އޮފްބީޓް

އިންޝުއަރެންސް ފައިސާގެ ދަހިވެތިކަމުގައި އަތާއި ފައި ބުރިކޮށްލައިފި

Aug 25, 2016

ހަނޯއީ (25 އޯގަސްޓް) - އިންޝުއަރެންސްގެ ގޮތުގައި ލިބޭ ފައިސާގެ ދަހިވެތި ކަމަށް، ވިއެޓްނާމްގެ އަންހެނަކު އޭނާގެ އަތަކާއި ފައެއް ބުރިކޮށްލައިފި އެވެ.

މިދިޔަ މެއި މަހު ހިނގި މި ކަމެއްގެ ވާހަކަ އެންމެ ފުރަތަމަ ނޫސްތަކަށް އެރިއިރު އުމުރުން 30 އަހަރުގެ ލިން ތިން ނަމަކަށް ކިޔާ މި އަންހެން މީހާގެ ވާހަކަ އަކީ އޭނާ އަށް ރޭލު އެކްސިޑެންޓެއްގައި އަނިޔާވީ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށް ގެންގޮސްގެން އަންހެން މީހާ މިހާރު ވަނީ އެންމެފަހުން އެއީ އޭނާ މީހަކަށް އަގު ދީގެން އަމިއްލަ އަށް ކުރުވި ކަމެއް ކަމަށް ބުނެފަ އެވެ.

އަދި އެއީ އިންޝުއަރެންސްގެ ގޮތުގައި ލިބޭ 150،000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ވެސް އެއްބަސްވެފައިވެ އެވެ.

އަތަކާއި ފައެއް ބުރިކޮށްލުމަށް އަންހެން މީހާ ވަނީ އޭނާގެ އެކުވެރިޔަކަށް 2،200 އެމެރިކާ ޑޮލަރު ދީފަ އެވެ. އެއަށް ފަހު މި އަންހެން މީހާ ރޭލެއްގެ ދަށުވެ އޭނާގެ އަތަކާއި ފައެއް ބުރިވެއްޖެ ކަމަށް ބުނެ އެމްބިއުލާންސަށް ގުޅައިދިނީ ވެސް އަންހެން މީހާގެ އެ އެކުވެރިޔާ އެވެ.

ވިއެޓްނާމްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަންހެން މީހާ އޭނާގެ އަތަކާއި ފައެއް ބުރިކޮށްލީ އޭނާގެ ވިޔަފާރީގައި ބަނގުރޫޓުވުމުގެ މަރުހަލާއަކަށް އެޅިފައިވާތީ އެއިން ސަލާމަތްވުމަށް ހަދާނެ ގޮތެއް ނެތިގެންނެވެ.

ފުލުހުން ވަނީ މި އަންހެން މީހާ އާއި އޭނާގެ އަތަކާއި ފައެއް ބުރިކޮށްލި މީހާގެ މައްޗަށް ދައުވާކުރުމުގެ ނެތި މައްސަލަ ދޫކޮށްލައިފަ އެވެ.