ވާހަކަ

ކުރު ވާހަކަ: އެމީހުން

އަތުކުރީގައި އޮތް ރިހި ކުލައިގެ ގަޑިއަށް އަހަރެން ބަލާލީމެވެ. އެނގާރަ ގަޑި ބައިވެއްޖެ އެވެ. މެންދުރު ވަނީ އެވެ. އިށީނދެގެން އިން ގޮނޑީގައި އަހަރެން ހަމަޖެހިލީމެވެ. ސްޕޮންޖް ޖެހި ގޮނޑިއެއް ކަމަކު އެ އިހްސާސެއް އަހަރެންގެ ފިނދުމަސްގަނޑަކަށް ނުކުރެވެ އެވެ. ގޮނޑީގައި އެގޮތަށް މާ ގިނައިރުވީމަ އެވެ.

ކަނާތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަށް އިނގިލީގެ ކުރިން ހިފަހައްޓައިގެން ހުރި، ކަރުދާސްކޮޅަށް ކަޅިއެއް އެއްލައިލީމެވެ. އޭގައި އޮތް އަދަދަކީ 1859 އެކެވެ. އަހަރެންގެ ކުރިމަތީގައި ހުރި ބޯޑްތަކުން އެ ނަމްބަރު ދިއްލެން އަދި ގާތް ވެސް ނުވެ އެވެ. އިށީނދެގެން އިން ގޮނޑީގައި އަނެއްކާވެސް ކުރިއަށް ވުރެ ރަނގަޅަށް ހަމަޖެހިލަމުން އަހަރެންގެ ކަނާތު ފައި ނަގައި ވާތު ފައިގެ ފަލަ މަސްގަނޑު މަތިން ވައްޓާލީމެވެ. އަދި ފަތަހަށް ދަމައި އައްސާފައި އޮތް އަހަރެންގެ ފަން އިސްތަށިގަނޑުގައި ވާތުގެ އިނގިލިތަކުން ކުޅެލަމުން ގޮނޑީގައި ފަހަތަށް ލެނގިލީމެވެ. އެވަގުތު، އަހަރެންގެ ކަނާއަތް ފަރާތުގައި ހުރި ގޮނޑީގައި އިށީނދެގެން އިން މީހާ ކުއްލިއަކަށް ތެދުވިގެން ގޮސް ސާވިސް ކައުންޓަރެއްގެ ކުރިމަތީގައި ހުރި ގޮނޑި ކުޑަކޮށް ފަތަށް ދަމާލުމަށް ފަހު އޭގައި ހަމަޖެހިލި އެވެ. އެއަށް ފަހު އަހަރެންގެ ސަމާލުކަން ހަރާބުކޮށްލީ އޭނާ ހުސްކޮށްލާފައި ދިޔަ ގޮނޑީގައި އިށީން ފިރިހެނެކެވެ. އޭނާ އައިސް ގޮނޑި މައްޗަށް ފާޑަކަށް ވެއްޓިގަތީ އެވެ. އެ ހިނދުކޮޅުން ފެށިގެން އަހަންނަށް މަޖުބޫރުވީ ނޭވާ ހިފަހައްޓާލާށެވެ. އެ މުޑުދާރު ފިރިހެން މީހާގެ ހަށިގަނޑުން ނުކުމެގެން އައިސް އަހަރެންގެ ގައިގައި ބައްދާލި ނުބައި ވަސްގަނޑާއެކު މީހާ ހޭނެތިގެން މުށިގަނޑު މައްޗަށް ނުވެއްޓެނީސް، ގޮނޑީގެ އެއް ފަރާތެއްގައި ބާއްވާފައި އޮތް އަހަރެންގެ ބޮޑު އަތް ދަބަސް ނަގައިގެން ކޮނޑަށް ހެޔޮވަރުކުރަމުން އަހަރެން ވަގުތުން ގޮނޑިން ތެދުވީ އެވެ. އެއަށް ފަހު ހަމަ އަށް ނޭވާ ލެވުނީ ތަންކޮޅެއް ދުރަށް ދެވުމުންނެވެ.

ގޮނޑިން ތެދުވިގެން ގޮސް އަހަރެން ތަންކޮޅެއް ދުރުގައި މަޑުކޮށްލުމުން އިރުކޮޅެއް ނުވެ އެހެން މީހަކު ގޮސް އެ ގޮނޑީގައި އިށީނދެއްޖެ އެވެ. އެ ގޮނޑިން އަހަރެން ތެދުވިގެން ދިޔައީ ގާތްގަނޑަކަށް ގަޑިއެއްހާ އިރުފަހުންނެވެ. އެއަށް ފަހު އަހަރެން ހުންނަން ޖެހުނީ ކޮޅަށެވެ. އަހަރެން ގޮސް ތަނބެއްގައި ލެނގިލީމެވެ. ވަށައިގެން ތިބި އެކި އުމުރުގެ ފިރިހެނުން އަހަންނާ ދިމާލަށް ސިއްރު ސިއްރުން ބަލަމުންދާކަން އެނގޭ ހާލުގަ އެވެ.

މީހުންގެ ލޯތައް އަމާޒުވުމަކީ އަހަންނަށް އާ ކަމެއް ނޫނެވެ. އެކަމަކު ވެސް، އަހަރެންގެ ފަތިހަށިގަނޑުގެ ވަނާތަކަށް ޝައުގުވެރިވެފައި ތިބި މީހުންގެ ސަމާލުކަމަށް ވުރެ އަހަންނަށް މިހާރު މުހިންމުވެފައި ވަނީ އަވަސް ހިދުމަތެކެވެ. އަނެއްކޮޅުން މި ގަޑީގައި ބޭންކަށް ވަދެގެން ދިގު އިންތިޒާރަކަށް ފަހު ނޫން އެހެން ގޮތަކަށް ހިދުމަތް ނުލިބޭނެކަން ވެސް އެނގެ އެވެ.

*** ** ***

ނަމްބަރެއް ނަގައިގެން މީހުންތަކުގެ ތެރެއިން އެތެރެއަށް ވަދެގަތުމާ އެކު އެންމެ ފުރަތަމަ ވެސް އަހަރެންގެ ސަމާލުކަން ދަމައިގަތީ އެ އަންހެނާ އެވެ. އޭނާގެ އެ ހިތްގައިމު ކިއްސަރެވެ. ކުރިމަތީގައި ހުރި ސާވިސް ކައުންޓަރުތަކުން އަހަރެންގެ ނަމްބަރު ޖެހޭނެ ވަގުތެއް ލަފާކޮށްލަން އެ ބޯޑްތަކާ ދިމާލަށް ބަލާލެވުނީ އެއަށް ފަހު އެވެ. ދެން އަނެއްކާވެސް އެ އަންހެންނާގެ ރީތިކަމުގެ ތެރެއަށް ދަމައިގެންދިޔައީ އެވެ.

އަހަރެން ގޮސް މަޑުކޮށްލީ އެންމެ ފަހަތުގަ އެވެ. ފާރުގައި ބުރަކަށި ޖައްސާލައިގެން އަހަރެން ހަމަޖެހިލިއިރު އެ އަންހެން މީހާ ހުރީ އަހަރެންގެ ކުރިމަތީގައި ހުރި ތަނބެއްގައި ލެނގިލައިގެންނެވެ. އޭނާގެ ރީތިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަލާލުމުގެ ފުރުސަތު ތަނަވަސްކުރުމަށް އަހަރެން ހަމަޖެހިލީ އަރިމަތިން އޭނާ ފެންނަ ދިމާލެއްގަ އެވެ. އެއީ އުމުރާ ނުބައްދަލު ރީތިކަމަކާއި ޒުވާންކަމެއްގެ ވެރިއެކެވެ. އެއީ އަހަރެން އޭނާ ސިފަކޮށްދޭން ބޭނުންވާ ގޮތެވެ. އެކަމަކު ވެސް އޭނާ އަކީ އަހަންނަށް ވުރެ މާ ބޮޑަށް ވެސް ހަގު ކުއްޖެއްކަން އަހަންނަށް އެނގެ އެވެ.

ބޮލުގެ ފަން އިސްތަށިގަނޑު އޮތީ ފަހަތަށް އައްސައިފަ އެވެ. އިރުއިރުކޮޅުން އޭނާ އެ އިސްތަށިގަނޑާ އިނގިލިތަކުން ކުޅެލަ އެވެ. ނިއްކުރިއާ ދިމާލުން އަރި މައްޗަކަށް ވެއްޓޭ އިސްތަށިކޮޅުތައް އިނގިލިތަކުގެ އެހީގައި ގެންގޮސް ކަންފަތް މަތިން ވައްޓާލަ އެވެ. ކަންފަތުގެފޫޅުން މައްޗަށް ހަތަރު ތަނެއް ތޮރުފައި އެސް ހަރުކޮށްފައިވެ އެވެ.

ލައިގެން ހުރި ކަރުބޮޑު ޓޮޕާ އެކު އޭނާގެ ދޮން ކަނދުރާގެ ރީތިކަމަށް އެޅިފައިވާ ނިވަލެއް ނެތެވެ. ކަރުގައި އޮތް ރިހިކުލައިގެ ދިގު ފަށުގެ ފުލުގައި ވާތުގެ އިނގިލިތަކުން ހިފަހައްޓައިގެން ވާންކޮށްގެން ހުރެ މަޑުމަޑުން ލަސް ހަރަކާތުގައި ދެކޮޅަށް ހެއްލަމުން ގެންދާ ފަރި ހަރަކާތްތައް ފެނެ އެވެ. އޭނާގެ ހިތް ނިކަން ބާރަށް ތެޅެމުންދާ ކަމުގެ ކުލަވަރު މޫނުމަތިންނާއި ހަރަކާތްތަކުން ފެނެ އެވެ. އޭނާ އެހެރީ ލަސްވެފަ އެވެ. އަހަންނަށް ރަނގަޅީ އޭނާ އަށް ލަސްވި ވަރެކެވެ.

އަހަރެން ކައިރީގައި ހުރި ސޯފާގެ އަރިމަތީގައި ހުރި މީހާ ކުއްލިއަކަށް ތެދުވިގެން ގޮސް ކައުންޓަރެއް ކައިރީގައި އިށީނދެއްޖެ އެވެ. ދެ ވަނަ ވިސްނުމަކަށް ނުގޮސް އަހަރެން ސޯފާގެ އަރިމަތިން އޭގެ ތެރެއަށް ސޮއްސާލައިގެން ގޮސް ހަމަޖެހިލީމެ އެވެ. އޭރު ވެސް އަހަރެންގެ ދެ ލޯ ހުއްޓިފައި ވަނީ ތަނބުގައި ލެނގިލައިގެން ހުރި އަންހެނާ އަށެވެ. ކަންފަތާ ދިމާލުން އޭނާގެ ކަނދުރާގެ ދެ ފަޅިއަށް ޖަހާފައިވާ ސެންޓްގެ ވަސް އަހަންނަށް އިހްސާސްކުރެވޭ ކަހަލަ އެވެ.

އެ ލުއިލުއި ކަނދުރާއިން ފެށިގެން އަހަރެންގެ ނަޒަރު ތިރިކުރީމެވެ. ވަނާތަކުގައި ތައްކޮށްފައި އޮތް ހުދުކުލައިގެ ޓޮޕުން ތިރިއަށް ގޮސް އޭނާގެ އުނަގަނޑާ ދިމާލުގައި މަޑުކޮށްލީމެވެ. ގަދަ ނޫކުލައިގެ ސްކިނީ އެކެވެ. ފުންނާބު އުސް ކަޅުކުލައިގެ ފައިވާނެކެވެ. އެ އުސް ފުންނާބާ އެކު އޭނާގެ އިސްކޮޅު ވެސް އެހާމެ ފައްކަލެވެ.

*** ** ** ***

އެއީ ކާކުކަން އަހަންނަށް އެނގެ އެވެ. އޭނާގެ ދެ ލޯ ހުއްޓިފައި ހުރި ނާޒުކު އަންހެން ކުއްޖާގެ ރީތިކަމަށް ވުރެ އެ އެދުންވެރި ލޮލުގެ ވެރިޔާގެ ހަރަކާތްތަކަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ އެ ސަބަބާ ހެދި އެވެ.

އަހަންނަށް އޭނާގެ ސިފައާއި އަހުލާގެއް ނޯޅޭނެ އެވެ. އޭނާ މިހާރު އެހުރި ހާލަތުގައި، އެގޮތަށް އެދުންވެރިކަމުން ފޯވެފައި ހުއްޓައި އަހަރެން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދެކުނީމެވެ. އެ މުސްކުޅި މީހާގެ މުޑުދާރު ނަޒަރުގެ ޝިކާރައަކަށް އެ އަންހެން ކުއްޖާވެފައިވާތީ އަހަރެން ހިތާމަކުރަމެވެ. އެކަމަކު މި ބޭންކް ތެރޭގައި ހަމަނުޖެހުމަކަށް ގޮސްގެން މީހުންގެ ސަމާލުކަން ހޯދަން އަހަރެންގެ ހިތެއް ނުބުނެ އެވެ.

އެއް އިރެއްގައި އަހަރެން މިއީ އޭނާގެ ދަށުން މަސައްކަތްކުރި މީހަކީމެވެ. އޭނާ އަކީ އޭރު ޑިރެކްޓަރެކެވެ. އަހަރެމެންގެ މަސައްކަތުގެ މާހައުލަކީ ސަރުކާރުގެ އޮފީހެކެވެ. ދެ ޖިންސުގެ މީހުން ގިނަ އަދި ގުޅިގެން މަސައްކަތްކުރަން ޖެހޭ މާހައުލެކެވެ. އެ އޮފީހުގައި އަހަރެން ވަޒީފާ އަދާކުރަން ފެށިތާ ގާތްގަނޑަކަށް ހަ މަސް ފަހުން އޭނާ އެހެން އޮފީހަކަށް ބަދަލުވީ އެވެ. އަނެއްކާވެސް ޑިރެކްޓަރެއްގެ މަގާމަކަށެވެ.

އޭނާ އަކީ ނުތާހިރު ސިކުނޑިއެއްގެ ވެރިއެކެވެ. ޒުވާން އަންހެން ކުދިންނާ މައްލަވަކޮށް އެމީހުންގެ ފުރިހަމަ ބައްޓަންތަކުގައި ބީހި އެ ސިފަތަކަށް ނަޒަރު ދޫކޮށްގެން އިނދެ އުފާ ހޯދުމަކީ އޭނާގެ ބައްޔެކެވެ. އޭނާއާ އެއް އޮފީހެއްގައި މަސައްކަތްކުރި ދުވަސްތަކުގައި އަހަރެން މިއީ އެ މަންޒަރުތައް ތަކުރާރުކޮށް ފެނިފައިވާ މީހަކީމެވެ. އޭނާގެ އެދުންވެރި ނިޔަފަތިތަކުގެ ވަކި އެޅިފައި ވަނީ ހަމައެކަނި އަންހެން ކުދިންގެ ގަޔަކު ނޫނެވެ. ޚުދު އަހަރެން ވެސް މިއީ އެކަން ތަޖުރިބާކުރަން ޖެހުނު މީހަކީމެވެ. އެ ވާހަކަ ދައްކަން އަހަރެން ލަދު ވެސް ގަނެ އެވެ. އެންމެފަހުން އޭނާ އެހެން އޮފީހަކަށް ބަދަލުކޮށްލީ އެފަދަ ޝަކުވާތައް ގިނަވެގެންނެވެ.

އެހެންކަމުން ގޮނޑީގައި ހަމަޖެހިލައިގެން އިންއިރު އަހަރެން ހުރީ ހުށިޔާރުވެގެންނެވެ. ތައްޔާރުވެގެންނެވެ. އެ ސޯފާ އިން ތެދުވިގެން ގޮސް އޭނާގެ އެ މުޑުދާރު އިނގިލިތައް އެ އަންހެން ކުއްޖާގެ އުނަގަނޑުގައި ބީހޭ މަންޒަރު ބަލަން އަހަރެން މަޑަކުންނެއް ނުހުންނާނަމެވެ. އަހަރުތަކެއް ކުރިން އޭނާއާ ދެކޮޅަށް ނުކުންނާނެ ހިތްވަރެއް އަހަރެންގެ ކިބައިގައި ނެތަސް، މިއަދު ދުލެއް ނުދޭނަމެވެ.

*** ** ** ***

އަހަރެން ބޭނުންވަނީ ގެއަށް ދާށެވެ. މި އެންމެންގެ ކުރިމަތީގައި ބުދެއްހެން އިންނާކަށް އަހަރެން ބޭނުމެއް ނުވެ އެވެ. އަހަރެންގެ ބޮލުގައި ރިއްސަނީ އެވެ. ދަށްބަނޑުގައި ރިއްސަނީ އެވެ. ލޮލުގައި ރިއްސަނީ އެވެ. ދެ ލޯ ވަނީ ރަތްވެފަ އެވެ. ހަމަ ނިދި ނުލިބޭތާ ހަފުތާއެއް ވަނީ އެވެ. ގޮނޑީގައި އިނދެފައި ސާވިސް ނަމްބަރު ބަދަލުކޮށްލަން މި ކޮށްލާ ހަރަކާތާ އެކު ވެސް މުޅި ހަށިގަނޑުގައި އަޅައިގަންނަނީ ފުން ވޭނެކެވެ. މި ގޮނޑީގައި އަހަންނަކަށް އިތުރަކަށް ކެތެއް ނުކުރެވޭނެ އެވެ.

މި ވަޒީފާ އަށް އަހަރެންގެ ހިތް ޖެހުނު ގޮތެއް ވެސް އަހަންނަކަށް ނޭނގެ އެވެ. ފަހަރެއްގައި މީހުންނަށް ހިދުމަތް ދިނުން މިއީ އަހަރެންގެ އެންމެ ހާއްސަ ސިފަ އެވެ. ގާތްގަނޑަކަށް ނުވަ ގަޑިއިރުގެ މި ހިދުމަތަށް ފަހު ގެއަށް ގޮސް ކޮޓަރި އަށް ވަދެ އެނދުމަތީގައި ބުރަކަށި ޖައްސާލާއިރަށް އަހަރެންގެ ވަގުތު ގަނެލަނީ ފިރިމީހާ އެވެ. އަހަރެންގެ އަރާމާއި ހެޔޮ ހާލަށް ވުރެ އޭނާ އަށް މުހިންމުވަނީ އޭނާގެ އަރާމާއި އުފަލެވެ. އަބަދުވެސް ގުރުބާންކޮށްލަން ޖެހެނީ އަހަރެންގެ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

އޭނާއާ އެކު އުޅެން އަހަރެން ބޭނުމެއް ނުވެ އެވެ. އޭނާގެ އަމުރުތަކަށް ކިޔަމަންވާން އަހަރެން ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ނޫން އެހެން ގޮތެއް އަހަންނަކަށް ނުވެސް ނެތެވެ. މި ބޭންކްގެ މި ގޮނޑީގައި އިށީނދެ އިނދެގެން މި އޮތްހާ މީހުންނަށް ހިދުމަތްކުރުމަށް ފަހު ގެއަށް ގޮސް އަހަރެން ހިދުމަތްކުރަން ޖެހެނީ ފިރިމީހާ އަށެވެ. އޭނާ ބުނާ ގޮތަށް ނަހަދައިފި ނަމަ ނުވަތަ އޭނާ ބޭނުންވާ އުފާވެރިކަން ހޯދޭނެ ހާލަތެއްގައި އަހަރެން ނެތް ނަމަ އަހަންނަށް އޭނާ ދެނީ އަނިޔާ އެވެ. ހިލޭ އަންހެނުން އަހަރެންގެ ކޮޓަރި އަށް ވައްދައިގެން އުފާ ހޯދުމަކީ އޭނާ އަހަންނަށް ސިއްރުންކުރާ ކަމެއް ނޫނެވެ. އެއަށް ފަހު އަހަރެންގެ ދަބަސް ޖަހައިގަނެގެން އޭގައި ހުރި ލާރިއެއް ކަހާލައިގެން ދަނީ އެވެ. އެނބުރި އަންނައިރު ތަނެއްދޮރެއް ވަކިވާވަރެއް ނޫނެވެ. އޭނާއާ ދިމާލަށް އެއްޗެކޭ ބުނެފި ނަމަ އަނގަމަތީގައި އަތުން އަޅާލާނެ އެވެ.

ހިކިފައިވާ ތުންފަތްމަތީގައި ދޫ ހާކައި ތެންމާލަމުން އަހަރެން އަނެއްކާވެސް ނަމްބަރު ބަދަލުކޮށްލީމެވެ. އެ ވަގުތު ޒުވާން ފިރިހެނަކު އައިސް ކުރިމަތީގައި އިށީނެވެ. އަހަރެން ކިބައިން ހިދުމަތް ހޯދުމަށް ވުރެ އޭނާގެ ސަމާލުކަން ހުސްކޮށްފައި ވަނީ ފަހަތުގައި ހުރި މުސްކުޅި ފިރިހެނަކާ ދިމާލަށެވެ.

*** ** ** ***

ޖީބުގައި އޮތް ނޮކިއާ ފޯނު ދަމައިގެން އަހަރެން ގަޑި ބަލާލީމެވެ. އޭރު ބާރަގަޑި ބައި ވަނީ އެވެ. އަހަރެން މި ގޮތަށް މި ގޮނޑީގައި ފޫކޮޅު ތައްކޮށްލައިގެން ހުންނަން ޖެހޭނީ ކިހާ އިރެއް ވަންދެން ކަމެއް އަހަންނަކަށް ނޭނގެ އެވެ. އަހަންނަށް ބޭނުން ވަނީ އަވަސް ހިދުމަތެއް ނޫނެވެ. އަހަރެން ބޭނުން ވަނީ، އެހެރަ ތަނބުގައި ލެނގިލައިގެން އިނދެ، ވަރުބަލިވެފައި އިން އަންހެން މީހާގެ ހިދުމަތް ބޭންކުން އަވަސްކޮށްލަ ދިނުމެވެ. އޭނާ އަކީ އެއީ ކާކުކަމާއި އޭނާ ކުއްލި ގޮތަކަށް ބޭންކަށް އައިސް އެ އިން ސަބަބު އަހަންނަށް ނިކަން ރަނގަޅަށް އެނގެ އެވެ. އަދި އޭނާގެ އަތުގައި އެ އޮތް ލެދަރު ދަބަސް، އޭނާ ބޭންކުން ނުކުމެގެންދާއިރު ބަރުވާނެ ވަރު ވެސް އަހަންނަށް އިހްސާސްކުރެވެ އެވެ. އަހަރެން އައިސް މި ގޮނޑީގައި މިހިރީ މި ބޭންކުން ހިދުމަތް ހޯދުމަކަށް ނޫނެވެ. އަހަންނަށް މުހިންމީ އެ އަންހެން މީހާ އެވެ. އަދި އޭނާގެ ކޮނޑުގައި އެ އޮތް ދަބަސް، ނޫޓުތަކުން ފުރޭނެ ވަގުތެވެ. އެއަށް ފަހު އަހަރެން ދެން ކުރަން ޖެހޭނެ ކަމަކީ އަތުގައި މި އޮތް ފޯނުން ނަމްބަރަކަށް މެސެޖުކޮށްލުމެވެ. އެއަށް ފަހު އަހަރެންގެ ވަޒީފާ އަދާކުރެވުނީ އެވެ. މިއީ ރަނގަޅު ވަޒީފާއެއް ނޫންކަން އަހަންނަށް ވެސް އެނގެ އެވެ. އެކަމަކު ވެސް މި ނޫން ގޮތެއް މިއަދަކު އަހަންނަކަށް ނެތެވެ.

*** ** ** ***

ހިދުމަތް ހޯދުމަށް ފަހު ވެސް އަހަރެން ބޭނުންވީ މަޑުކުރާށެވެ. އެ މުޑުދާރު މުސްކުޅި މީހާގެ އަތު ތެރެއަށް އެ އަންހެން މީހާ ދޫކޮށްލާފައި ދާން އަހަންނަކަށް ނުކުރޭނެ އެވެ. ކިތަންމެ ގިނަ ބަޔަކު މިތަނުގައި ތިއްބަސް، އެ ފިރިހެނާގެ އެދުމާއި ބޭނުން އަހަންނަށް ވުރެ ރަނގަޅަށް އެނގޭނެ މީހަކު މި ތަނުގައި ނެތްކަން ޔަގީނެވެ. އަހަރެން ގޮސް އަނެއްކާވެސް ގޮނޑިއެއްގައި އިށީނީމެވެ. އަހަރެން ފާރަލަމުން ދިޔައީ އަހަރެންގެ ކުރީގެ ބޮސްގެ ހަރަކާތްތަކަށެވެ. އޭނާ އެ ސޯފާ އިން ތެދުވާނެ އިރަކަށެވެ.

އެކަމަކު އޭނާ އަށް ވުރެ ކުރިން ހަރަކާތްކުރީ ތަނބު ކައިރީގައި ހުރި އަންހެން ކުއްޖާ އެވެ. ޖެހިގެން ހުރި ގޮނޑި ހުސްވިތަނުން އޭނާ އެ ގޮނޑީގައި އިށީނީ އެވެ. އެއަށް ފަހު އިރުކޮޅަކުން އަނެއްކާވެސް ހަރަކާތްކުރީ އޭނާ އެވެ. ކުއްލިއަކަށް ގޮނޑިން ތެދުވިގެން ގޮސް އޭނާ އިށީނީ ސާވިސް ކައުންޓަރެއް ކައިރީގަ އެވެ. އެއީ އަހަރެން ވެސް ހިދުމަތް ހޯދި ކައުންޓަރެވެ. އެ ކައުންޓަރުގެ އެތެރޭގައި އިން އަންހެން މީހާގެ ކިބައިން ހިދުމަތް ހޯދުމަށް ވުރެ ގަބުރެއް ގާތުން ހިދުމަތް ހޯދުން ވެސް މާ ރަނގަޅުވާނެކަން ޔަގީނެވެ. ކިޔޭ ނުކިޔޭ އެއްޗެއް އޭނާ އަށް ރަނގަޅަށް ވަކިނުކުރެވޭތާނގައި އޭނާ ހުންނަނީ އަދި މޫނުކުނިކޮށްލައިގެންނެވެ. އެގޮތަށް ހިދުމަތް ދޭން ބޭންކްގައި ވަޒީފާ އަދާނުކުރީމަ ނިމުނީއެއް ނޫން ހެއްޔެވެ؟

*** ** ** ***

އެންމެފަހުން އަހަރެން ހިދުމަތް ހޯދަން މި ޖެހުނީ މޫނު ކުނިކޮށްގެން ހުރި ސިފަ ހުތުރު އަންހެނެއްގެ ފަރާތުންނެވެ. އެންމެ ރަނގަޅެވެ. އަހަރެން ބޭނުން ވަނީ ވީ އެންމެ އަވަސް ހިދުމަތެކެވެ. އެއަށް ފަހު އަހަރެން ބޭނުން ވަނީ މި ތަނުން ނުކުމެގެން ގޮސް ވީ އެންމެ އަވަހަކަށް ގެއަށް ވަދެ ދަ ބަސްތައް ޕެކްކޮށްގެން އެ ގެއިން ނުކުންނާށެވެ. ފާއިތުވި ފަސް އަހަރު އަހަރެން އެ ގޭގައި އެއް އެނދެއް ހިއްސާކުރި ފިރިހެނާ އަށް އަހަރެން މިހާރު އިތުބާރެއް ނުކުރަމެވެ. އަހަރެން ބޭނުން ވަނީ އޭނާ ކިބައިން ސަލާމަތްވާށެވެ. ޑޮލަރު އެކައުންޓް ހަލާސްކޮށް ބަންދުކުރުމަށް ފަހު އަހަރެން ދަބަސްތަކާ އެކު ނައްޓާލާނީ ސީދާ އެއާޕޯޓަށެވެ. އެއަށް ފަހު އަހަރެން ދެން ގުޅޭނީ އަހަރެންގެ ސިއްރު ލޯބިވެރިޔާއާ އެވެ. އަހަރެން ދެކެ ލޯބިވާ ކަމަށް ހެދިގެން އެކުގައި ހޭދަކުރި ފަސް އަހަރު ތެރޭގައި ހިތު ހުރި ގޮތަކަށް ވަގު ލޯބިވެރިން ގެންގުޅުނު ފިރިއެއްގެ އަންބަކަށްވެ ހުރެ އެންމެފަހުން ވަގު ލޯބިވެރިއެއްގެ ހިމާޔަތް ހޯދުނީތީ އަހަރެން ހިތާމައެއް ނުކުރަމެވެ.

އަހަރެންގެ ހިދުމަތް އަވަސްކޮށްދޭށެވެ. މިހާރު ވެސް އަހަންނަށް ލަސްވެއްޖެ އެވެ. ފިރިމީހާ އަށް މި ކަންތައް ފަޅާއެރުމުގެ ކުރިން އަހަރެން ނައްޓާލަން އެބަޖެހެ އެވެ.

*** ** ** ***

ދެން މާ ގިނަ އިރެއް ނުވެ އެ އަންހެން މީހާ ބޭރަށް ހިނގައިގަތެވެ. އޭނާގެ ކޮނޑުގައި އޮތް ލެދަރު ދަބަސް ވަނީ ފުރިފަ އެވެ. އަހަރެން އޭރު ވެސް އިނީ ގޮނޑީގަ އެވެ. އެގޮތަށް އިނދެވުނީތީ އަހަރެން އުފާކުރަމެވެ. އަހަރެން މިހެން ހުއްޓައި އެ އަންހެން މީހާގެ ގަޔަށް އަތްލަން ލާހިކެއް ނޫނެވެ. އަންހެން މީހާ ފަހަތުން މުސްކުޅި ފިރިހެން މީހާ ވެސް ހިނގައިގަތެވެ. އަތުގައި އޮތް ނަމްބަރު އޭނާ ސޯފާ މައްޗަށް ދޫކޮށްލި އެވެ. އަހަރެން ހުރީ ހުށިޔާރުވެގެންނެވެ. އޭރު ބޭންކް ތެރޭގައި މާ ގިނަ ކަސްޓަމަރުންނެއް ނެތެވެ. އެއްގަޑި ބައިވަނީ އެވެ.

އަހަރެން ނުކުތީ އަންހެން މީހާ ފަހަތުންނެވެ. އޭނާގެ ހަށިގަނޑަށް ފެންބޮވައިގެންފައިވާ މުސްކުޅި މީހާ ހުރީ އަހަރެމެން ދެ މީހުންގެ ދެމެދުގަ އެވެ. އޭނާ އަށް އަހަރެން ފެނުމާ އެކު އޭނާގެ ހަރަކާތްތައް ވަގުތުން ބަދަލުވި އެވެ. އަދި މާ ބޮޑު ސަމާލުކަމެއް ނުދީ އޭނާގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލި އެވެ.

އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ބޭންކުން ނުކުތީ އެ އަންހެން މީހާއާ އެކުގަ އެވެ. ފަތަހަށް އައްސާފައި އޮތް ފަން އިސްތަށިގަނޑަށް އަރުވާފައި ހުރި ކަޅުކުލައިގެ ވޫލްކޮޅު މުށުތެރެއަށް ދަމައިގަތުމުން އެ ފަން އިސްތަށިގަނޑު ފެތުރިގެން ގޮސް އޭނާގެ ކަނދުރާ ފޮރުވުނެވެ. އެ ވަގުތުު އަހަރެން ސައިކަލަށް އަރައި ސްޓާޓްކޮށްލީމެވެ. ދެން އިވުނީ އަންހެނަކު ނިކަން ބާރަށް ހަޅޭ ލައްވައިގަތް އަޑެވެ. އެނބުރުނުއިރު، އެއީ މި އޮތް ހާއިރު އަހަރެން އެ އަންހެނަކަށް ހިމާޔަތް ދީގެން ހުރި އަންހެން މީހާ އެވެ. ގްރޫޕަކުން އޭނާ އަށް ހަމަލާ ދިނުމަށް ފަހު ކޮނޑުގައި އޮތް ދަބަސް ޖަގައިގަތީ އެވެ. އަހަންނަށް ހުރެވުނީ ހެލިލަން ވެސް ނުކެރިފަ އެވެ. އޭރު ބިން މަތީގައި އޮތް އަންހެން މީހާގެ ކަރުން ދުނިޖަހާފައި ލޭ ފައިބަމުން ދެ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ ކުރިން "ހަވީރު" ނޫހުގައި ނަދީމް ޝާއިއުކޮށްފައިވާ ވާހަކަ އެކެވެ.