ހޮލީވުޑް

ސޮނީގެ އާ ފިލްމުތަކެއް ހެކްކޮށް ލީކުކޮށްލީ އުތުރު ކޮރެއާ އިންތަ؟

Dec 9, 2014

ނޭނގެ އެވެ. އެކަމަކު ފެންނަ ފެނުމަށް މިކަން އެންމެ ވައްތަރީ އުތުރު ކޮރެއާގެ "ސިއްރު މިޝަނަކާ" އެވެ. ސަބަބަކީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ނިކަން ގަދަ އަށް ފުރައްސާރަ އާއި މަލާމާތް އަމާޒުކޮށްފައިވާ ސޮނީގެ ކޮމެޑީ ފިލްމު "ދަ އިންޓަވިއު" ނެރެން ބޯމަތިވެފައި ވަނިކޮށް މި ހަމަލާއެއް ސޮނީ އަށް އަމާޒުވުމެވެ. 

ހެކަރުންގެ ވަރުގަދަ ހަމަލާއެއްގައި ސޮނީގެ ސަލާމަތީ ފާރުތައް ތަޅާލުމަށް ފަހު އެމީހުންގެ އާ ފިލްމުތަކެއް އިންޓަނެޓަށް ލީކުކޮށްލި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު މި މައްސަލާގައި ވާހަކަ ދައްކަން ވެސް އުތުރު ކޮރެއާ އިން ބޭނުމެއް ނުވެ އެވެ. އެ ގައުމުން ބުނެފައި ވަނީ ތަހުގީގުން ވާ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

ހެކަރުންގެ މި ހަމަލާގައި ސޮނީ އަށް މިލިއަން ޑޮލަރުގެ ގެއްލުންތަކެއް ދީފައި މި ވަނީ ކިމް ޖޮން-އުން އަށް ފުރައްސާރަކޮށްފައިވާ ފިލްމު އުފެއްދި މައްސަލާގައި ނިކަން ރަނގަޅު ގޮތަކަށް ބަދަލުހިފާލާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ކުރިން ދީފައި ވަނިކޮށެވެ. އެގައުމުން ބުނެފައި ވަނީ އެމެރިކާ އިން އެ ފިލްމު ނުހުއްޓުވައިފި ނަމަ އެމެރިކާގެ ކިބައިން ވެސް ބަދަލު ހިފާނެ ކަމަށެވެ.

ކޮންމެއަކަސް ސޮނީ އަށް މިދިޔަ ހަފުތާގައި ދިން ހެކަރުންގެ ހަމަލާގައި ވަނީ ފަސް ފިލްމު ވަގަށް ނަގައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސޮނީގެ އެންމެ ބޮޑު ފިލްމަކީ މިހާރު ވެސް ސިނަމާތަކުގައި ދައްކަމުން އަންނަ "ފިއުރީ" އެވެ.

އަނެއް ހަތަރު ފިލްމަކީ "މިސްޓަ ޓާނާ" އާއި "އެނީ" އަދި "ސްޓިލް އެލިސް" އާއި "ޓު ރައިޓް ލަވް އޮން ހާ އާމްސް" އެވެ. މި ހަތަރު ފިލްމު އަދި ނުވެސް ނިކުމެ އެވެ.

މި ފިލްމުތައް ހެކްކޮށްފައި ވަނީ "ގާޑިއަންސް އޮފް ޕީސް" ގެ ނަމުގައި ހަރަކާތްތެރިވާ ހެކަރުންގެ ޓީމަކުންނެވެ. އެމީހުން ޕޯސްޓްކޮށްފައިވާ އިންޒާރުގެ މެސެޖުގައި ބުނެފައި ވަނީ ސޮނީގެ ގިނަ ސިއްރުތަކަކާއި ކުރިއަށް ކުރި ފިލްމުތަކާ ބެހޭ ގިނަ ސިއްރުތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.

ސެތު ރޯގެން އާއި ޖޭމްސް ފްރޭންކޯ ލީޑް ރޯލު ކުޅެފައިވާ "ދަ އިންޓަވިއު" ގެ މައްސަލާގައި އުތުރު ކޮރެއާ އިން ނުރުހުން ފާޅުކޮށްފައިވާއިރު އެ ފިލްމުގައި ދައްކުވައި ދެނީ ދެ ނޫސްވެރިޔަކު ބޭނުންކޮށްގެން ސީއައިއޭ އިން ކިމް ޖޮން-އުން މަރާލަން މަސައްކަތްކުރާ ގޮތެވެ.