ބޭރު ކުޅިވަރު

ފުރަތަމަ ފަހަރަށް ލެސްޓާ މޮޅުވެ، ލިވަޕޫލާއި ޓޮޓެންހަމް އެއްވަރު

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަން ލެސްޓާ ސިޓީ މޮޅުވެ، ލިވަޕޫލާއި ޓޮޓެންހަމް 1-1އިން އެއްވަރުވެއްޖެ އެވެ.
ލެސްޓާ މޮޅުވީ ސްވަންސީއާ ވާދަކޮށް 2-1އިންނެވެ. މި މެޗުގައި ޖިމީ ވާޑީ ލަނޑު ޖެހއިރު ލެސްޓާ އަށް ލިބުނު ޕެނަލްޓީ ރިޔާޒް މާރޭޒް އަތުން ވަނީ ނާމިޔާބުވެފަ އެވެ. އޭނާގެ ޕެނަލްޓީ ކީޕަރު ލޫކަސް ފަބިއާންސްކީ ދިފާއުކުރީ އެވެ.

މި މެޗުގައި ލެސްޓާގެ ކީޕަރު ކެޝްޕާ ޝުމައިކަލް އަށް ހާނިއްކަވެ އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ޝުމައިލް ހާނިއާ އޮޕަރޭޝަނެއް ކުރަން ޖެހިފައިވީ ނަމަވެސް ކޯޗު ކްލައުޑިއޯ ރަނިއޭރީ ޖެހިގެން އަންނަ މެޗަށް ކީޕަރު ފިޓްވާނެ ކަމަށެވެ.

މިއީ ޕްރެމިއާ ލީގުގައި ރަނިއޭރީ ހޯދި 100 ވަނަ މޮޅެވެ. މެޗަށް ފަހު އޭނާ ބުނީ ޓީމުގެ ކުޅުން އަންނަނީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ކުރީ މެޗުގައި އާސެނަލްއާ އެއްވަރުކުރެވުމަކީ ވެސް ރަނގަޅެއް ކަމަށެވެ.

ޕްރެމިއާ ލީގުގައި ޓޮޓެންހަމާއި ލިވަޕޫލް އެއްވަރުވީ ލިވަޕޫލް ލީޑް ހޯދާފައިވަނިކޮށެވެ. ޕެނަލްޓީ އަކުން ޖޭމްސް މިލްނާ ލަނޑު ޖަހާފައިވަނިކޮށް ދެ ވަނަ ހާފުގައި ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ޑެނީ ރޯސް އެވެ.

ލީގުގައި ރޭ އާސެނަލް މޮޅުވީ ވަޓްފޯޑް އަތުން 3-1އިންނެވެ. ލަނޑު ޖެހީ މެސުޓް އޮޒިލް އާއި ސަންތި ކަޒޯލާ އަދި އެލެކްސިސް ސަންޗޭޒް އެވެ.

ޗެލްސީ މޮޅުވީ ބާންލީ އަތުން 3-0އިންނެވެ. ލަނޑު ޖެހީ އެޑެން ހަޒާޑާއި ވިލިއަން އަދި މޯސެސް އެވެ.

މި ނަތިޖާތަކާއެކު ލެސްޓާ އޮތީ ހަތަރު ޕޮއިންޓާއެކު ނުވަވަނާގަ އެވެ. އާސެނަލް އޮތީ ހަތަރު ޕޮއިންޓާއެކު ހަތްވަނާގަ އެވެ. ލިވަޕޫޕް ހަތަރު ޕޮއިންޓާއެކު 10 ވަނާގަ އެވެ. ޓޮޓެންހަމް ފަސް ޕޮއިންޓާއެކު ހަ ވަނާގަ އެވެ. ޗެލްސީ އޮތީ ނުވަ ޕޮއިންޓާއެކު އެއްވަނާގަ އެވެ.