ތިމާވެށި

އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާތަކުގެ އިންވެންޓްރީއެއް ހަދަނީ

Aug 23, 2016

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކުގެ ބަދަލުގައި ބޭނުންކުރާ މާއްދާތަކުގެ އިންވެންޓްރީ ހެދުމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުން މިއަދު މާލޭގައި ފަށައިފި އެވެ.

މި މަޝްވަރާ ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް އެންޑް އެނާޖީ، އަބްދުﷲ މަޖީދެވެ. އޭނާ ވަނީ ތިމާވެއްޓަށް ގެއްލުންދޭ މާއްދާތައް ކުޑަކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.

އެއް ދުވަހަށް މިނިސްޓްރީގައި ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މިހާތަނަށް ތިމާވެއްޓަށް ގެއްލުންދޭ މާއްދާތަށް ރާއްޖެ އެތެރެވެފައިވޭތޯ ބަލައި 2030 އަންނަން ވާއިރަށް އެ މާއްދާތަށް ކޮންޓްރޯލް ކުރެވޭނެ މިންވަރު ބެލުމުގެ އިތުރުން ތިމާވެއްޓަށް ގެއްލުންދޭ މާއްދާތަށް ކޮންޓްރޯލްކޮށް މެނޭޖްކުރުމެވެ.

މި ބައްދަލުވުމުގައި މުއައްސަސާތަކުން 20 މީހަކު ބައިވެރިވެއެވެ. މިއީ މިގޮތުން ބޭއްވޭ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.