ހިލަރީ ކްލިންޓަން

ހިލަރީގެ 15000 މެއިލް ބަލަން ފެޑްރަލް ކޯޓުން އަމުރުކޮށްފި

Aug 23, 2016

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންގެ އީމެއިލްގައިވާ އިތުރު 15000 މެއިލް މުއާމަލާތާއި ޑޮކިޔުމެންޓްސްތައް ބެލުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓަށް އެ ގައުމުގެ ފެޑްރަލް ކޯޓުން އަންގައިފި އެވެ.

ފެޑްރަލް ކޯޓްގެ ފަނޑިޔާރު ޖޭމްސް ބޯސްބާގް އިއްޔެ ސްޓޭޓް ޑިޕާޓްމެންޓްގެ މައްޗަށް އަމުރުކޮށްފައިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު ކަމުގައި 2009 އިން 2013 އަށް ހިލަރީ ހުންނެވި ދުވަސްވަރު އެކަމަނާގެ އީމެއިލުން ކުރައްވާފައިވާ މުއާމަލާތާއި މައުލޫމާތުތަކާއި ޑޮކިޔުމެންޓައް ބެލުމަށެވެ.

އެމެރިކާގެ ސީބީއެސް ނިއުސް އިން ބުނެފައިވަނީ ކޯޓްގައި ބޮސްބާގް ސްޓޭޓް ޑިޕާޓްމެންޓް ކުރެން ހިލަރީއަށް ލިބިފައިވާ ނުވަތަ އޭނާ ފޮނުވާފައިވާ 15000 އީމެއިލްގެ ޑޮކިޔުމެންޓްސް ބެލުމަށް ކިހާ ދުވަހެއް ހޭދަވާނެތޯ ސުވާލުކުރުމުން، ސްޓޭޓް ޑިޕާޓެމެންޓުން ވަކި ޖަވާބެއް ދިފައި ނުވާ ކަމަށެވެ.

ކޯޓުން އަންގާފައިވަނީ އެއްމަސް ދުވަސްތެރޭ މެއިލްތައް ބެލުނުވަރެއްގެ އަޕްޑޭޓް ކޯޓަށް ދިނުމަށެވެ.

ބޮސްބާގް ވަނީީ، ޖުލައި މަހު އެމެރިކާގެ އެފްބީއައި އިން ސްޓޭޓް ޑިޕާޓްމެންޓަށް ފޯރުކޮށްދީފައިވާ ދެ ސީޑީގެ ތެރެއިން "ޑިސްކް 1" ގައިވާ މައުލޫމާތުުތައް ވީހާވެސް އަވަހަކަށް ހާމަ ކުރުމަށް އަންގާފަ އެވެ.

"ޑިސްކް 1" ގައިވާ ކަމަށް ލަފާ ކުރެވެނީ ހިލަރީ ފޮނުވާފައިވާ ނުވަތަ އެކީ އީމެއިލްތަކުން ލިބިފައިވާ މެއިލް މެސެޖުތަކާއި އޭގައިވާ އެޓޭޗްމެންޓް ފައިލްތައް ކަމަށް ވޮށިންޓަން ޕޯސްޓްގައި ބުނެފައިވެ އެވެ.

ހިލަރީގެ އީމެއިލްގައިވާ މެއިލްތަކުގެ ތެރެއިން ކުރިން އާންމު ކުރި 30000 މެއިލްގެ 50 ޕަސަންޓަކީ ސީދާ ހިލަރީގެ ޕާސަނަލް މެސެޖު ނޫން ކަމަށް ހިލަރީގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ހިލަރީގެ މެއިލްއާ ބެހޭގޮތުން މައްސަލަ ފެންމަތިވީ އޭނާ ހާރިޖީ ވަޒީރު ކަމުގައި ހުންނެވި ދުވަސް ވަރު ރަސްމީ ބޭނުންތަކަށް ވެސް އޭނާގެ ޕާސަނަލް މެއިލް ބޭނުން ކުރައްވާފައިވާ މައްސަލަ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ނެންގެވުމުންނެވެ.