ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ކުއްލި ހާލަތުގައި ޖެއްސި ފްލައިޓް ފުރުން ހަވީރަށް ލަސްވެއްޖެ

Aug 30, 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ރޭ ދަންވަރު ކުއްލި ހާލަތުގައި ޖެއްސި އެމިރޭޓްސްގެ ފްލައިޓް، އީކޭ-653 ފުރުން މިއަދު ހަވީރަށް ލަސްކޮށްފި އެވެ. އެ ފްލައިޓް އިމަޖެންސީގައި އައިއެންއައިއޭއަށް ޖެއްސީ، ނައްޓާލިތާ 15 ވަރަކަށް މިނެޓްގެ ތެރޭގަ އެވެ.

އެ ބޯޓް ޖެއްސި ވަގުތު މުޅި އެއާޕޯޓް އެލާޓަށް ގެނެސް، ފަޔަ ލޮރީ އާއި އެމްބިއުލެންސް އަދި މުޅި އެއާޕޯޓް އޮތީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ބޯޓު ޖައްސާފައިވަނީ ފްލައިޓުގެ ކާގޯ ބައިގައި "އަލިފާނެއް" އުޅޭ ކަމަށް ޝައްކު ކުރެވިގެންނެވެ. އެ ފްލައިޓްގެ އިންސްޕެކްޝަންތައް ހެދި އިރު އެފަދަ ކަމެއް ފާހަގަވެފައެއް ނުވެ އެވެ.

މި ބޯޓު ފުރަން ކުރިން އޮތީ މިއަދު ހެނދު 10:30 ގަ އެވެ. އެހެންވެ، އެއާޕޯޓަށް ޕެސެންޖަރުން ވެސް ގެނެ އެވެ. އެމްއޭސީއެލް އިން ބުނީ، އެ ފްލައިޓް މިހާރު ފުރަން ހަމަޖެހިފައިވަނީ ހަވީރު 5.30 ގައި ކަމަށެވެ.

މި ފްލައިޓަކީ ކޮލަމްބޯ އިން އައިސް އައިއެންއައިއޭގައި ޓްރާންސިޓްކޮށް ޕެސެންޖަރުން އަރުވައިގެން ރާއްޖެއިން ސީދާ ދުބާއީއަށް ދިޔުމަށް ހަމަޖެހިފައި އޮތް ފްލައިޓެކެވެ.

އެ ފްލައިޓުން ދަތުރުކުރާ ޕެސެންޖަރަކު ބުނީ، އާ ފްލައިޓެއް މީހުން ބަލައި އަންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި ފްލައިޓް ފުރުން ލަސްވާތީ ބައެއް ޕެސެންޖަރުންގެ ޝަކުވާ އެބަ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ފްލައިޓް ޑިލޭ ވުމުން ޕެސެންޖަރުންގެ ނިދުމާއި ކެއުމުގެ ކަންކަން ރޭ ވަނީ އެއާލައިނުން ހަމަޖައްސައިދީފަ އެވެ.