މި ފިލްމެއް ބެލި އެންމެން ވެސް އަދި މަޝްހޫރު ފިލްމު ކްރިޓީކުން ވެސް ދޭ އިންޒާރަކީ މިއީ އެވެ.
މިދިޔަ ހުކުރު ދުވަހު އެމެރިކާގައި ޕްރިމިއާކުރި މި ފިލްމަކީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގެ ޗާޓުގެ އެއް ވަނާގައި މި ވަގުތު އޮތް ފިލްމެވެ. އެހެން ހުރިހައި ފިލްމުތައް ބިރުގަންނުވާލުމަށް ފަހު، މި ހޮރޯ ތްރިލާ ޗާޓުގެ އެއް ވަނަ މަގާމުގައި ހަމަޖެހިލާފައި ވަނީ ހުކުރު ދުވަހުގެ ރޭ ނެގި 10 މިލިއަން ޑޮލަރާއި ހަފުތާ ބަންދުގައި ނެގި ޖުމްލަ 22 މިލިއަން ޑޮލަރާ އެކުގަ އެވެ.
ފިލްމުގެ ބޮކްސް އޮފީސް ޖުމްލަ މިހާރު ވަނީ 26.1 މިލިއަން ޑޮލަރަށް އަރައިފަ އެވެ. ދެ ތިން ދުވަސް ތެރޭގައި ފިލްމު ހިޓަކަށް ބަދަލުވެފައިވާއިރު މިއީ ވަރަށް އާދައިގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ. ފިލްމުގެ ބަޖެޓަކީ އެންމެ 9.9 މިލިއަން ޑޮލަރެވެ.
އެހެން ނަމަވެސް މި ފިލްމުގެ ކާމިޔާބީގެ ފަހަތުގައި އެހެން ސިއްރެއް އެބައޮތެވެ. އެއީ ފިލްމުގެ ޑައިރެކްޓަރު އުރުގުއޭގެ ފެޑެރީކޯ އަލްވަރޭޒް އެވެ. އޭނާ އަކީ މަޝްހޫރު "އީވިލް ޑެޑް" ފިލްމު ސިލްސިލާ ރީބޫޓްކޮށްގެން 2013 ވަނަ އަހަރު ގެނެސްދިން "އީވިލް ޑެޑް" ގެ ޑައިރެކްޓަރެކެވެ. އޭނާގެ އެ ފިލްމަކީ އަލަތު ޑައިރެކްޝަން ކަމުގައިވިޔަސް އެ ފިލްމަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމެކެވެ.
ޔަގީނަށް ވެސް އަލްވަރޭޒް ބޮކްސް އޮފީހަށް އެނބުރި އައިސްފައި މި ވަނީ އެ ބާރު މިނުގަ އެވެ.
އޭނާގެ އާ ފިލްމު "ޑޯންޓް ބްރީތު" ގައި ދައްކުވައި ދެނީ ކަނު މީހަކު ދިރިއުޅޭ ގެއަކަށް ބަޔަކު ވަދެ އެމީހާ އަތުން ފޭރެން ދިމާކޮށްލުމުން ދިމާވާ ކަންތައްތަކެކެވެ. ފިލްމަށް ތައުރީފު އޮހެމުންދާއިރު އެންމެ ގިނަ ބަޔަކު ބުނާ ގޮތުން މި ފިލްމުގެ އާދަޔާހިލާފު ސިފަ އަކީ އޭގެ ޓްވިސްޓް އެންޑިން އެވެ. --އެއަކީ ކޮބައިކަން ދެނެގަތުމަށް ޖެހޭނީ ނޭވާ ހިފަހައްޓާލައިގެން އިނދެ މި ފިލްމު ބަލައިލާށެވެ.
ބިރުވެރި ފިލްމެއް އައިސް އަނެއްކާވެސް އުތުރު އެމެރިކާގެ ބޮކްސް އޮފީސް ހިސޯރުކޮށްފައިވާއިރު މި އަހަރަކީ ބިރުވެރި ފިލްމުތަކުގެ އަހަރެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ބޮކްސް އޮފީސް ސިއްސުވާލި ފިލްމުތަކުގެ ތެރޭގައި "ލައިޓްސް އައުޓް" އާއި "10 ކްލޮވާފީލްޑް ލޭން" އަދި "ހަޝް" އާއި "ދަ ކޮންޖަރިން 2" ހިމެނެ އެވެ.