މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ މެއިން ސްޕޮންސާއަކަށް ލޮޓަސް

ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބައެއްގެ ތަރުހީބާއި ފާޑުކިޔުންތައްވެސް އަމާޒުވި މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ މެއިން ސްޕޮންސާކަން މިފަހަރު ވެސް ލޮޓަސް އިން ނަގައިފި އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ލޮޓަސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒައިނަލް އާރިފެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިމިނަތު ޝާޔަން ޝާހިދެވެ.

މިރަސްމިއްޔާތުގައި ޝާޔަން ދެއްކެވި ވާހަކައިގައި މޯލްޑިވިއަން އައިޑޮލްގެ ސީޒަން 1 ކާމިޔާބުކޮށް ކުރިއަށް ގެންދިއުމަށް ލޮޓަސް އިން ކުރެއްވި މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސާގެ ގޮތުގައި ލޮޓަސްގެ އިތުރުން އެލައިޑުވެސް ވަނީ ހަމަޖައްސާފަ އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ ޓައިޓަލް ސްޕޮންސާއަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ. ދިރާގަކީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި ވެސް ޓައިޓަލް ސްޕޮންސާ އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް އަންނަ މަހު ދެވަނަ ދުވަހު ލޯންޗުކުރަން ޕީއެސްއެމުން ވަނީ ނިންމާފަ އެވެ.