މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ

މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަންގެ މެއިން ސްޕޮންސަރަކަށް ސަރުކާރާއި އާންމުން ހިއްސާވާ ކުންފުނި، އެސްޓީއޯ ހަމަޖައްސައިފި އެވެ. ޓީވީއެމް ސްޓޫޑިއޯގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ހަލީލެވެ. އަދި އެސްޓީއޯ ފަރާތުން ސޮއި ކުރެއްވީ އެމްޑީ އަހުމަދު ޝަހީރު އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަލީލް ވިދާޅުވީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ އޮޑިޝަން އަންނަ މަހު ފަށާއިރު އެ ޝޯއަށް 12 ސްޕޮންސަރުން ހަމަޖައްސާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތިން ކުންފުންޏެއް ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ސީޒަން އެކަކަށްވުރެ ސީޒަން ދޭއް ރަނގަޅު ކުރަން މަސައްކަތް ކުރުމަށް. މިހާތަނަށް 12 ކުންފުންޏެއްގެ ސްޕޮންސާ ހޯދާފައިވާ އިރު އޭގެ ތެރޭގައި އެސްޓީއޯއާ ދިރާގު އަދި އެލައިޑް ހިމެނޭ. އޭގެ އިތުރުން ދެން ހިމެނެނީ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް،" ހަލީލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ މޯލްޑިވިއަން އައިޑޮލްއަށް ސްޕޮންސާ ދޭން ނިންމީ ރާއްޖޭގެ ހުނަރުވެރި އެތައް ފަރާތެއް އެއް ތަނަކަށް ޖަމާ ކުރެވޭ އަދި ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބެމުންދާ ޝޯ އަކަށް ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މިޝޯގައި އިޝްތިހާރު ކުރާނީ ދެ ބްރޭންޑެއް ކަމަށާއި އެއީ ހިޓާޗީ އާއި ޗޮއިސްގެ އުފެއްދުންތައް ކަމަށެވެ.

ޕީއެސްއެމްއިން ހިންގާ މި ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ދޭއް ފަށަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީގައެވެ.