ހޮލީވުޑް

އޮސްކާގެ ކާމިޔާބީއާ އެކު "ބާޑްމޭން" އުދުހެނީ

އޮސްކާގެ އެންމެ މޮޅު ފިލްމަކަށް "ބާޑްމޭން" ހޮވައިފި އެވެ.

މިއީ މެކްސިކޯގެ މަޝްހޫރު ޑައިރެކްޓަރު އަލެހަންޑްރޯ ގޮންޒާލޭޒް އިނަރީޓޫ ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީ އެކެވެ. އޭނާގެ މި ފިލްމު އޮސްކާގެ ރަން ވަނަ މިފަހަރު ގެންދިޔައިރު މިދިޔަ އަހަރު ވެސް އެންމެ މޮޅު ފިލްމުގެ ޝަރަފް ގެންދިޔައީ މެކްސިކޯގެ ޑައިރެކްޓަރެއްގެ ފިލްމެކެވެ.

އެއީ އަލްފޮންސޯ ކުއެރޮންގެ "ގްރެވިޓީ" އެވެ.

އެންމެ މޮޅު ފިލްމުގެ އެވޯޑާ އެކު "ބާޑްމޭން" ވަނީ އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އާއި ސިނެމެޓޯގްރެފީގެ އެވޯޑް ވެސް ކާމިޔާބުކޮށްފަ އެވެ.

އަދި އެންމެ މޮޅު ޑައިރެކްޓަރަކީ ވެސް މި ފިލްމުގެ ޑައިރެކްޓަރެވެ.

"ބާޑްމޭން" އަކީ ކުރިން ސުޕަހީރޯއެއްގެ ގޮތުގައި ބޮޑު ސްކްރީނުގައި މަޝްހޫރުކަން ހޯދުމަށް ފަހު އެ މަޝްހޫރުކަން ގެއްލިފައިވާ އެކްޓަރަކު އޭނާގެ ކާމިޔާބު ކެރިއަރު އަލުން ތަކުރާރުކުރުމަށް އެނބުރި އަންނަ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

"ބާޑްމޭން" އާ އެކު އެންމެ މޮޅު ފިލްމުގެ އެވޯޑަށް މިފަހަރު ވާދަކުރީ "ބޯއިހުޑް" އާއި "ދަ ގްރޭންޑް ބުދަޕެސްޓް ހޮޓެލް" އަދި "އިމިޓޭޝަން ގޭމް" އާއި "ސެލްމާ" ގެ އިތުރުން "ތިއަރީ އޮފް އެވްރިތިން" އަދި "ވިޕްލޭޝް" އާއި "އެމެރިކަން ސްނައިޕާ" އެވެ.

އެޑީ ރެޑްމެއިން މި އެވޯޑް ކާމިޔާބުކޮށްފައި ވަނީ "ދަ ތިއަރީ އޮފް އެވްރިތިން" ގައި ޕްރޮފެސާ ސްޓެފަން ހޯކިންގެ ރޯލު އަދާކޮށްގެންނެވެ. މި ކެޓަގަރީގައި އޭނާއާ ވާދަކުރީ މާކް ރަފަލޯ އާއި އެޑްވަޑް ނޯޓަން އަދި އީތަން ހޯކް އާއި ރޮބަޓް ޑުވެލް އެވެ.

ރެޑްމެއިން އޮސްކާ ގެންދިޔައިރު އޭނާ ވަނީ މި ރޯލަށް މި އަހަރު ބަފްޓާ އާއި ގޯލްޑެން ގްލޯބް އަދި ސްކްރީން އެކްޓާސް ގިލްޑްގެ އެވޯޑް ވެސް ހާސިލުކޮށްފަ އެވެ. މިއީ އޭނާ އޮސްކާގެ އެވޯޑަކަށް ނޮމިނޭޓްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އޭނާ މި އެވޯޑް ގެންދިޔައީ "ސްޓިލް އެލިސް" ގައި، އަލްޒެއިމާ ޖެހިފައިވާ މީހެއްގެ ރޯލު ކުޅެގެންނެވެ. މި ރޯލުން އޭނާ ވެސް ވަނީ ބަފްޓާ އާއި ގޯލްޑެން ގްލޯބް އަދި ކްރިޓިކްސް ޗޮއިސްގައި ވެސް އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލުކޮށްފަ އެވެ.

އެހެން ކެޓަގަރީތަކަށް ބަލާއިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް "ވިޕްލޭޝް" އިން ޖޭކޭ ސިމޮންސް ހޮވުނުއިރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އަކީ "ބޯއިހުޑް" ގެ ބަތަލާ ޕެޓްރީސިއާ އަކުއެޓޭ އެވެ. މިއީ ފެވަރިޓެއްގެ ގޮތުގައި އޮސްކާއާ ކުރިމަތިލި "ބޯއިހުޑް" އަށް ލިބުނު ހަމައެކަނި އެވޯޑް ވެސްމެ އެވެ.