ހަބަރު

ހަވީރު މުވައްޒަފުންނަށް ކުރި އަމުރަށް އަމަލުކުރުން ފަސްކޮށްދޭން އެދިއްޖެ

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ބުނެ އެ އަމުރަށް އަމަލު ކުރުން ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް މިއަދު ދައުލަތުން ހައިކޯޓުގައި އެދެފި އެވެ. މިގޮތަށް އެދިފައިވަނީ ހަވީރުގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ.

ހައިކޯޓުގައި ދައުލަތުން މިއަދު ވަގުތީ އަމުރަކަށް އެދިފައިވާއިރު، އެ އަމުރާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ، ވަރަށް އަވަހަށް އަމުރާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ހަވީރުގައި މަސައްކަތްކުރި މުވައްޒަފުން އެހެން ނޫހެއްގައި މަސައްކަތްކުރަމުންދާއިރު، ދެ އަހަރުވަންދެން އެ މުވައްޒަފުން "ހަވީރު" ނޫން އެހެން ނޫހެއްގައި މަސައްކަތްކުރާނަމަ ފިޔަވަޅު އަޅަން ސިވިލް ކޯޓުން ހޯމް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ހޯމް މިނިސްޓްރީ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ބުނެފައިވަނީ އަމުރު އެގޮތަށް އޮތް ނަމަވެސް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

މި މައްސަލާގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމި ނުކުތާތައް ފާހަގަކޮށްފަ އެވެ. އެގޮތުން ފުރަތަމަ ނުކުތާއެއްގެ ގޮތުން ދައުލަތުން ފާހަގަކުރީ، ނޫސް މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ ވަކިވަކި މުވައްޒަފުންނާމެދު ވަކި ތަނެއްގައި މަސައްކަތްކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ގާނޫނެއްގެ ދަށުން ހޯމް މިނިސްޓްރީއަށް ނުވަތަ ސަރުކާރުގެ އެހެން ވުޒާރާއަކަށް ވެސް ލިބިފައިނެތް ކަމެވެ. ދެވަނަ ސަބަބަކީ، ސިވިލް ކޯޓުގެ ނިންމުމަކީ ތަންފީޒުކުރެވޭނެ ނިންމުމަކަށްނުވުމެވެ.

ތިންވަނަ ސަބަބަކީ، ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު އިހުތިޔާރުކުރާ ވަޒީފާއެއް އަދާުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާތީ އެވެ.

މި މައްސަލާގައި ދައުލަތުން ފާހަގަކުރަނީ ހަ ނުކުތާ އެވެ. ނަމަވެސް މިއަދުގެ މަޖިލީހުގެ ވަގުތު ހަމަވިއިރު ފާހަގަކުރެވުނީ ތިން ނުކުތާއެކެވެ. ބާކީ ހުރި ނުކުތާތައް ފާހަގަކުރުމަށް އެހެން އަޑުއެހުމެއް ބާއްވާނެ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ވަޒީފާ އަދާކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާއިރު އެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ކޮށްފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމުގައި ކަނޑައަޅައިދިނުމަށް ދައުލަތުން އެދޭ ކަމަށެވެ. އަދި ވިދާޅުވީ، ވަޒީފާ އަދާކުރުމުގެ ހައްގު ނިގުޅައިގަނެވޭނެ އެއްވެސް ގާނޫނެއް ހެދިފައިނުވާއިރު އެފަދަ އަމުރެއް މުވައްޒަފުންތަކެއްގެ މައްޗަށް ކުރެވިގެން ނުވާނެ ކަމަށެވެ.

ވަކީލް އިތުރަށް ވިދާޅުވީ، ފަނޑިޔާރުން ނިޔާ ކަނޑައެޅުމުގައި ފުރަތަމަ ބައްލަވަން ޖެހޭނީ ގާނޫނު އަސާސީއަށް ކަމަށާއި އިސްލާމީ ޝަރީއަތަށް ބަލަންޖެހޭނީ ގާނޫނު އަސާސީގައި އެކަމަކަށް ގޮތެއް ކަނޑައަޅާފައި ނެތް ނަމަ ކަމަށެވެ. އެގޮތުން ސިވިލް ކޯޓުން އެ އަމުރު ކޮށްފައިވަނީ ހަމައެކަނި ފިގުހީ ގައިދާއަކަށް ބަލައިގެން ކަމަށާއި ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް އެ އަމުރުން ނިގުޅައިގަނެވިފައިވާ ކަމަށެވެ.

މީގެއިތުރުން އެ އަމުރަކީ ރާއްޖެ ބައިވެރިވާ ފޯސް ލޭބާ ކޮންވެކްޝަން މުއާހަދާއާ ވެސް ހިލާފު އަމުރެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ފަނޑިޔާރު ވަނީ ގާނޫނު އަސާސީގެ 25 މާއްދާއާ ގުޅޭ ގޮތުން ދައުލަތާ ސުވާލުކޮށްފަ އެވެ.ދައުލަތުގެ ވަކީލް ވަނީ ގާނޫނު އަސާސީގެ 25 ވަނަ މާއްދާގައި އެއްވެސް މީހަކު އަޅުވެތިކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސިވިލް ކޯޓުގެ އަމުރުން އެ މުވައްޒަފުންގެ ރުހުމެއް ނެތި ވަކި ތަނެއްގައި މަސައްކަތްކުރުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އެ މާއްދާގެ ހ. ގައި ބުނެފައިވަނީ އެއްވެސް މީހަކު އަޅުވެތިކޮށްގެން ނުވާނެ ކަމަށާއި އަދި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތްކުރުވައިގެން ނުވާނެ ކަމަށެވެ.

ފަނޑިޔާރު ވަނީ މާއްދާގެ ށ.އާ ގުޅޭ ގޮތުން ދައުލަތާ ސުވާލުކުރިމަތިކުރުވާފަ އެވެ. އެ މާއްދާގެ ށ.ގައި ހ.ގައިވާ ކަންކަމުން އިސްތިސްނާވާ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ކޯޓުގެ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން މަސައްކަތްކުރަން ޖެހުމަކީ މާއެްދާގެ ހ. އާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، އެއީ ވަކި ހާލަތަކެއްގައި ކަމަށާއި ދައުލަތުން ދެކޭ ގޮތުގައި އެގޮތަށް ބަޔާންކޮށްފައިވަނީ ޖިނާއީ މައްސަލައެއްގައި ކުރާ ހުކުމެއްގެ ސަބަބުން ޖަލު ހުކުމް، އެހެން ގޮތަކަށް ބަދަލުކުރަން ޖެހޭ ހާލަތްތަކުގައި ބޭނުންކުރެވޭ މާއްދާއެއްގެ ގޮތަށް ކަމަށެވެ.

މި މައްސަލަ ހަވީރުގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް އިއްޔެ ވަނީ ފަށާފަ އެވެ. އެ މައްސަލާގައި މިހާރު ވަނީ މައްސަލަ ހުށަހެޅި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ކޯޓަށް ހުށަހެޅުމަށް އަންގާފަ އެވެ.