ހަބަރު

މުވައްޒަފުން ހުށަހެޅި ހަވީރު މައްސަލައަށް ޒާހިރު ވައްދަން ނިންމައިފި

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރާ ހިންހަމަނުޖެހި ހަވީރުގައި މަސައްކަތްކުރި ބައެއް މުވައްޒަފުން ހައިކޯޓަށް ވެއްދި މައްސަލައަށް ހަވީރު ނިއުސް އެޖެންސީގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިން ވައްދަން ކޯޓުން މިއަދު ނިންމައިފި އެވެ.

ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރީ ހަވީރުގައި މަސައްކަތްކުރި 33 މުވައްޒަފެއްގެ ފަރާތުންނެވެ. ނަމަވެސް ބައެއް މުވައްޒަފުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ނުގެންގޮސްވަނީ، ހަވީރު ހުއްޓާލުމާ ގުޅިގެން އުފެއްދި މިހާރު ނޫހުގެ އެޑިޓާ އިސްމާއިލް ނަސީރާއި ހަވީރު ނޫހުގެ އެޑިޓާ މޫސާ ލަތީފާއި ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި ރިފްއަތު މުހައްމަދާއި އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫނާއި އަބްދުލް ރަޝީދު ހުސައިނާއި ނިއުމަތުﷲ އިދުރީސް އެވެ.

މި މައްސަލާގައި ހަވީރުގެ ކުރީގެ މުވައްޒަފުްނ ދައުވާކޮށްފައިވަނީ ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމްއާ ދެކޮޅަށެވެ.

މިއަދު މި މައްސަލާގެ ދެވަނަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ މި މައްސަލަ ދެން ކުރިއަށް ގެންދާނީ ޒާހިރު ހުސެއިން މައްސަލާގައި ބައިވެރިކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. ޒާހިރު ހުސެއިން މި މައްސަލައަށް ބައިވެރިކުރަން ނިންމާފައިވާއިރު، ސިވިލް ކޯޓުން ކުރި އަމުރަކީ ޒާހިރާ ދެކޮޅަށް އެ ކޯޓަށް ތިން ހިއްސާދާރުން ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ. އަދި ހަވީރާއި ހަވީރުގެ ވިޔަފާރިތަކުގެ މަސްއޫލުވެރިއެއްގެ ގޮތުން މަސައްކަތްކުރައްވަމުން ގެންދެވީ ވެސް ޒާހިރެވެ.

ކުއްލިއަކަށް ޒާހިރު ހަވީރު ހުއްޓާލީ، ދެން ތިބި ހިއްސާދާރުންނަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ކަމަށް ވެސް އެ ހިއްސާދާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

މި މައްސަލަ ކޯޓަށް ވެއްދި މުވައްޒަފުންނަކީ ހަވީރު މަސައްކަތްކުރި ބައެއްކަން އަންގައިދިނުމަށް ފުރަތަމަ އަޑުއެހުމުގައި ވަޒީފާގެ އެއްބަސްވުންތައް ހުށަހަޅަން އެންގި އެވެ. ނަމަވެސް މިއަދު އެ އެއްބަސްވުންތައް ހުށަހަޅާފައެއް ނުވެ އެވެ. ޝަރީއަތުން މިއަދު އަނެއްކާވެސް އެއްބަސްވުންތައް ހުށަހެޅުމަށް އަންގާފަ އެވެ. ދައުވާކުރާ މުވައްޒަފުން ވަނީ މިއަދު އެއްބަސްވުންތައް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

ތިން ހިއްސާދާރުންގެ ފަރާތުން ވަކީލް ކުރީގެ އަޑުއެހުމުގައި ވިދާޅުވެފައިވަނީ ވަޒީފާއަދާކުރުމުގެ ހައްގު ގެއްލިފައިވާ ކަމަށް އިސްތިއުނާފުކުރި ފަރާތްތަކުން ބުނި ނަމަވެސް ހަވީރުގެ ވިޔަފާރިތަކުގެ އަގުލަބިއްޔަތު މިލްކުވެރިންގެ ފަރާތުން އެ ވިޔަފާރިތަކުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ. އަދި ހަވީރުގައި ވަޒީފާ އަދާކުރަން ފަށައިގަތުމަށް އެއްވެސް މުވައްޒަފަކަށް ހުރަހެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ތިން ހިއްސާދާރުންގެ ވަކީލް ކޯޓުގައި ވިދާޅުވަމުން ގެންދަވަނީ، ހަވީރުގެ ވިޔަފާރިތައް "ހިސޯރުކޮށްފައިވާ" ހަވީރު މީޑިއާ ގުރޫޕާއި ހަވީރުގެ ވިޔަފާރިތަކުގެ މުވައްޒަފުން އެކީ އެއްފަހަރާ އެއްބަސް ކިޔައި ހަވީރުގެ ވިޔަފާރިތައް އުކާލުމަށްފަހު، ހަވީރުގެ ފިކުރީ ރައުސުލްމާލު ބޭނުންކޮށްގެން އެއާ އެއްގޮތް އެފަދަ އެހެން ނޫހެއް އުފައްދާފައިވާ ކަމަށެވެ. އަދި މިކަމަކީ، ގަސްތުގައި ހަވީރު ބަނގުރޫޓްކޮށް ހުލިކޮށްލުން ކަމަށް ބެލެވޭނެ ކަމަށާއި ތިން ހިއްސާދާރުންގެ ހައްގަށް އަރައިގަތުން ކަމަށް ވަކީލް ވަނީ ޝަރީއަތުގައި ވިދާޅުވެފަ އެވެ.

ސިވިލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ބުނެ މި މައްސަލަ ދައުލަތުގެ ފަރާތުން ވެސް އިސްތިއުނާފުކޮށްފައިވެ އެވެ. މައްސަލާގެ ޝަރީއަތް ވެސް މިދިޔަ ހަފުތާ ވަނީ ފަށާފަ އެވެ. ދައުލަތުން ވަނީ އެ އަޑުއެހުމުގައި އެ އަމުރަށް އަމަލު ކުރުން ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދިފަ އެވެ. އަދި އަމުރާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.