އަށް އަހަރަށްފަހު އެނބުރި ރާއްޖެ އާދެވުމުން ވަރަށް އުފާވެއްޖެކަމަށާއި އޭނާ އަބަދުވެސް އެދެނީ ދިވެހި ފުޓްބޯޅަ އަށް ކާމިޔާބު ލިބުމަށް ކަމަށް ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކޮށްދިން ކޯޗު ޖޯސެފް ޔަންކޭޒް މިއަދު ބުނެފި އެވެ.
ތަށި ހޯދައިދިނުމަށްފަހު، ހިތްހަމަނުޖެހުންތަކަކާއެކު ގައުމަށް ދިޔަ ކޯޗު އޭގެ އަށް އަހަރު ފަހުން އެނބުރި ރާއްޖެ މިއައީ އެފްއޭއެމުގެ ރައީސް އަދި ތަށި ހޯދި ޓީމުގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް)ގެ ހާއްސަ ދައުވަތަކަށެވެ. އެއީ ތަށި ހޯދި ޓީމާއި މިހާރުގެ ދިވެހި ގައުމީ ޓީމު މާދަމާ ރޭ ކުޅޭ ދައްކާލުމުގެ މެޗަށެވެ.
ސްލޮވާކިޔާގެ ކޯޗު ރާއްޖެ އައިސް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ބުނީ އޭނާގެ ކޯޗުކަމުގައި ރާއްޖެ އަށް ކާމިޔާބުތަކެއް ލިބިފައިވަނީ ރަނގަޅު ޓީމެއް އޮތުމުން ކަމަށެވެ.
"ވަރަށް އުފާވެއްޖެ އަށް އަހަރު ފަހުން މާލެ އާދެވުމުން. އެއިރު އޮތީ ވަރަށް ރަނގަޅު ޓީމެއް. ހަތަރު އަހަރު އަހަރެން ރާއްޖެ އަށް ކޯޗުކޮށްދިނިން. ދެ ފަހަރު ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު. ފުރަތަމަ ފަހަރު ޕެނަލްޓީ ޖަހައިގެން ބަލިވީ (ފައިނަލުގައި 2003ގައި). ދެ ވަނަ ފަހަރު ތަށި ލިބުނީ. މިއީ ވަރަށް ރަނގަޅު ކާމިޔާބީއެއް،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ތަށި ހޯދި ޓީމުގެ ކުޅުންތެރިން މިހާރު ފުޓްބޯޅަ ހިންގަން ތިބުމުން ވެސް އުފާކުރާ ކަމަށެވެ. މި ގޮތުން އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ކޯޗު ފާހަގަކުރި އެވެ.
"ތޯރިގް އަށް ފުޓްބޯޅަ އަންޑަސްޓޭންޑްވާނެ. ފުޓްބޯޅައިގައި ކާމިޔާބު ލިބޭނީ އެންމެން މަސައްކަތްކޮށްގެން. މިނިސްޓަރު ވެސް އެކަމަށް މަސައްކަތްކޮށްގެން. ކުރިން (ރާއްޖޭގައި) އޮންނަނީ ތިން ވެލި ދަނޑާއި އެންމެ ޓާފް ދަނޑެއް. ފުޓްބޯޅައިގައި ކާމިޔާބު ލިބޭނީ ހުރިހާ ކަމެއް ރަނގަޅުވެގެން،" ކޯޗު ބުންޏެވެ.
ފާއިތުވެދިޔަ އަށް އަހަރު ވެސް އޭނާ ދިވެހި ފުޓްބޯޅައިގެ ވާނުވާ ބަލާ ކަމަށް ވެސް ކޯޗު ބުންޏެވެ. އަދި ފަހަކަށް އައިސް ރާއްޖޭގެ ނަތީޖާތައް ރަނގަޅު ނޫން ކަމަށާއި އެއީ ހަމައެކަނި އެވަގުތެއްގައި ހުންނަ ކޯޗުގެ މައްސަލައެއް ނޫން ކަމަށާއި މިހާރު މެޗުތައް ބަލަން ދަނޑަށް މީހުންނަކަން ވެސް ކޯޗު ފާހަގަކުރި އެވެ.