ކުޅިވަރު

ބޭޑްލެބް މިސްޓަ މޯލްޑިވްސް އިވެންޓް މި އަހަރު ތަފާތުވާނެ

Aug 27, 2016

ބުދަ ދުވަހުގެ ރޭ ބާއްވާ "ބޭޑްލެބް މިސްޓަ މޯލްޑިވްސް" އިވެންޓުގައި އެހެން އަހަރުތަކާ ހިލާފަށް މުޅިން ތަފާތު ވާނެ ކަމަށް އިވެންޓް އިންތިޒާމުކުރާ ޗޮޕާޓުން ބުނެފި އެވެ.

މި އަހަރުގެ މިސްޓަ މޯލްޑިވްސް އިންތިޒާމުކުރާ ޗޮޕާޓުގެ ޑައިރެކްޓާ މިހުސޯ އަބްދުއްސައްތާރު (މިހުސޯ) "އަވަސް" އަށް ވިދާޅުވީ ނޭޝަނަލް އާޓްގެލަރީގައި ބުދަ ދުވަހުގެ ރޭ އޮންނަ މިސްޓަ މޯލްޑިވްސް އިވެންޓު އެހެން އަހަތުތަކަށްވުރެ ތަފާތު ކޮށްލާފައިވާނެ ކަމަށާއި، މިގޮތުން މި އިވެންޓް ރާވާލާފައި އޮންނާނީ ތަފާތު ގޮތަކަށް ކަމަށެވެ.

"އިވެންޓުގައި މި އަހަރު ރެޑްކާޕެޓް ބައެއްވެސް އޮންނާނެ. މި އިވެންޓް ބާއްވާތަން ހުންނާނީ އެހެން އަހަރުތަކަށްވުރެ ބަދަލުކޮށްލާފަ،" މިހުސޯ ވިދާޅުވި އެވެ.

މި އަހަރުގެ މިސްޓަ މޯލްޑިވްސްގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންގާރަދުވަހާ ހަމައަށް އޮންނާނެ އެވެ.

މި އަހަރުގެ މިސްޓަ މޯލްޑިވްސްގައި ވެސް ދެ ބައެއް އޮންނާނެ އެވެ. އެގޮތުން "ބޮޑީ ބިލްޑިން" ކެޓަގަރީގެ "ރަންވަނަ" ލިބޭނީ މުބާރާތުން އެއްވަނައަށްދާ ބައިވެރިއަކަށެވެ. އެއްވަނައަށް 30،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އަދި މި ކެޓަގަރީން ދެވަނަ އަދި ތިން ވަނައަށްދާ މީހަކަށް 25،000ރ. ލިބޭނެ އެވެ.

"ފިސީކް" ބައިގައި އެއްވަނައަށްދާ މީހަކަށް 15،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި މި ކެޓަގަރީގެ ދެވަނައަށް 10،000ރ. ގެ އިނާމެއް ދޭއިރު، ތިންވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 8،000ރ. ގެ ފައިސާގެ އިނާމެކެވެ.

ކަސްރަތު ކުރާ މީހުންގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ "ބޭޑްލެބް މިސްޓަ މޯލްޑިވްސް" ގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ.