ހަބަރު

ނަޝީދުގެ މައްޗަށް މިހާރު އެ ހިންގަނީ ޝަރީއަތެއް ނޫން: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މިހާރު ހިންގަނީ ޝަރީއަތެއް ނޫން ކަމަށާއި އެއީ "ގަން ހިންގުވުން" ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައާ ގުޅިގެން އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ނަޝީދުގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ނުހިންގާނެ ކަމަށާއި އެއީ ޝަރީއަތެއް ވެސް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސުންނަށް ޚާއްސަ އިމްތިޔާޒްތަކެއް ލިބިދީފައި އޮތް ނަމަވެސް އެމަނިކުފާނަށް އެންމެ ކުޑަ މިނުން ވަކީލެއްގެ އެހީތެރިކަން ވެސް މިހާތަނަށް ނުލިބޭކަން އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދު މައްޗަށް ޝަރީއަތެއް ހިންގުމަށް ވުރެ ބޮޑަށް ދަނީ "ގަން ހިންގުވުމުގެ" އަމަލެކެވެ.

"އެމްޑީޕީ އާއި ޖޭޕީ އާއި ޕީޕީއެމް ބާއްވާފައި އެ މަންޒަރާއި އެ ހާލަތާއި އެ ހަރަކާތް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ، އަޅުގަނޑުމެން ގަބޫލު ނުކުރާނަން އަޅުގަނޑުމެންގެ ޕާޓީ ނޫން އެހެން ޕާޓީއަކަށް ނިސްބަތްވާ ކުރީގެ ރައީސަކަށް ވެސް އެގޮތަށް އަމަލު ކުރާކަށް. އެކަންކަން ކޮށްފައި ސަލާމަތެއް ނުވެވޭނެ ސަރުކާރަކަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނަޝީދުގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ރާވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެ މައްސަލައިގައި އެމަނިކުފާނު ހައްޔަރުކުރީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިކަން ވެސް މެމްބަރަކު ސޯލިހް ފާހަގަކުރެއްވި އެވެ.

"ކޮންމެހެން ކުރީގެ ރައީސަކަށް ވީތީއެއް ނޫން މިހެން މިދަންނަވަނީ. އެއްވެސް މީހަކާ މެދު އެފަދަ އުސޫލުން އަމަލުކުރާކަށް ގަބޫލެއް ނުކުރެވޭނެ." ސޯލިހް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ނަޝީދު ޖަލަށްލިޔަސް އަދި އެމަނިކުފާނު ނިޒާމުން ގެއްލުވާލިޔަސް އެމަނިކުފާނުގެ ފިކުރާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު މިނިވަން ވަންދެން އެމްޑީޕީން އޮންނާނީ އިހްތިޖާޖްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ނަޝީދު ބަންދު ކުރުމާ ގުޅިގެން ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން އެ ޕާޓީން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އަންނަ ހުކުރު ދުވަހުގެ ބާއްވާ ބޮޑު އެއްވުމުގެ ކުރިން ސަރުކާރު ބައިބައިވެ، ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެމްޑީޕީއާ ގުޅޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.