ސީރިޔާ

އުމްރާން އެކަނިތަ؟ ދެން ތިބި ކުދިން ކޮބާ؟

Aug 25, 2016
2

އުމްރާން ދަގްނީޝް، ސީރިޔާގެ ހަލަބުގެ އުމުރުން ފަސް އަހަރުގެ ކުޑަ ކުއްޖެކެވެ. މިދިޔަ ބުދަ ދުވަހު ހަލަބުގައި، އުމްރާން އާއި އޭނާގެ އާއިލާ ދިރިއުޅެމުން ދިޔަ ގެއަށް ހަމަލާ ދިނުމުން އުމްރާން ވަނީ ޒަހަމްވެފަ އެވެ. އުމްރާން ދިރިއުޅޭ ގޭގެ ދަށުން ނަގައިގެން، އެމްބިއުލައިންސުގައި ގެންދިޔަ މަންޒަރު، ސީރިޔާގެ ހަލަބު މީޑިއާ ސެންޓާއިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެއަށްފަހު މުޅި ދުނިޔޭގެ މީޑިއާގެ ސަމާލުކަން އުމްރާން އަށް ލިބުނެވެ. އެ ތުއްތު ކުއްޖާގެ ހާލައް ހަމްދަރުދީވެ އެތައް ލޮލަށް ފެންކޮޅިކޮށްލި އެވެ.

އުމްރާންއަށް ޓަކައި އެތައް ބައެއްގެ ޝުއޫރުތައް ބަންޑުންކޮށްލިއެވެ. އުމްރާންއަށް ހަމްދަރުދީ ފާޅުކޮށް ޝޯޝަލް މީޑއާގައި ދައުރުވަމުން ދިޔަ ކޮމެންޓްތަކާއި ޝުއޫރުތަކުން އުމްރާނަށް ޓްރެންޑް ވިއެވެ.

އުމްރާންއަށް ލިބުނު ސަމާލުކާމާ އެއްވަރަށް ހައިރާންވާންވީ އެހެން ކަމެއްވެސް އެބައޮތެވެ. ސީރިޔާގައި އެތައް ބަޔަކު ކޮންމެ ދުވަހަކު ދަނީ މަރުވަމުންނެވެ. އުމްރާން ގޮތަށް އެތައް ކުޑަކުދިންނެއް ޒަހަމްވާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އުމްރާންއަށް ހަމަލާ ދިން ދުވަހު އެހެން ކުޑަ ކުދިންނަށް ވެސް ހަމަލާ ދެވުނެވެ. އޭގެ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑއާގައި އާންމު ކުރެވުނެވެ. ނަމަވެސް ދުނިޔޭގެ މިޑިއާތަކުން އޭގެ ގިނަ ފޮޓޯތަކަށް ފަސް އަޅައި ފޮރުވީއެވެ.

ލޯތަކާއި ކަންފައްތަކާއި ސިކުނޑިތަކަށް ފެނި، އަޑު އިވެނީ ވެސް ވިސްނެނީ ވެސް މީޑިއާއިން އިއްވި އަޑަކާއި ދެއްކި އެއްޗެކެވެ.

އުމްރާންއަށް ލިބުނު ވަރުގެ ސަމާލުކަމެއް ނުލިބުނަސް، ރަހުމު ކުޑަ ހަމަލާ ޝިކާރައަކަށްވި ކުދިން އެބަތިއްބެވެ. ޒަހަމުވެ ލޭ އޮހޮރެމުންދާ ފޮޓޯ ތަކުންނާއި ހިތްތައް ވީދިގެންދާނީ ކިހާވަރެއް ވީމާ ހެއްޔެވެ؟

އަހްމަދު ތަދީފީ

އުމުރުން ދެ އަހަރުގެ އަހްމަދު ތަދީފީ އަށް ލިބުނު ޒަހަމްތަކާއެކު ފަރުވާ ކުރަން ގެންދިޔައީ އުމްރާންވެސް ގެންދިޔަ ހޮސްޕިޓަލަށެވެ. ޑޮކްޓަރުުންނަށް އެއީ ކޮން ކުއްޖެއް ކަމެއް ނޭނގުނެވެ.

ކޮންމެ ބައެއްގެ ރަހުމު ކުޑަ ހަމަލާއެއް ނަމަވެސް، އަހްމަދު ފުރާނަ ސަލަމަތް ކުރުމަށް ޑޮކްޓަރުންނަށް ސާޖަރީ ފިޔަވައި އެހެން ހައްލެއް ނެތެވެ. އެއީ އެ ހަމަލާގައި އަހްމަދުގެ ބޮލަށް ލިބިފައިވާ ގެއްލުމުގެ ބޮޑު ކަމުންނެވެ. މީގެ އިތުރަށް އޭނާގެ ކަނާތު ފަޔާއި އަތްވެސް ވަނީ ޒަހަމުވެފަ އެވެ. އަދި އުކުޅުވަޅަށް ލިބިފައިވާ ގެއްލުމުން، ސަލާމަތްވިޔަސް އަބަދަށް ނުކުޅަދޭ މީހެއްގެ ގޮތުގައިވުން އެކަށީގެންވެއެވެ.

އެންމެ ފަހުން އަހްމަދު ބަދަލު ކުރެވުނީ އިންޓެންސިވް ކެއާ ޔުނިޓަށެވެ. ޒަހަމުވުމުގެ ސަބަބުން އޭނާގެ ބައްޕައަށް ވެސް ފަރުވާ ދެމުންދާ ޔުނިޓަށެވެ. ނަމަވެސް އަހްމަދަށް ލިބިފައިވާ އަނިޔާތަކުގެ ސަބުން، އޭނާގެ ބައްޕަގެ އެނދާއި ޖެހިގެން އޮތް އެނދުގައި އޮވެ ތުއްތު ތުއްތު އަހްމަދު މި ދުނިޔެއާ ވަކިވެގެން ދިޔައީ އެވެ. ލޯބިވާ ދަރިފުޅު ކައިރީގައި އޮވެ ވަކިވެގެން ދިއުމުން އަސަރު ނުކުރާނެ ބައްޕައެއް ހުންނާނެ ހެއްޔެވެ. އަހްމަދު ވަކިވެގެން ދިޔައީ އެއްވެސް މީހަކު އަހްމަދު މަރުވީހޭ ވެސް އަހާނުލައި އޮއްވަ އެވެ.

ރުވައިދާ ހަނޫން އާއި ރަނާ ހަނޫން

އުމުރުން އެންމެ ހަތް މަހުގެ ރަނާ އާއި ފަސް އަހަރުގެ ޔުވައިދާ ޒަހަމްވީ، އުމްރާންވެސް ޒަހަމުވި ރަހުމު ކުޑަ ވައިގެ ހަމަލާގަ އެވެ. އެ ދެ ކުދިން ވެސް ފަރުވާ ދޭން ގެންދިޔައީ އުމްރާން އަށް ފަރުވާ ދޭން ގެންދިޔަ ހޮސްޕިޓަލަށެވެ އެ ހޮސްޕިޓަލުގައި 15 އަހަރުން ދަށުގެ 12 ކުޑަކުދިންނަށް ފަރުވާ ދެމުން ދިޔައެވެ.

އުމްރާންގެ ފޮޓޯ ޝެއާ ކުރެވުނު ވަޓްސްއެޕް ގުރޫޕްގައި، އުމްރާންގެ ފޮޓޯ ޝެއާ ކުރެވުނު ވަގުތާ އެއް ވަގުތެއްގައި ކަހަލަ ގޮތަކަށް ރަނާ އާއި ރުވައިދާގެ ފޮޓޯ ޑޮކްޓަރު ޝެއާ ކުރިއެވެ. ނަމަވެސް ރަނާ އާއި ރުވައިދާއަށް ސަމާލުކަމެއް ނުހުއްޓުނެވެ.

އައިސަލް ހަޖަރު

އުމުރުން ދެ އަހަރުގެ އައިސަލް ޒަހަމުވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ދިން ހަމަލާއެއްގަ އެވެ. ހަމަލާގައި އެ ތުއްތު ކުއްޖާގެ ބޮލާއި ފައި ވަނީ ޒަހަމުވެފަ އެވެ. އޭނާގެ ފަޔަށް ލިވިފައިވާ ޒަހމްތަކުން ލޭ އޮހރިފައިވާ ވަރުން ހުދު ކުލައިގެ ސްޓާކީން ވަނީ ރަތްވެ ލެއިން ފޯވެފަ އެވެ. އައިސަލްއަށް ފަރުވާ ދެމުން ދިޔައީ އަލް ގުދުސް ހޮސްޕިޓަލުގަ އެވެ.

ނަމަވެސް އައިސަލްއަށް ފަރުވާ ދެމުން ދިޔަ ޑޮކްޓަރަށް ޖެހުނީ، އޭނާއަށް ފަރުވާ ދިނުން ހުއްޓާލުމަށްފަހު އެހެން ކުއްޖަކަށް ފަރުވާ ދޭށެެވެ. އެއީ އައިސަލްއަށް ފަރުވާ ދެމުންދިޔަ ވަގުތު އިންތިހާއަށް ޒަހަމުވެފައި އޮތް އެހެން ކުއްޖަކު ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

އާމާލު އާއި ހިކުމަތު

އުމުރުން ހަތަރު އަހަރުގެ އާމާލް އާއި ހަ އަހަރުގެ ހިކުމަތު އަކީ ދެބެންނެވެ. ހަޔޫކުގެ އާއިލާއަށް ނިސްބަތްވާ މި ދެބެންނަށް ޒަހަމްވީ އުމްރާންއަށް ހަމަލާ ދިން ދުވަހުއެވެ. ޒަހަމުވެގެން ލޭތައް އޮހޮރެމުން ދިޔަ އިރު ދެވަނަ ވައިގެ ހަމަލާއެއް ވެސް ހަލަބުގެ ސަކުހޫރު ނޭބާހުޑަށް އަމާޒުވި އެވެ. އެއީ ހަޔޫކުގެ އާއިލާ ދިރިއުޅެމުންދާ ނޭބާހުޑެވެ. އާމާލު އާއި ހިކުމަތައް ފަރުވާ ދެވުނީ، އުމްރާންއަށް ވެސް ފަރުވާ ދެމުން ދިޔަ ވަގުތުގަ އެވެ އެއް ހޮސްޕިޓަލެއްގައެވެ. އާމާލުއަށް ލިބުނު އަނިޔާ މާބޮޑެވެ. އޭނާގެ ކަރު ވަނީ ވަރަށް ބޮޑަށް ޒަހަމުވެފަ އެވެ.

މި ފިރިހެން ކުއްޖާގެ ނަމެއް ނޭނގެއެވެ. އޭނާގެ ހަސަބާއި ނަސަބަކީ ކޮބައިކަމެއް ވެސް ނޭނގެއެވެ. އޭނާގެ އައިޑެންޓިޓީ ހޯދުމަށް ކުރެވުނު މަސައްކަތްވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު އަލް އަމޫރު ހޮސްޕިޓަލުން ވަނީ އޭނާ ދޫކޮށްލާފައެވެ. އާނގެ ފޮޓޯ ވަޓްސްއަޕް ގުރޫޕްގައި ޝެއާއެއް ނުކުރެއެވެ. އެންމެ ފަހުން އޭނާގެ ޕޮޓޯ ނެގީ ބަރާ އަލް ހަލަބީ ކިޔާ ސީރިޔާގެ ސިޓިޒަން ޖާނަލިސްޓެވެ. މިކުޑަ ކުއްޖާގެ ފޮޓޯއަކަށް ވެސް ދުނިޔޭގެ ސަމާލު ކަމެއް ނުލިބުނެވެ.

މިފަހަރުވެސް މީޑިއާތަކަށް މުހިންމުވީ އެންމެ ކުއްޖެކެވެ. ދެން ތިބި ކުދިން ވާހަކަ ހާމަނުކުރި ތާންގައި އެއިންް ކުއްޖެއްގެ ނަންވެސް ޒިކުރު ކޮށްލާނެ މީޑިއާއެއް ނުވިއެވެ.

އިންސާނީ ކަރާމާތަކީ އެންމެ ފަރުދަކަށް އޮންނަ ކަމެއް ނޫނެވެ. ލޭ އޮހޮރޭތަން ފެންނަނަމަ، އެއީ ކޮންމެ މީހެއް އަދި ކޮންމެ ކުއްޖެއް ކަމުގައިވީ ނަމަވެސް ހިތައް އަސަރު ކުރަންޖެހެ އެވެ. ދުނިޔޭގެ ސަމާލުކަން ވަކި ކުއްޖަކަށް ލިބުމުގައި އިންސާފެއް ނެތެވެ. ދެން ތިބި ކުދިންގެ ހައްގުގެ ވާހަކަ ދައްކާނެ މީހަކު ނުވެއެވެ.