ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ހުކުމް އޮންނަނީ ކުރިން ލިޔެފަ، މިއީ ޖޯކެއް: އަދީބު

ހުކުމް އޮންނަނީ މާ ކުރިން ލިޔެފައި ކަމަށާއި މައްސަލަތަކުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ. އަދީބު ޝަރީއަތަށް ނިސްބަތްކުރައްވާ ވިދާޅުވީ، "މިއީ ޖޯކެއް" ކަމަށެވެ.

ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ދިފާއުވުމަށް ހެކިން ހުށަހަޅަން އަދީބަށް ފުރުސަތު ދިނުމުން އަދީބު ވިދާޅުވީ، މި ހަތިޔާރުތަކުގެ މައްސަލާގައި އޭނާގެ މައްޗަށް އިތުރު މައްސަލައެއް ހިންގައި ހުކުމް ވެސް ކޮށްފައިވާ ކަމަށެވެ. އަދީބު އިޝާރަތް ކުރެއްވި މައްސަލައަކީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އެވެ. އެ މައްސަލާގެ ދައުވާގައި ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ވާހަކަ ބުނެފައިވެ އެވެ.

އަދީބު ވިދާޅުވީ، ތަހުގީގު ކުރިއަށް ގެންދިޔައިރު ވެސް ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ މައްސަލަގައި ވަކިން އޭނާއާ ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. މިފަދަ ސަބަބުތަކަށްޓަކައި މި މައްސަލަ ކުރިއަށް ގެންދޭތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށް ކުރީގެ އަޑުއެހުމުގައި އަދީބުގެ ފަރާތުން އެދުނެވެ. ގާޒީ މިއަދު ނިންމެވީ މައްސަލަ ކުރިއަށް ގެންދިޔުމަށެވެ. ގާޒީ ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މި ނިންމުމާ ގުޅިގެން އަދީބު ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދަން ނިންމުމަކީ ޖޯކެއް ކަމަށެވެ. އަދި މައްސަލައިގެ ހުކުމް އޮންނަނީ މާ ކުރިން ލިޔެފައި ކަމަށްވާތީ އެހެންކަމުން އިތުރަށް މައްސަލާގައި ދައްކާނެ ވާހަކައެއް ނެތް ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބުގެ މި ވާހަކަތައް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ކުށްވެރިކުރައްވާފަ އެވެ. ގާޒީ ވިދާޅުވީ، މައްސަލަ ބައްލަވަން އިންނަވަނީ ވަކި މީހަކު އަންގާ ގޮތަށް ހުކުމް ކަނޑައަޅަން ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތައް މީގެފަހުން ޝަރީއަތުގައި ނުދެއްކުމަށް އަދީބަށް ގާޒީ އެންގެވި އެވެ.

މި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކޮށްފައިވަނީ، މިދިޔަ އަހަރުގެ އެކި ދުވަސް މަތިން އަދީބު ދިރިއުޅުއްވަމުން ގެންދެވި ގ. ހުމަށި ގޭގެ ނުވަވަނަ ފަންގިފިލާގެ އެޕާޓްމެންޓާއި ރެހެންދި ފްލެޓްގެ 2 އެއްގެ އެޕާޓްމެންޓް 6 ބީގައި ގޮވާ ތަކެއްޗާއި ހަނގުރާމަވެރި ހަތިޔާރު ގެންގުޅެފައިވާތީ އެވެ.