ބޭރު ކުޅިވަރު

ސައުތުހެމްޓަން ބަލިކޮށް ލިވަޕޫލް ގަދަ ހަތަރަކަށް ގާތްކުރަނީ

އިނގިރޭސި ލީގުގައި ރޭ ސައުތުހެމްޓަން އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެ، ލިވަޕޫލް އިން ތާވަލްގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްއާދެމެދު އޮތް ތަފާތު ކުޑަކޮށްފި އެވެ.

ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ތިން ވަނަ މިނިޓުގައި ލިވަޕޫލަށް ލީޑު ހޯދައިދިނީ ބްެރެޒިލްގެ މިޑްފީލްޑަރު ފިލިލް ކުޓީނިއޯ އެވެ. އަދި 73 ވަނަ މިނިޓުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އިންގްލެންޑްގެ ޒުވާން ފޯވަޑް ރަހީމް ސްޓާލިން އެވެ.

އިނގިރޭސި ލީގުގައި މި އަހަރު މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ލިވަޕޫލް ހަ ވަނައިގައި އޮތީ 45 ޕޮއިންޓާއެކު އެވެ. ތާވަލްގެ ހަތަރު ވަނައިގައި ޔުނައިޓެޑް އޮތީ 47 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް އާސެނަލް އާއި ލިވަޕޫލްއާ ދެމެދު މިހާރު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. ލީގުގައި ބާކީ 12 މެޗު އޮތްއިރު، ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ގަދަ ހަތަރެއްގެ ޖާގަތަކަށް އޮތް ވާދަވެރިކަން ވަނީ ބޮޑުވެފަ އެެވެ.

"މި މެޗުން މޮޅުވުމަކީ ގަދަ ހަތަރެއްގެ ޖާގައަކަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުންޏެވެ. "ޖުމްލަކޮށް ބަލާއިރު ލިވަޕޫލްގެ ކުޅުން މި މެޗުގައި ރަނގަޅު."

ސައުތުހެމްޓަންގެ ކޯޗު ރޮނަލްޑް ކޫމަން ބުނީ މެޗުން ބަލިވިޔަސް، ގަދަ ހަތަރެއްގައި ސައުތުހެމްޓަން އަށް ސީޒަން ނިންމާލެވޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

"މިހާރު މި ދިމާވަނީ ލަނޑު ނުޖެހުމުގެ މައްސަލަ. މި މެޗުގައި ވެސް ސައުތުހެމްޓަން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ. އެކަމަކު ނަތީޖާ މި ނުކުތީ އަހަރެމެން އުންމީދުކުރި ގޮތަކަށް ނޫން. ލަނޑު ޖެހުން އެންމެ މުހިންމު ކަމަކީ،" ކޫމަން ބުންޏެވެ. "އަހަންނަށް ޔަގީންކަން އެބައޮތް އަހަރެމެންނަށް ގަދަ ހަތަރެއްގައި ސީޒަން ނިންމާލެވޭނެކަމާމެދު." -- ބީބީސީ