ކެންސަރަކީ މިއަދު ރާއްޖޭގައިވެސް ވަރަށް ހަލުވި މިނެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެކެވެ. އެކަށީގެންވާ ފަރުވާއެއް ހޯދަން ސައިންސްވެރިން ކުރަމުންދާ މަސައްކަތަށް އަދިވެސް ނިމުމެއް ނުގެނެ އެވެ. ބަލީގެ ފުރަތަމަ ކޮޅު ބަލި ރަނގަޅު ކުރެވޭނެ ފަދަ ފަރުވާތައް މިހާރުވަނީ ދެނެގަނެފަ އެވެ.
ރާއްޖޭގައިވެސް ކެންސަރު ހަލުވި މިނެއްގައި ފެތުރޭއިރު ކެންސަރުގެ ޝިކާރައަކަށްވާ ގިނަ މީހުންނަށް އެކަން ދެނެގަނެވޭލެއް ލަސް ކަމަށްވެ އެވެ. ފެންނަ ބައެއް ކުދި ކުދި އަލާމާތްތައް މާބޮޑު ސަމާލުކަމެއް ނުދެވި ދޫކޮށްލެވެނީ އެވެ.
މާގިނައިން ކެއްސުން
ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑުމެއްނެތި ކެއްސާނަމަ އެއީ މައްސަލަ އެކެވެ. އެކަމަކު ގިނަ ފަހަރަށް އާދައިގެ ކަމަކަށް ހަދާފަ ދޫކޮށްލެވެނީ އެވެ. ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ އެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ފުއްޕާމޭގެ ކެންސަރަށް މަގުފަހިކުރުވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރި ނަމަވެސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެ އެވެ. މެދުކެނޑުމެއްނެތި ގިނަ ދުވަސްތަކެއް ވަންދެން ކެއްސުމަކީ ފުއްޕާމޭގެ ކެންސަރުގެ އަލާމާތެކެވެ.
ހާއްސަ ޑައިޓެއް ނުވަތަ ވަކި ހާއްސަ ކައްސަރަތުތަކެއް ނުކުރި ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާބޮޑަށް ބަރުދަން ލުއި ވެއްޖެނަމަ ނުވަތަ ހަމަ ކުއްލިއަކަށް ބަރުދަން އިތުރުވެ މީހާ މާބޮޑަށް ފަލަވެއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. އެއީ ކެންސަރުގެ އަލާމާތެކެވެ.
ހުޅުތަކުގައި ރިއްސުން
މިއީ ކަށިގަނޑަށް ކެންސްރު ޖެހުމުގެ އަލާމާތެކެވެ. ބޮލުގައި ރިއްސާ ކޮންމެ ރިއްސުމަކީ ބްރެއިން ޓިއުމާއަކަށް ނުވާހެން ހުޅުތަކުގައި ރިއްސާ ކޮންމެ ރިއްސުމަކީވެސް ކެންސަރުގެ އަލާމާތަކަށް ނުވެ އެވެ.
މާގިނައިން ލޮލުގައި ރިއްސުމަކީވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމެކެވެ. ނިސްބަތުން މަދު ނަމަވެސް ލޮލުގެ ކެންސަރުވެސް ޖެހެ އެވެ.
ބޭރަށް ހިންގުމާއި ލޭ އައުން
މިއީ ވަރަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމެކެވެ. ބޭރަށް ހިންގާނަމަ އަދި ބޭރަށް ހިންގާއިރު ލޭ ހުންނަނަމަ ވީ އެންމެ އަވަހަކަށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން އިރުޝާދުދެ އެވެ. ސިއްހީ މާހިރުން ވިދާޅުވަނީ މާގިނަ ދުވަސްވާނަމަ މިއީ ވެސް ކެންސަރުގެ އަލާމާތެއް ކަމަށެވެ.