ޔޫރަޕުގެ އެންމެ ވަރުގަދަ ހަތަރު ލީގުގެ އެންމެ މޮޅު ހަތަރު ޓީމަށް 2018 ވަނަ އަހަރުން ފެށިގެން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބަރާތުން ޖާގަ ދޭން ނިންމައިފި އެވެ.
ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން މި ބަދަލު ގެނައީ ޗެމްޕިއަންސް ލީގުގެ ޖާގައިގެ މައްސަލާގައި މި ގައުމުތަކުން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރުމުންނެވެ.
ޗެމްޕިއަންސް ލީގުން މިހާރު އޮޓެމެޓިކް ޖާގަ ލިބެނީ އިނގިރޭސި ލީގާއި ޖަރުމަނު ލީގާއި ސްޕޭން ލީގުގެ ގަދަ ތިން ޓީމަށެވެ. ލީގުގެ ހަތަރުވަނަ ޓީމު ޖެހެނީ ޕްލޭއޯފް ކުޅޭށެވެ. އިޓަލީން ޖާގަ ލިބެނީ ދެ ޓީމަށެވެ. ތިން ވަނަ ޓީމަށް އޮންނަނީ ޕްލޭއޯފް ޖާގައެކެވެ.
ނަމަވެސް މި ހަތަރު ގައުމުން ވެސް ލީގުގެ ގަދަ ހަތަރު ޓީމަށް ޖާގަ ދޭން ނިންމީ އެންމެ ވަރުގަދަ ލީގުތަކަކީ އެއީ ކަމަށް ބަލާފަ އެވެ. ނަމަވެސް ހަތަރު ޓީމަށް ފުރުސަތުދީފައި ޕްލޭއޯފް ޖާގައެއްނުލިބޭނެ އެވެ.
އާ ސިސްޓަމުގެ ދަށުން ވެސް ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ. ނަމަވެސް ޔޫރަޕުގެ ބޮޑެތި ކުލަބުތައް ކަމަށްވާ އޭސީމިލާނާއި ލިވަޕޫލް އަދި އިންޓަމިލާނާއި މެންޗެސްޓާ ޔުނައިޓެޑް ފަދަ ޓީމުތައް ލީގުގެ ގަދަ ހަތަރަކަށް ނުދިޔަ ނަމަވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވާގޮތަށް ހުށަހަޅާފައިވީ ނަމަވެސް އެކަން ނުކުރަން ވަނީ ނިންމާފަ އެވެ. މި ޓީމުތަކަކީ މިއަހަރުގެ ޗެމްޕިއަންސް ލީގަސް ހޮވިފައިނުވާ ޓީމުތަކެވެ.
އާ ސިސްޓަމުގެ ދަށުން ޔޫއޭފާއިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ޓީމުތަކަށް ލިބޭ ފައިސާގެ އަދަދު އިތުރުކުރާނެ ކަމަށް ބުނެފަ އެވެ. ޓީމުތަކަށް ފައިސާ ދިނުމުގައި ބަލާނީ މީގެ ކުރިން ތަށި ހޯދާފައިވާ ނިސްބަތާއި މިހާރުގެ ޕާފޯމަންސަަށެވެ.