މިސްކިތް

ސައުދީ އެހީގައި އަޅާ ތިން މިސްކިތެއްގެ މަސައްކަތް ހަވާލުކޮށްފި

Aug 29, 2016
  • 15 މިސްކިތް ނިމި ހުޅުވަން ތައްޔާރުވެފައި
  • 30 މިސްކިތެއްގެ މަސައްކަތް ކުރިޔަށްދަނީ

ސައުދީ ހިލޭ އެހީގައި ތިން ރަށެއްގައި އަޅާ މިސްކިތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.

ސައުދީގެ ހިލޭ އެހީގައި މިސްކިތް ބިނާކުރަނީ ށ. ފީވަކާއި ނ.ޅޮއްސާއި ނ. މާޅެންދޫގަ އެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފީވަކާއި ޅޮހީގެ މިސްކިތް އިމާރަތްކުރަން ހަވާލު ކޮށްފައިވަނީ ވިމްލާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

ފީވަކުގެ މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ 1398800.33ރ. އަށެވެ. އެއީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 504 ޖާގައިގެ މިސްކިތެކެވެ. ޅޮހީގެ މިސްކިތް 130 ދުވަސް ތެރޭގައި ނިންމަންޖެހޭއިރު މަސައްކަތުގެ އަގަކީ 4091016.04ރ. އެވެ. މިއީ 304 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މާޅެންދޫގައި އަޅަނީ 504 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް 210 ދުވަސް ތެރޭގައި ނިންމަންޖެހޭއިރު މަސައްކަތުގެ އަގަކީ 4293381.62ރ. އެވެ. މަސައްކަތް ހަވާލު ކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވީ ސަރުކާރުން 15 ރަށެއްގައި އިމާރާތްކުރި މިސްކިތްތައް ވސް ނިމިފައިވާ ކަމަށާއި އަދި އެ މިސްކިތްތައް ހުޅުވުން ލަސްވެފައިވަނީ މޫސުން ތަން ނުދޭތީ ކަމަށެވެ.

ފަނަރަ މިސްކިތެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު 30 މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މިސްކިތްތައް 2018 ވަނަ އަހަރު ކުރިން ނިމޭނެ އެވެ.