ބޭރު ކުޅިވަރު

ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުކަން އޮންރީ އަށް

ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ފްރާންސާއި އާސެނަލްގެ ކުރީގެ އެއްވަނަ ފޯވަޑް ތިއޭރީ އޮންރީ އަށް ދީފި އެވެ.

ކޯޗު ރޮބާޓޯ މާޓިނޭޒް އޮންރީ އަށް އެސިސްޓެންޓް ކޯޗެއްގެ މަގާމު ދިނީ އޭނާ މިހާރު ވެސް މަސައްކަތް ކުރާ ސްކައި ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެވޭ ގޮތަށެވެ. އޮންރީ ކުރިން ހުރީ އާސެނަލްގެ ސީނިއާ ޓީމުގެ ސްޓައިކަރުންނަށް ފަރިތަކޮށްދޭށާއި 18 އަހަރުން ދަށާއި ޓީމުގެ ކޯޗަށެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކިވީ ކޯޗު އާސެން ވެންގާއާ ދެމެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެގެންނެވެ. ވެންގާ ބޭނުންވީ ޓީވީގައި މަސައްކަތް ކުރާނަމަ އާސެނަލް އިން އޮންރީ ވަކިވުމަށެވެ. އެއީ ޓީވީގައި ޓީމުގެ ބައެއްް ކުޅުންތެރިންނަށް ފާޑުކިޔާ މައްސަލާގަ އެވެ.

ނަމަވެސް މާޓިނޭޒް ބުނީ ބެެލްޖިއަމުގެ ފުޓްބޯޅަ ފެޑަރޭޝަނުން އޮންރީ ގަބޫލުކުރީތީވެ އޭނާ އުފާކުރާ ކަމަށެވެ.

"އޮންރީ އަކީ ވަރަށް މުހިންމު މީހެއް. ޓީމު ކާމިޔާބީ ހޯދަން އެހީތެރިވެދެވިދާނެ މީހެއް. އޭނާގެ ތަޖުރިބާ ހިއްސާކުރެވިދާނެ. މިހާ ރަނގަޅު ސްޓާފަކަށް ފުރުސަތުދިނީތީވެ އަހަރެން ބެލްޖިއަމްގެ ފެޑަރޭޝަނަށް ޝުކުރުއަދާކުރަން،" އެވަޓަންގެ ކުރީގެ ކޯޗު ބުންޏެވެ.

އޮންރީ ވެސް ބުނީ ބެލްޖިއަމް ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އޭނާ ހަމަޖެއްްސުމުން އުފާކުރާ ކަމަށާއި އަދި މިއީ ޝަރަފެއް ކަމަށެވެ.

ބާސެލޯނާގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އޮންރީ އަކީ އާސެނަލް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ކޮންމެވެސް ދުވަހަކުން އާސެނަލް އަށް ކޯޗުކޮށްދިނުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށްބުނެފަ އެވެ.