ސްޕެއިން ލީގުގައި ރޭ އެލްޗޭ އަތުން 2-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު، ރެއާލްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނަ އަށް ރޮނާލްޑޯ ޖެހިލައިފި އެވެ.
ރަށުން ބޭރުގައި ރޭ އެލްޗޭ އަތުން ރެއާލް މޮޅުވިއިރު، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާ އެވެ. ރޮނާލްޑޯ ލަނޑު ޖެހީ މެޗުގެ 69 ވަނަ މިނިޓުގަ އެވެ. މިއީ ރެއާލަށް ރޮނާލްޑޯ ޖަހައިދިނީ 290 ވަނަ ލަނޑެވެ. ރެއާލަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ރައުލް ގޮންޒާލެޒްގެ ރެކޯޑާ އެއްވަރުކުރުމަށް ރޮނާލްޑޯ މިހާރު ބޭނުންވަނީ 33 ލަނޑެވެ. ރައުލް ވަނީ ރެއާލްގައި 323 ލަނޑު ޖަހައިފަ އެވެ.
މި މެޗުން މޮޅުވެ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް ވަނީ ދެވަނައިގައި އޮތް ބާސެލޯނާގެ މައްޗަށް އޮތް ލީޑު ހަތަރު ޕޮއިންޓަށް ފުޅާކޮށްފަ އެވެ.
ޝާލްކާއާ ދެކޮޅަށް މި މަހުގެ 18 ވަނަ ދުވަހު ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ލަނޑަކީ ރެއާލްގައި އޭނާ ޖެހި 290 ވަނަ ލަނޑު ކަމަށް ރެއާލްގެ ވެބްސައިޓްގައި އޭރު ބުންޏެވެ. ރެއާލްގެ ހިސާބުތައް އޮޅުނީ ސްޕެއިން ލީގުން ވަނީ 2010 ވަނަ އަހަރު ރެއާލް ސޮސިއެޑާޑް ކޮޅަށް ރޮނާލްޑޯ ޖެހި ކަމަށް އެ ކްލަބުން ރެކޯޑްކޮށްފައިވާ ލަނޑެއް، އެ ޓީމުގެ ޑިފެންޑަރު ޕެޕޭ ޖެހި ލަނޑެއް ކަމަށް ރަސްމީކޮށް ނިންމުމުންނެވެ. -- ބީބީސީ