ފިނިޕޭޖް

ބައްޕަގެ ގާތިލަށް މާފެއް ނެތް، މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ!

  • މަނިކަކީ ހަޔާތަށް އައި އެންމެ މޮޅު ބަތަލް
  • 4426ގެ ސެޓަށް ދިޔައީ ކުރުސި ކިޔައިގެން
  • ހަޔާތުގައި އެއްވެސް މީހަކަށް ކެއްސެއް ނުދެން

ޝީލާ ނަޖީބަކީ ހަމައެކަނި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ތަރިއެއް ނޫނެވެ. ފިރިމީހާ މުހައްމަދު މަނިކުގެ ހިތް ފަތަހަކުރިގޮތަށް އޭނާ ވަނީ އަހަރެމެން އެންމެންގެ ހިތްތަކަށް ވެސް ވެރިވެގަނެފަ އެވެ. އާދަޔާހިލާފު އެ ހުނަރުވެރިކަމަށާއި މުސްކުޅި ނުވި ރީތި ކަމަށް އަދި މައުސޫމް މަޖާ މިޒާޖަށް ޝުކުރިއްޔާ އެވެ.

އަވަސް ވީކެންޑްގެ މި އަދަދު ވަރަށް ވެސް ހާއްސަ އެވެ. ޝީލާ އަކީ މި ސިލްސިލާގެ 30 ވަނަ މެހްމާނެވެ. އަދި އެ މެހްމާނަކާ އެކު އަހަރެމެންގެ ސެޓުގައި ފޫހިކަމެއް ނެތި އެންމެ ގިނައިރު ހޭދަކުރެވުނު އެއް މެހްމާނުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

އެކަމަކު ޝީލާ ނަޖީބުގެ ފިލްމީ ހަޔާތާއި މި އިންޓަވިއު ހާއްސަވާ އެހެން ވަރަށް ބޮޑު ސަބަބެއް ވެސް އެބައޮތެވެ. -- ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމު، "4426" އެވެ. ޝީލާގެ 16 އަހަރުވީ ފިލްމީ ހަޔާތުގެ އެންމެ މޮޅު ޕާފޯމެންސަކަށް މި ފިލްމު ވެގެން ގޮސްފާނެ އެވެ. އެކަމަކު އެ ވާހަކައެއް ޔަގީންކޮށް ބުނަން ނޭނގުނަސް ޝީލާ ބުނަނީ މިއީ އޭނާ އެންމެ ބިރުގަންނުވާލި ފިލްމު ކަމަށެވެ.

މި އިންޓަވިއުގެ ވީޑިއޯ ސެގްމަންޓުގައި "4426" ގައި ޝީލާ ބިރުގަންނުވާލި މިންވަރު ދައްކުވައިދޭ ހާއްސަ މަންޒަރުތަކެއް ވެސް ހިމެނެ އެވެ.

"4426" އާއި އޭގެ ބޮޑު ސިއްރުގެ ވާހަކަ އަށް ފަހު މި އިންޓަވިއުގައި ޝީލާ ވަނީ އޭނާގެ ބައްޕަގެ ގާތިލާ ބެހޭ ގޮތުންނާއި އޭނާ އަށް ދޭން އެންމެ ރަނގަޅު އަދަބާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

މިހައި ހިސާބުން އިިންޓަވިއު އާއި ޝީލާ ނަޖީބު ކިޔުންތެރިންނަށެވެ!

ހިނގާ ބަލަ އެންމެ ފުރަތަމަ ވެސް އަމީތާބު ބައްޗަންއާ ބައްދަލުވެ ފޮޓޯ ނެގި ދުވަހުގެ ހަނދާންތަކުން ފަށައިގަންނަމާ. އަޅުގަނޑުމެންނަށް ކުޑަކޮށް ކިޔާލަ ދީ ބަލަ އެ ދުވަހުގެ އެކްސައިޓްމަންޓް؟

"އަމީތާބާ ދިމާވި ގޮތަކީ، ރާއްޖެ އޭނާ އައިސްގެން، އޭރު އަޅުގަނޑުމެން ސްކޫލްގައި އުޅެނިކޮށް ސްކޫލުން ދިން ފުރުސަތެއް އެއީ. އަމީތާބާ ބައްދަލުކުރަން ދާނެ ދެ ކުއްޖަކު ހޮވިއިރު ލިބުނު ފުރުސަތެއް އެއީ. ދެން އެ ދުވަހު އެކްސައިޓްވެގެން އެންމެ ފުރަތަމަ ވެސް ހިތަށް އެރީ އަމީތާބާ ބައްދަލުކުރަންދާއިރު ކޯއްޗެއް ހެއްޔޭ ލާނީ؟"

"ފެޝަން ޑިޒައިނަރު ޝަމްލާ އެންމެފަހުން އަޅުގަނޑުގެ ހެދުން ޑިޒައިންކުރީ ވެސް. ފަހައިދިން ހެދުން ވެގެން ދިޔައީ އޭރު އާންމުކޮށް ނުލާ ވަރަށް ވުރެން ކުރު ހެދުމަކަށް. އެކަމަކު ވެސް އަމީތާބާ ބައްދަލުކުރަން ފުރުސަތު ލިބުނީމަ އެ ހެދުން ލައިގެން ދިޔައީ އުނދަގޫވިޔަސް. ބޭނުންވީ ރީތި ހެދުމެއް ވެސް ލައިގެންދާން. އަމީތާބަކީ ވަރަށް ސަޕޯޓްކުރާ މީހަކަށްވީމަ އެ ދުވަހު ވަރަށް އުފާވި."

ދެން އަޅުގަނޑުމެންނަށް ކިޔާލަ ދީބަލަ ފިލްމީ ދާއިރާގައި މިހާރު ޝީލާ ކުރަމުން ގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓްސް؟

"މިހާރު ކުރަމުންދާ މަސައްކަތަކީ ނަހުލާގެ 4426 އާއި ބައިވެރިޔާ ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް. ބައިވެރިޔާ އާއި 4426 އަށް ބަލާއިރު އަޅުގަނޑުގެ ވަރަށް ތަފާތު ދެ (ކެރެކްޓާއެއް) ދެ ފިލްމުން ފެނިގެންދާނީ. ދެ ފިލްމުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިފައި އެ ވަނީ. ބައިވެރިޔާގެ ޑަބިންގެ މަސައްކަތެއް ވެސް އަސްލު ނެތް. ކުރިއަށް ދެން އޮތީ 4426ގެ ޑަބިންގެ މަސައްކަތް އެކަނި."

ނަހުލާގެ ބިރުވެރި ފިލްމު "4426" ގެ ހުރިހާ އެކްޓަރުން ވެސް ބުނަނީ މި ފިލްމަކީ އެމީހުންގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު ކަމަށް. ޝީލާ އަށް މި ފިލްމު އެވަރަށް ހާއްސަވާ ސަބަބުތަކަކީ ކޮބާ؟

"އެހެން އެކްޓަރުން ވެސް އެ ބުނަނީ ރަނގަޅު ވާހަކައެއް އަސްލު. މިއީ ވަރަށް ހާއްސަ ފިލްމެއް. އަޅުގަނޑަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވެސް މިހާ ގިނަ ވަގުތު ހޭދަކުރެވި މިހާ ބުރަކޮށް މަސައްކަތްތަކެއް ކުރެވުނު ފިލްމެއް އަދި ނެތް. އެހެންވީމަ އެ ތަފާތު ފާހަގަކޮށްލެވެނީ ވެސް. އަނެއްކޮޅުން ހަތަރު ބުރީގެ އިމާރާތެއްގައި ފިލްމު ޝޫޓްކޮށްފައި މި ވަނީ އެއީ ވެސް އާ ކަމެއް"

"މި ފިލްމު ފާހަގަކޮށްލެވެނީ އޭގެ ބުރަ މަސައްކަތަށް."

ފިލްމު "4426" ގައި ކުޅެފައިވާ ރޯލާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ރޯލަށް ތައްޔާރުވިގޮތާއި ސެޓުގައި ޕާފޯމްކުރެވުނު ފެންވަރު ސިފަކުރާނީ ކިހިނެތް؟

"މި ފިލްމުގެ ލޮކޭޝަނެއްގެ ގޮތުގައި ބޭނުންކުރި ގެއަށް ފުރަތަމަ ދުވަހު ބަލައިލަން ދިޔައިރު ވެސް އުނދަގޫވި. ކުރުސި ކިޔައިފަ އެ ގެއަށް ވަދެގެން ދިޔައީ ވެސް. ފިލްމު ނަގަން ހަމަޖެހިފައިވާ ގެއެއްގެ ވާހަކަ ފުރަތަމަ ކިޔައިދިން ދުވަހަކު ވެސް ނަހޫ ކައިރީ ބުނިން ވަރަށް ބިރުގަނެއޭ"

"ފުރަތަމަ އެ ގެއަށްދިޔައިރު އެންމެ ބޮއްކެއް ގޭގައި އޮތީ ވެސް. ދެން ވަދެގެން ދިޔަ ރޭ ވެސް ޝީލާ ދިޔައީ ސިއްސައިގެން. ހީވީ އެއްޗެއް އެ ގޭ ތެރެއިން ފެނުނުހެން. ނަހޫ ގައިގައި ބައްދައިގަނެވުނު ބިރުން ގޮސް."

"އެކަމަކު އެކްޓްކުރުން ވަރަށް ފަސޭހަކޮށް ދިޔައީ. އެއީ އެތަނަށް ވަނުމާ އެކު ބިރުން ހުރެ އެކްޓްކުރެވުނު ފިލްމެއް މިއީ. އަޅުގަނޑާ ހެދި އެހެން މީހުންނަށް އުނދަގޫވާ ވަރަށް އަޅުގަނޑު އުޅުނީ ބިރުން ފިލްމުގެ ސެޓުގައި. އެތަން ހުރި ގޮތުންކަން ނޭނގެ އެހާ ބިރުގަންނަނީ."

ބުނެވިދާނެތަ ޝީލާގެ ފިލްމީ ހަޔާތުގެ އެންމެ މޮޅު ޕާފޯމެންސެއް ފެނިގެންދާނީ މި ފިލްމުންނޭ؟

"އެކްޓިން އަށް ބަލާ ނަމަ ހުންނާނެ މިއަށް ވުރެ ރަނގަޅަށް މަސައްކަތްކުރެވިފައި ހުރި ފިލްމުތައް ވެސް. އެކަމަކު ސެޓުގައި ހަމަ އަސްލަށް ވެސް ބިރުން ހުރެ ކުޅެވުނު ފިލްމަކަށް ބަލާފައި އެ ތަފާތު މި ފިލްމުން ފެންނާނެ. ކޮންމެ މަސައްކަތަކީ ވެސް ޑައިރެކްޓަރުގެ ބެލުމުގެ ދަށުން ވަރަށް ރަނގަޅަށް ކުރާ މަސައްކަތެއް. އެކަމަކު އަޅުގަނޑު ބުނާނީ މިއީ އަޅުގަނޑަށް މެކްސިމަމް ދެވުނު ފިލްމެކޭ. ބެލުންތެރިން އަޅުގަނޑުގެ މަސައްކަތް ބަލައިވެސް ގަންނާނެއޭ."

ފިލްމުގެ ސެޓްގައި ބައެއް މީހުން ބިރުން އުޅުނު ވާހަކަ އާއި ޝޫޓިންގައި ބައެއް ތަރިންނަށް އަނިޔާވި ވާހަކަ ވެސް އަޑުއިވުނު. ޝީލާ އަށް އެކަހަލަ އެއްވެސް ތަޖުރިބާއެއް ކުރެވުނުތަ ފިލްމުގެ ބިރުވެރިކަމުގައި؟ މިސާލަކަށް އެންމެ ބިރުވެރި ކަންތައް؟

"ފިލްމުގެ ސެޓްގައި އަޅުގަނޑު އެހާ ބިރުން އުޅޭތީވެ އެމީހުން ދިމާކޮށް ވެސް ހަދާ. ފިލްމުގެ މަސައްކަތުގައި އެންމެ ޖެހިލުންވި މަންޒަރެއް ނަގަން ޖެހުނީ ޝޫޓްކުރި ގޭގެ ކޮޓަރިއެއްގައި. އެ ކޮޓަރިއަކީ ފުރަތަމަ ވެސް ފެނިގެން ވަރަށް ޖެހިލުންވި ތަނެއް. އެތަނަށް ދިޔައީމަ ފާޑުފާޑުގެ އަޑުއަޑު ވެސް އިވޭހެން ހީވޭ. ވެދާނެ ބިރުން އުޅޭތީ އަޅުގަނޑަށް ހީވާގޮތް ކަމަށް ވެސް"

"ދެން އެތަނުގައި ނެގި މަންޒަރެއްގައި ހުންނާނެ ހަމަ އަސްލަށް ރޮވިފައި ބިރުން ގޮސް. ރޮވިގެން ގޮސް އެ މަންޒަރު ނަގައި ނިމުނުއިރު ވެސް އަޅުގަނޑަށް ނޭނގޭ އެކަމެއް. ޑައިރެކްޓަރު ކަޓުއޭ ބުނީމަ ވެސް ނޭނގިފައި ހުއްޓައި އެންމެ ހޭން ފެށީމަ އެނގުނީ. ލަދު ވެސް ގަތް."

މިހާތަނަށް ނަހުލާއާ އެކު ކޮށްފައިވާ އެހެން މަސައްކަތްތަކަށް ބަލާއިރު ކޮބައިތަ ޝީލާގެ ބެސްޓް ޕާފޯމެންސަކީ ޝީލާގެ ހިޔާލުގައި؟ ބުނެވިދާނެތަ "ޒުލޭޚާ" ގައި ކުޅެފައިވާ ރޯލޭ؟

"އަޅުގަނޑު ބުނާނީ މި ފިލްމަކާ ޒުލޭހާއަކާ އަޅައެއް ވެސް ނުކިޔޭނެއޭ. މިއީ މުޅިން ތަފާތު ފިލްމެކޭ. އެކަމަކު ނަހުލާއާ އެކު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު އެންމެ ހާއްސައަކީ ޒުލޭޚާ. އޭގެ އިތުރުން ޔޫއްޕެއާއި ނަހުލާގެ މަސައްކަތެއް ކަމަށްވާ ހެޔޮނުވާނެ. އެ ދެ ފިލްމު ފާހަގަކޮށްލަން ބޭނުންވޭ."

ޝީލާ ފެނިގެން ގޮސްފައި އެބަހުރި ވަރަށް އާދައިގެ ރޯލުތަކުން ވެސް އަދި ވަރަށް ސްޓްރޯންގް ރޯލުތަކުން ވެސް. ސްކްރިޕްޓެއް އަތަށް އެރީމަ ކިހިނެތް ކޮން ގޮތަކަށް ބަލައިފައިތަ ފިލްމަކަށް އެއްބަސްވަނީ؟ ހަމަ ކޮންމެ ރޯލެއް ލިބުނަސް ކުޅެލަނީތަ؟

"ފިލްމެއް ކުޅެން ބަލާއިރު ބަލަން، ވަރަށް ބޮޑަށް ވިސްނަން، އެންމެ ސީނަކަށްވިޔަސް، ވަރަށް ބޮޑަށް އެކްޓްކުރެވޭނެ ކަހަލަ ރޯލެއްތޯ. އެގޮތަށް ވިސްނައިގެން ރޯލުތައް ނަގާތީ ކޮންމެ ކޮންމެ ރޯލެއް ނުވެސް ކުޅެން. ވަރަށް ބަލަން ފިލްމުގެ ސްޓޯރީއަށް ވެސް. ފިލްމު ޑައިރެކްޓްކުރަނީ ކާކުތޯ ވެސް. އެކްޓްކުރާނެ ގޮތް ކިޔައިދެވޭނެ ޑައިރެކްޓަރަކާ އެކު މަސައްކަތްކުރުމަކީ ވެސް ފަސޭހަކަމެއް"

މިހާތަނަށް ޝީލާ އަށް އެކުގައި މަސައްކަތްކުރެވުނު އެންމެ މޮޅު ޑައިރެކްޓަރަކީ ކާކުތަ ފިލްމީ ދާއިރާއިން؟ ޓޮޕް ފަސް ޑައިރެކްޓަރުން ހޮވާ ނަމަ ކޮން ފަސް ނަމެއްތަ ޝީލާގެ ލިސްޓަށް އަރާނީ؟

"އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ނަހޫ. އެއީ އަންހެނަކަށްވެފައި ނަހު ވަރަށް ބަލާނެ ހުރިހާ ކަމަކަށް ވެސް. އެހެން ޑައިރެކްޓަރުންނަށް ދެރަ ބަހެއް ބުނަނީކީއެއް ނޫން. ފައްތާހު ވެސް ވަރަށް ފާހަގަކޮށްލެވޭ އެގޮތަށް. ވަރަށް ބޮޑަށް ކިޔައިދޭނެ އެމީހުން ބޭނުންވާ ގޮތް ނެރެން."

"ދާއިރާ އިން ފަސް ޑައިރެކްޓަރުން ހޮވާ ނަމަ ވެސް ފުރަތަމަ ފާހަގަކޮށްލާނީ ނަހޫ. ދެން ޗިއްޕެ. އޭގެ އިތުރުން ފައްތާހު އާއި ނިމާލް އާއި އަމްޖޭ."

ފިލްމީ ދާއިރާގައި ގިނަ ދުވަސްވީ ފަރާތެއްގެ ހައިސިއްޔަތުން މި ދާއިރާ ސިފަކުރާނީ ކިހިނެތް އަދި މިފަހުން ދާއިރާ އަށް އެއްވެސް ކަހަލަ ތަރައްގީއެއް ނުވަތަ ކުރިއެރުމެއް އައިސްފި ކަމަށް ގަބޫލުކުރަންތަ؟

"އަޅުގަނޑުމެން ކުރިން މަސައްކަތްކުރި ގޮތަށް ބަލާއިރު މާ ދަށްކޮށް މިހާރު މި ފެންނަނީ. ކުރިއަށް ނުއެއް ދޭ. ކުރީގައި ނަމަ ޑްރާމާ ސިލްސިލާ އާއި ބައިވަރު މަސައްކަތް އޮވޭ. ޝީލާމެން އަވަދިނެތި މަސައްކަތްކުރި ދުވަސް ވެސް ދިޔަ. އެކަމަކު މިހާރު މި އުޅޭ ކުދިންނަށް އެހާ ގިނަ ފުރުސަތުތަކެއް ނުލިބޭ އަސްލު"

ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރުމަކީ ކޮން ކަހަލަ ކަމެއް؟ ވަރަށް ގިނަ މީހުން ބުނާ އަޑު އިވެނީ އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ހެޔޮވާވަރުގެ ދާއިރާއެއް ނޫނޭ މިއީ. ކީއްވެގެންހެން ހީވަނީ އެހެން ބުނަނީ ބައެއް މީހުން؟

"މިދާއިރާގައި މަސައްކަތްކުރުމަކީ ހަމަ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން ކުރިން އަދި މިދާއިރާގައި ގަދައަށް މަސައްކަތްކުރިއިރު އިތުރު ވަޒީފާއަކަށް ނުގޮސް ވެސް، ކުއްޔަށް ތަނެއް ހިފައިގެން އުޅޭވަރުގެ އާމްދަނީއެއް ލިބޭ. އަޅުގަނޑު ބުނާނީ މިހާރު ވެސް ގިނަ ބަޔަކު މި ދާއިރާ އަށް ނުކުމެއްޖެ ނަމަ މިއީ އާމްދަނީއެއް ހޯދުމަށް ރަނގަޅު ދާއިރާއެކޭ. އަޅުގަނޑު ދެން މިހާރު އެހާ ގިނައިން މި ދާއިރާއިން ނުފެންނަނީ އެހެން ވަޒީފާއެއްގައި ވެސް އުޅޭތީ."

ފިލްމުތަކެއްގައި މަސައްކަތްކޮށް ޝީލާއަށް ލިބެން ޖެހޭ އަގު ނުވަތަ ފައިސާގެ މުއާމަލާތެއް ނުލިބި އެބަހުރިތަ ޝީލާ އަށް؟

"އަޅުގަނޑު ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން މި ގެންދަނީ 1999 ވަނަ އަހަރުން ފެށިގެން. ދުވަހަކު ވެސް ޝީލާމެންނަށް ދޭ އުޖޫރައެއް ނުލިބިފައެއް ނެތް. އެ އަގު ލިބިގެން މިހިސާބަށް އައީ. މި ދާއިރާގައި މަސައްކަތްކުރަން އެނގިއްޖެ ނަމަ ވަރަށް ރަނގަޅަށް ކުރިއަށް ދެވިދާނެހެން ހީވަނީ."

އެކްޓަރެއްގެ ގޮތުގައި އަދި މިހާރުގެ ފިރިމީހާގެ ގޮތުގައި މަނިކު ސިފަކުރާނީ ކިހިނެތް؟ ބުނެވިދާނެތަ މަނިކަކީ ފިލްމީ ދާއިރާގެ އެންމެ މޮޅު އެކްޓަރޭ އަދި ޝީލާގެ ހަޔާތަށް ވެސް އައި އެންމެ މޮޅު ބަތަލޭ؟

"ޝީލާގެ ހަޔާތަށް އައި އެންމެ މޮޅު ބަތަލޭ ބުނެވޭނީ ދޯ އަސްލު. ދެން މަނިކަކީ އެކްޓިން އަށް ބަލާ ނަމަ ޝީލާ އަށް ވަރަށް މޮޅު އެކްޓަރެއް. ވަރަށް ތަފާތު އެކްޓިންތަކެއް ދައްކުވައިދޭ ފަރާތެއް. ކޮންމެ ރޯލެއް ކުޅުނަސް ވަރަށް ގުޅޭނެ. އަދި މިހާރު ކުޅެފައި ހުރި ރޯލުތަކަށް ބަލާއިރު މަނިކަށް ވުރެ މޮޅަށް އެ ރޯލުތައް ކުޅެވޭނެ އެހެން މީހަކު ޝީލާއަކަށް ނުފެނޭ."

ފިލްމީ ދާއިރާގެ ބަތަލާއިންނަށް ބަލާއިރު ޝީލާ އަކީ އަހުލާގު ރަނގަޅު ކަމަށް ނުވަތަ އަހުލާގީ ފެންވަރެއް ހިފަހައްޓަން މަސައްކަތްކުރާ ފަރާތެއް ކަމަށް ފާހަގަކޮށްލެވޭ. ނަމޫނާއަކަށް ވުމަށް ނުވަތަ މީހުންގެ އިހްތިރާމް ހޯދުމަށް ކިހާ ވަރަކަށް މަސައްކަތްކުރެވޭތަ މިހެން އުޅޭއިރު؟

"ވަރަށް ބޮޑަށް މަސައްކަތްކުރެވޭ. މިހެން އުޅޭއިރު ވަަރަށް ބަލައިގެން އުޅެނީ. މަނިކުގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބޭ އެކަމުގައި. ކޮންމެ ކަމެއް ކުރިޔަސް މަނިކާ ޑިސްކަސްކޮށްލައިގެން އުޅެނީ ވެސް. ދެން ތަންތަނަށް ގޮސް އުޅޭއިރުގަ އާއި ކޮފީތަކަށް ގޮސް އުޅޭއިރު ވެސް ބަލަން."

ހަޔާތުގައި މިހާތަނަށް އެއްވެސް މީހަކަށް ކެއްސެއް ދިނިންތަ؟ މިސާލަކަށް ޝީލާގެ ކުރީގެ ލޯބިވެރިޔަކަށް ނުވަތަ ބައިވެރިޔަކަށް ނުވަތަ އެކުވެރިޔަކަށް ވެސް ބުނެވިދާނެތަ ޝީލާ ތިއީ ބޭވަފާތެރިއެކޭ؟

"ކެހިވެރިޔެކޭ ބުނެވިދާނެދޯ ޝީލާއާ ދިމާލަށް ފަހަރެއްގައި. އެކަމަކު ޝީލާ މިއީ ކެހިވެރިޔެކޭ، ބޭވަފާތެރިޔެކޭ ބުނެވިދާނެއެކޭ ޝީލާއެއް ނުބުނާނަން. އުޅުމުގެ ތެރޭގައި ވެސް ވަރަށް ބަލަން މީހަކަށް ދެރައެއް ނުދީ އުޅެވޭތޯ. ދެން މީހަކު އެގޮތަށް ދެކޭ ނަމަވެސް އެ މީހަކަށް ސޮރީއޭ ބުނެވޭނީ. ދެން މިކަހަލަ ފުރުސަތެއްގައިިތާ މައާފަށް އެދެވޭނީ ވެސް."

ބައްޕަގެ ގާތިލަށް ބުނެލަން ބޭނުންވަނީ ކީކޭ؟ މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒުކުރުމާ މެދު ޝީލާގެ ހިޔާލަކީ ކޮބާ؟

"ޝީލާ ބުނެލަން ބޭނުންވަނީ ދުވަހަކު ވެސް އެމީހަކަށް މައާފެއް ނުކުރާނަމޭ. ޝީލާގެ އާއިލާ އިން ވެސް އޮތީ އެގޮތަށް ނިންމާފައި. އެ ނިންމުން ބަދަލުކުރަން އާއިލާ މީހެއްގެ ކައިރީގައި ވެސް އަޅުގަނޑެއް ނޭދޭނަން. މިހާރު ގާތިލަށް ކަމެއް ނުވިޔަސް އެންމެ ފަހު ދުވަހު އާހިރަތްދުވަހުން އެ މީހާ އަށް އޭގެ ރަނގަޅު އަޒާބު ލިބޭނެ"

"ބުނެލަން ބޭނުންވަނީ މިތަނުގައި އިންސާފު ނުލިބުނަސް އިންސާފު ލިބޭނެ ދުވަހެއް އޮންނާނެއޭ"

"މަރުގެ ހުކުމަކީ ވަރަށް ރަނގަޅު ކަމެއް އަޅުގަނޑުގެ ހިޔާލުގައި. ވާހަކައަކީ އެއް ފަހަރު ނަމަވެސް މަރަށް މަރުގެ އަދަބު ދިނީމަ ދެން ވާނެ ގޮތެއް ވެސް އެނގޭނީ. އެހެންވީމަ އެއްފަހަރު ނަމަވެސް ކުރާށޭ އޭރުންތާއޭ މި ގައުމުގެ ހާލަތަށް އަންނާނެ ބަދަލެއް. ދީނުގައި ވެސް އޮންނަ ކަމެއް މަރަށް މަރު ދިނުމަކީ. އެ އަދަބު ނުދިނުމަކީ ޝީލާ ގަބޫލުކުރާ ގޮތުގައި (ގާތިލަށް) ލިބޭނެ ހިތްވަރެއް."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ލޫސިޑް ޑްރީމްސް / ރިވެންޖު ބައި ކެވިން
  • ވީޑިއޯ އަދި އެޑިޓިން: އަފްޝީން
  • ސްޓޫޑިއޯ: ޑިޖިޓަލް ސްޓޫޑިއޯ