ބޭރު ކުޅިވަރު

ކަސިޔާސް، ފެބްރިގާސް، ޕެޑްރޯ ބާކީކޮށްފި

ސްޕޭނުގެ ގައުމީ ޓީމުން ކެޕްޓަން އިކާ ކަސިޔާސް އާއި ސެސް ފެބްރިގާސް އަދި ޕެޑްރޯ ރޮޑްރިގޭޒް ބާކީކޮށްފި އެވެ.

އަލަށް ޓީމާ ހަވާލުވި ހޫލިއަން އެކުލަވާލި ސްކޮޑުން މިތިން ކުޅުންތެރިން ބާކީކުރުމަށްފަހު ޖާގަ ދީފައިވަނީ ޗެލްސީގެ ޑިއެގޯ ކޯސްޓާ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ހުއާން މާޓާ އަށެވެ. މިއީ އެންމެ ފަހުގެ ޔޫރޯގައި ވާދަކުރި ސްޕޭން ޓީމުން ބާކީކޮށްފައިތިބި ދެ ކުޅުންތެރިންނެވެ.

ކަސިޔާސް ޓީމުން ބާކީކުރިއިރު އޭނާ އަކީ ސްޕޭނަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އެވެ. އުމުރުން މިހާރު 35 އަހަރުގެ ޕޯޓޯގެ ކީޕަރު ވަނީ ގައުމީ ޓީމަށް 167 މެޗު ކުޅެދީފަ އެވެ. ނަމަވެސް ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ޔޫރޯގައި އޭނާ އަށް ޖާގަދިނީ ބެންޗުންނެވެ. އެކަމާހުރެ ޑެލްބޮސްކޭއާ ކަސިޔާސް ވާހަކަ ނުދައްކާކަމަށް ކޯޗު ފަހުން ބުންޏެވެ.

ޗެލްސީގެ ދެ ކުޅުންތެރިންގެ ތެރެއިން ފެބްރިގާސް އަކީ ގައުމީ ޓީމަށް 110 މެޗު އަދި ޕެޑްރޯ އަކީ 60 މެޗު ކުޅެދީފައިވާ ދެ ކުޅުންތެރިންނެވެ. މިދެ ކުޅުންރެރިން ޓީމަށް ނުނެގީ ކުލަބު ފޯމު ދަށްވުމުންނެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސްޕޭން ނުކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ.