ރާއްޖެ އަކީ ފުޓްބޯޅައިގެ މުސްތަގްބަލް އޮތް ގައުމެއް ކަމަށާއި މި ގައުމުގެ ފުޓްބޯޅަ ކުރިއަރާނީ ފައިސާ ހަރަދުކޮށްގެން ކަމަށާއި އޭނާ އަދި އެއްފަހަރު ރާއްޖެ އަންނާނެ ކަމަށް ސްޕޭނާއި ބާސެލޯނާގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.
ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ ކުދި ގައުމުތަކުގެ ފުޓްބޯޅަ ކުރިއަރާނީ ފައިސާ ހަރަދުކޮށްގެން ކަމަށާއި ހަރަދު ކުރަން ޖެހެނީ ވަސީލަތްތައް ގާއިމްކުރަން ކަމަށެވެ. އަދި އޭނާއަށް ރާއްޖޭގެ ފުޓްބޯޅައާ ބެހެ މާގިނަ މައުލޫމާތުތަކެއް ނޭނގޭ ކަމަށެވެ.
"އަހަންނަށް އެނގިފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އެބަތިބި. އެހެންވިއްޔާ ހަރަދުކޮށްގެން އެމީހުން ޑިވެލޮޕްވާނީ. އަހަރެން މިފަދަ ގައުމުތަކުގެ ފުޓްބޯޅަ އަށް އެހީތެރިވާން ބޭނުން. ރާއްޖެ އައުމުން މި ގައުމުގެ ރީތިކަން ފެނުނު. ރާއްޖެ އަށް އަހަރެން އެހީތެރިވާނަން. އެފްއޭއެމަށް އަހަރެން ޝުކުރު އަދާކުރަން އަހަންނަށް މި ފުރުސަތު ދިނީތީވެ،" ޒަވީ ބުންޏެވެ.
މެޗުގެ ހާފްޓައިމްގައި ދަނޑަށް ނުކުމެ ދިވެހި ބަހުން އޭނާ ސަޕޯޓަރުންނަށް ސަލާމް ގޮވި އެވެ.
"އަހަންނަށް ލިބުނު ވަރަސް ބޮޑު އުފަލެއް ރާއްޖެ އައުމަކީ. އަހަރެން އަދި އަންނާނަން. މި ގައުމަށް އަންނަ ހިތްވެއްޖެ،" ޒަވީ ބުންޏެވެ.
އޭނާ ވަނީ ހާފްޓައިމްގައި އޭނާ ސޮއިކޮށްފައިވާ ބޯޅަތަކެއް ސަޕޯޓަރުންނަށް ހަދިޔާކޮށްފަ އެވެ.
ގަތަރުގެ އަލްސާދަށް ކުޅެމުން އަންނަ ޒަވީ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ސްޕޭނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަދި ބާސެލޯނާ އަށް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކެޕްޓަނަކީ ވެސް އޭނާ އެވެ. ޒަވީ ވަނީ ސްޕޭނުގެ ގައުމީ ޓީމަށް 133 މެޗު ކުޅެދީ 13 ގޯލު ޖަހާދީފަ އެވެ. އަދި ބާސެލޯނާ އަށް 505 މެޗުން 58 ގޯލު ޖަހާދީފައިވެ އެވެ.