ބޮލީވުޑް

ޝާހިދާއި މީރާއަށް އަންހެން ކުއްޖަކު ލިބިއްޖެ

Aug 26, 2016

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ބައްޕައަކަށް ވެއްޖެ އެވެ. ޝާހިދަށް މިއަދު ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ.

ޝާހިދުގެ އަންހެނުން މީރާ ރާޖްޕުތް ވިހާފައިވަނީ މިއަދު ހަވީރު މުންބާއީގެ ހިންދޫޖާ ހެލްތް ކެއާ ސާޖިކަލް ހޮސްޕިޓަލްގަ އެވެ. އިންޑިއާ ގަޑިން 7:56 ހާއިރު މީރާ ވިހާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު ދަރިފުޅުގެ ބަރުދަނުގައި 2.8 ކިލޯ ހުރިކަމަށް ވެސް ރިޕޯޓްތަކުގައިވެ އެވެ.

މީރާ ވިހޭއިރު ޝާހިދު އޭނާ ކައިރީގައި ހުއްޓެވެ. މީރާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު އެވެ.

ޝާހިދާއީ މީރާ ރާޖްޕުތް ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. އުމުރުން 34 އަހަރުގެ ޝާހިދު އާއި 21 އަހަރުގެ މީރާއާ ދެމެދު އުމުރުގެ ގޮތުން 13 އަހަރުގެ ފަރަގެއް ހުންނައިރު، މީރާ ވަނީ ދާދި ފަހުން ދިއްލީ ސްރީ ރާމް ކޮލެޖްއިން ގްރެޖުއޭޓްވެފަ އެވެ. ޝާހިދު އާއި މީރާ ދިމާވެފައިވަނީ ރާދާ ސޯމޯ ސަތްސަންގް ނަމަކަށް ކިޔާ ދީނީ އަޅުކަން ކުރަ ގްރޫޕަކުންނެވެ.

މީރާ އާއި ކައިވެނިކުރިފަހުން ޝާހިދު ވަނީ އޭނާގެ ހަޔާތަށް ވަރަށް ބޮޑު އަދި ރަނގަޅު ބަދަލުތަކެއް މީރާގެ ސަބަބުން އައިސްފައިވާ ކަމަށް ބުނެފަ އެވެ. މީގެއިތުރުންވެސް މީރާ އޭނާގެ ހަޔާތަށް އައިފަހުން ވަރަށް ޒިންމާދާރު މީހަކަށް ވެގެން ހިނގައްޖެކަމަށް ބުނެފަ އެވެ.

މި ދުވަސްކޮޅަކީ ޝާހިދުގެ ޒާތީ ދިރިއުޅުން ކާމިޔާބު ދުވަސްކޮޅަކަށްވާއިރު ޝާހިދުގެ ކެރިއާއަށް ވެސް މިއީ އުޖާލާ ދުވަސްކޮޅެކެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނިގެން ދިޔަ "އުޅްތާ ޕަންޖާބު"ގައި ދައްކާލި އެކްޓިން ވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.