމާގެ ލޯބިވާ ފިރިމީހާ ޖަހައިގެން ގޮސް، ތިމާގެ އުފާވެރި ދިރިއުޅުން ހަލާކުކޮށްލީމަ މަންޒަރު ބަލަން މަޑުން އިނދެވޭނީ ކާކަށް ހެއްޔެވެ؟ އަހަންނަށްވީ މިހެންނެވެ. ހަޔާތުގައި ރޯވި ހުޅުގަނޑުގައި މާ ބޮޑަށް ފިހުނީ އެވެ. އެކަމަކު އެކަނި އެ އަލިފާނުގައި އަނދައިގެން ދާން ބޭނުންނުވީ އެވެ.

ހިތްފުރެން އޮތް ގޮތަށް ހިތް ފުރުވީ އެވެ. ބަދަލުވާން ނެތް ހިތް ބަދަލުކުރުވީ އެވެ.

އަހަރެން ބޭނުންވީ އެ ނުލަފާ އަންހެން މީހާގެ ހިތަށް ހަންޖަރެއް ހަރާށެވެ. އެކަމަކު އޭނާ މަރު ނުވެ ތާއަބަދަށް ވޭނުގައި ނުވަތަ ހިތާމައެއްގައި ތެޅިލަތެޅިލަ އޮންނަ ވަރުގެ ހަމަލާއެއް އޭނާ އަށް ދޭށެވެ.

ދަބަސް ތެރެއިން ނެގި ހަ އިންޗި ވަޅީގެ ތިލަ ގެއްލެން ދެން އެ ޒުވާނާގެ މެއަށް ކޮށްޕައި ލޭ އޮހޮރުވާލީ އެހެންވެގެންނެވެ.

އެކަމަކު ދެން ވެސް މި ވާހަކައަކަށް އައީ އަހަރެން ބޭނުންވި ނިމުމެއް ނޫނެވެ. އަހަންނަށް ނޭނގޭ ވާހަކައަކަށް އޮތީ އަހަރެންގެ ފިރިމީހާ އާއި އެ އަންހެން މީހާގެ ލޯބީގެ ފުންކަމެވެ. އެމީހުންގެ ލޯބީގެ މި ވާހަކައެއް ފެށުނީ މީގެ 20 އަހަރު ކުރިން ކަމާއި އެ ލޯތްބަށް 18 އަހަރުގެ ފިރިހެން ކުއްޖަކު ލިބިފައިވީ ކަމެވެ. – އަދި އަހަރެން، އެ މީހުންގެ ވާހަކަ އަށް އައީ މާ ފަހުން ކަމެވެ.

އަހަރެންގެ ހިތެއް ދުވަހަކު ވެސް ނުފުރޭނެ އެވެ. އަހަރެން، ދުވަހަކު ބަދަލެއް ވެސް ނުވާނެ އެވެ.

ހިތަށް އެރީ އެހެންނެވެ.

ބަލިވެ އިންކަން އެނގުނީ އޭގެ ދެ ހަފުތާ ފަހުންނެވެ.