ހަބަރު

ނަޝީދު ހައްޔަރުކުރީ ނާޒިމްގެ ޝަރީއަތުގެ ފޯކަސް ގެއްލުވާލަން ކަމަށް އިމްރާން ތުހުމަތު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުއްލިއަކަށް ދައުވާކޮށް، ހައްޔަރުކުރީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތުގެ ފޯކަސް ގެއްލުވާން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެ މައްސަލައިގައި އެމަނިކުފާނު ހައްޔަރުކޮށްފައިވާތީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އިމްރާން ވަނީ އުސޫލުތަކާ ޚިލާފަށް ނަޝީދު ހައްޔަރު ކުރީ ނާޒިމްގެ ޝަރީއަތުގެ ފޯކަސް ގެއްލުވާލައި، ހުކުމެއް ކުރަން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުކޮށްފައިވަނީ ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެއެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

މިހާރު ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުންނެވި ނަޝީދުގެ ޝަރީއަތް މިއަދު ހަވީރު ފަށަން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.