ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ގައުމީ ޓީމާއި ރާއްޖޭގެ މިހާރުގެ ގައުމީ ފުޓްބޯޅަ ޓީމު މިރޭ ހާއްސަ މެޗުގެ ރެފްރީއަކަށް ކުރީގެ ފީފާ ރެފްރީ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހަމަޖައްސައިފި އެވެ.
މަޝްހޫރު ކުޅިވަރު ސާމާނު ވިއްކާ ފިހާރަ އޯލް ސްޕޯޓްސް އާއި މެރީޑިއަމް ކުންފުނީގެ ޗެއާމަން ރިޔާޒަކީ ރާއްޖޭގެ ކުރީގެ އެއްވަނަ ރެފްރީ އެވެ.
މިރޭގެ ހާއްސަ މެޗުގައި އޭނާއާއެކު ރޮނގަށް ނުކުންނާނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރެފްރީކަން ކުރި މަޝްހޫރު ރެފްރީ މުހައްމަދު ސައީދެވެ. ދެކުނު ކޮރެޔާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އިންގްލޭންޑް ދުނިޔޭގެ ކުރީގެ މޮޅު ކުޅުންތެރިޔާ ރޮނާލްޑީނިއޯ ގޯލު ޖަހައިގެން ބްރެޒިލް ސެމީ ފައިނަލަށް ދިޔައީ ސައީދު ރޮނގު ބަލަހައްޓަން ހުއްޓަ އެވެ. މިރޭގެ މެޗުގައި ސައީދާއެކު ދެން ރޮނގު ބަލަހައްޓާނީ ފީފާގެ އެސިސްޓެންޓް ރެފްރީ އަހުމަދު އަމީޒެވެ. އޭނާ އަކީ ރާއްޖޭގައި ރެފްރީކަމާއި ރޮނގު ބެލެހެއްޓުން އެންމެ މޮޅަށް ކުރާ ރެފްރީ އެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ ކުޅަދާނަ ރެފްރީއަކީ ވެސް އަމީޒެވެ. މި މެޗުގައި ހަތަރު ވަނަ އޮފިޝަލަކީ ފީފާގެ ކުރީގެ ރެފްރީ މުހައްމަދު އަނިލް އެވެ. ފަސް ވަނަ އޮފިޝަލަކީ ކުރީގެ ފީފާ ރެފްރީ އަހުމަދު އަބީރު އިސްމާއީލެވެ. މެޗު ކޮމިޝަނަރަކީ މުހައްމަދު ހާޝިމެވެ.
މި ހާއްސަ މެޗުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވާނީ ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕޭނަށް ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދީފައިވާ ކުޅަދާނަ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް އެވެ. މެޗުގައި ކުޅޭ ހާއްސަ މެހުމާނަކީ އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ އެވެ.
މިރޭގެ މި މެޗަކީ އެފްއޭއެމުން ފުޓްބޯޅަ ޕްރޮމޯޓް ކުރުމަށް ފަށާ ހާއްސަ ކެމްޕޭނުގެ ފުރަތަމަ ހަރަކާތެވެ. ތަށި ހޯދި ޓީމަށް ކޯޗުކޮށްދޭން އެ ޓީމުގެ ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭ ވެސް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. 2008ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރީ ފައިނަލުގައި އިންޑިޔާ ބަލިކޮށްފަ އެވެ. މިއީ ފުޓްބޯޅައިން ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.