ބޭރު ކުޅިވަރު

އެންޗެލޯޓީގެ އެސިސްޓެންޓަކަށް އޭނާގެ ދަރިފުޅު

ސްޓީވް ބްރޫސް އާއި ހެރީރެޑްނެޕް އަދި ޒައިނުއްދީން ޒިދާނާއި ބްރެޒިލްގެ ރިވާލްޑޯ އަކީ އެމީހުންގެ ދަރިންނަށް ފުޓްބޯޅަ އުނގަންނައިދެމުން އަންނަ ކޯޗުންނެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ އިޓަލީގެ ކޯޗު ކާލޯ އެންޗެލޯޓީ އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކާ މި ސީޒަނުގައި ހަވާލުވި ކޯޗު ވަނީ ޓީމުގެ އެސިސްޓެންޓަކަށް އޭނާގެ ދަރިފުޅު ޑޭވިޑޭ އެންޗެލޯޓީ ހަމަޖައްސައިފި އެވެ.

އުމުރުން 27 އަހަރުގެ އެންޗެލޯޓީގެ ދަރުފުޅަކީ ކޯޗިންގެ މަބޮޑު ތަޖުރިބާއެއްނެތް މީހެކެވެ. ނަމަވެސް ރެއާލް މެޑްރިޑުގައި އެންޗެލޯޓީހުރިއިރު ފިޓްނަސް ކޯޗަކަށް އޭނާގެ ދަރިފުޅު މަސައްކަތް ކުރި އެވެ.

ޑޭވިޑެ ބުނީ އޭނާގެ ބައްޕަ އަށް ރަނގަޅަށް ޖަރުމަނު ބަސް ނޭނގޭ ކަމަށާއި ނަމަވެސް އޭނާ ޖަރުމަނު ބަސް ދަސްކުރަމުންދާތާ އަށް މަސްދުވަސްވެއްޖެކަމަށެވެ.

"އަހަންނަށް ވަރަށް އުނދަގޫ. އެކަމަކު ވެސް މިއީ ޝައުގުވެރިކުރުވަނިވި ބަހެއް. އަހަރެން އެހީތެރިވެދޭނީ ބައްޕައަށް ފަސޭހަކޮށްދިނުމަށް،" ޑޭވިޑޭ ބުންޏެވެ.

އެންޗެލޯޓީ ހަވާލުވެގެން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ބަޔާން މިއުނިކްގައި ވަރަށް ރަނގަޅު މާހައުލެއް އޮތްކަމަށް ގަބޫލުކުރެވިފައިވާ ކަމަށް ވެސް އޭނާގެ ދަރިފުޅުވަނީ ބުނެފަ އެވެ.

ޗެލްސީ އާއި އޭސީ މިލާނަށް ވެސް ކޯޗުކޮށްދީފައިވާ އެންޗެލޯޓީ އަކީ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ.