އަންނަ ހޯމަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ޓީމުގައި ކުޅެން އިބްރާހީމް ފަޒީލް (އޮއްޕޮ) ވެސް މާދަމާ މާލެ އަންނަން ނިންމައިފި އެވެ.
ކުރީގެ އިތުބާރު ފޯވަޑް އޮއްޕޮ މިވަގުތު ދިރިއުޅެމުންދަނީ ވޭލްސްގަ އެވެ. އޭނާ ކުޅެމުންދަނީ ވޭލްސްގެ ވިލެޖް ޓީމެއް ކަމަށްވާ މޯލްޓްރީޓްގެ ބޮޑޯގަން އެފްސީ އަށެވެ.
އޮއްޕޮ އަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މުބާރާތުގައި އޭނާ ވަނީ ނޭޕާލް ކޮޅަށް ދެ ލަނޑު އަދި ސެމީ ފައިނަލުގައި ލަންކާ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. އެ މުބާރާތިުގެ ރަންބޫޓު ހޯދީ ވެސް ވިކްޓަރީ އާއި ނިއުގެ ކުރީގެ ފޯވަޑެވެ.
އޭނާ މި މެޗަށް ނުކުންނަން ތައްޔާރުވުމުން ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި ކުޅުނު ހުރިހާ ކުޅުންތެރިން މި މެޗުގައި ފެނިގެންދާނެ އެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންގެ ތެރެއިން މާލެއިން ބޭރުގައި ދިރިއުޅޭ ގިނަ ކުޅުންތެރިން މިހާރު ވަނީ މެޗަށް މާލެ އައިސްފަ އެވެ. އޭގެ ތެރޭގައި އައްޑު އަށް އުފަން ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) އާއި ފައިނަލްގައި އިންޑިޔާ ކޮޅަށް ލަނޑު ޖެހި އއ. ތޮއްޑޫ މުހުތާރު ނަސީރު (ޓޫކިލޯ) ވެސް ހިމެނެ އެވެ.
މި މެޗަކީ އެފްއޭއެމުން ފުޓްބޯޅައިގެ ފޯރި ގަދަ ކުރުމަށް ފަށާ ކެމްޕޭނުގެ ފުރަތަމަ ހަރަކާތެވެ. މި މެޗަށް ތަށި ހޯދައިދިން ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭ ވެސް މާދަމާ ރާއްޖެ އަންނާނެ އެވެ. އަދި ހާއްސަ މެހުމާނެއްގެ ގޮތުގައި މެޗުގައި ކުޅެން އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ މިހާރުވަނީ ރާއްޖެ އައިސްފަ އެވެ. އަދި ހާއްސަ މެހުމާނެއްގެ ގޮތުން ބާސެލޯނާ އާއި ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ވެސް މެޗުގައި ބައިވެރިވާނެ އެވެ.