ލައިފްސްޓައިލް

ވަޅި "ކެއުމަށް" އެޑިކްޓްވި މީހާ އޮޕަރޭޝަންކުރިއިރު ބަނޑުތެރޭގައި 40 ވަޅި!

Aug 23, 2016

ނިއު ދިއްލީ (22 އޯގަސްޓް) - މިއީ އިންޑިއާ މީހެއްގެ އާދަޔާހިލާފު ވާހަކަ އެވެ. އޭނާގެ މި އާދަޔާހިލާފު އެޑިކްޝަން ނިމުމަކަށް ގެނައީ އިންޑިއާގެ އުތުރު ބިތުގައި އޮންނަ އަމްރިޝްތާރު ސިޓީގެ ހޮސްޕިޓަލެއްގައި ޑޮކްޓަރުންގެ ޓީމަކުން ކުރިއަށް ގެންދިޔަ ފަސް ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ.

އުމުރުން 42 އަހަރުގެ އެ މީހާގެ ބަނޑު ފަޅާލައިގެން 40 ވަޅި ނެގީ އެވެ. ލަންބާލެވޭ މި ވަޅިތައް އޭނާގެ ބަނޑުތެރެއިން ނަގައި ހުޅުވާލިއިރު ކޮންމެ ވަޅިއެއްގައި ގާތްގަނޑަކަށް ހަތް އިންޗި ހުއްޓެވެ.

މި އާދަޔާހިލާފު އޮޕަރޭޝަނުގައި އިސްކޮށް އުޅުއްވި ޑޮކްޓަރު ޖަތިންދާ މަހޯތުރާ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މިވަރުގެ ކަމެއް އޭނާގެ 20 އަހަރުވީ ކެރިއަރުގައި ދެކިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ތިބީ ވަރަށް ބިރުން. ކުޑަ ކުޑަ ގޯހެއް ހެދުނު ނަމަވެސް ބަލި މީހާގެ ފުރާނަ ދިޔައީސް. އަޅުގަނޑުގެ 20 އަހަރުވީ ކެރިއަރުގައި މިވަރުގެ ކަމެއް އަދި ނުދެކެން،" ޑޮކްޓަރު ވިދާޅުވި އެވެ.

"މި މީހާ ކާލާފައި ވަނީ ލަންބާލެވޭ ވަޅިތަކެއް. އޭގެ ތެރެއިން ބައެއް ވަޅިތައް ދިރުވާލާފައި ވަނީ ލަންބާލުމަށް ފަހު އަދި ބައެއް ވަޅިތައް ހުޅުވާލާފައި. އަދި ބައެއް ވަޅިތައް ނެގިއިރު އޭގައި ވަނީ ދަބަރު ހިލައި ހަލާކުވާން ކައިރިވެފައި."

މި އޮޕަރޭޝަނަށް ފަހު ބަލި މީހާގެ ހާލަތު ރަނގަޅުކަމުގައިވީ ނަމަވެސް އޭނާ ދޫކޮށްލަން ހަމަޖެހިފައި ވަނީ ނަފުސާނީ ތަހުލީލެއް ހެދުމަށް ފަހު އެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބަލިމީހާ ބުނެފައި ވަނީ މީގެ ފަހުން ދުވަހަކު ވެސް ވަޅިއެއްގައި އޭނާ ދެން އަތް ނުލާނެ ކަމަށެވެ. އަދި ވަޅިތައް "ކެވުނީ" ދަގަނޑުގެ ރަހަ އަށް ދެވިހިފުމުގެ ސަބަބުން ކަމަށާއި އެފަދަ ކަމެއް ކުރެވުނީތީ އާއިލާ އާއި އެންމެންގެ ކިބައިން މައާފަށް ވެސް އެދޭ ކަމަށެވެ.

ދެ ކުދިންގެ ބައްޕައެއް ކަމުގައިވާ މި މީހާ ވަޅިތައް ދިރުވަމުން ދިޔައީ އާއިލާގެ މެމްބަރުންނަށް ވެސް ވަގަށެވެ.

"ވަޅިތައް ދިރުވާލެވުނު ސަބަބެއް ބުނެދޭކަށް ނޭނގޭ. އޭގެ ރަހަ މާ ބޮޑަށް ކަމުދިޔައީ. ވަރަށް މީރު. އަޅުގަނޑު ހުރީ ހަމަ ދެވިހިފާފައި. ރަލާއި މަސްތުވާތަކެއްޗަށް ދެވި ހިފުމެކޭ ހަމަ އެއްވެސް ތަފާތެއް ނެތް އަޅުގަނޑުގެ ހާލަތަކާ،" އެ މީހުން ބުނެފައިވެ އެވެ.

އޭނާ 40 ވަޅި ދިރުވާލާފައި ވަނީ ދެ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.