ޖަޕާނުން އިސްނަގައިގެން ކުރިޔަށް ގެންދާ ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމް (ޖޭސީއެމް) ނިޒާމަށް ދިވެހިން އަހުލުވެރި ކުރުވާ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.
ޖޭސީއެމް ނިޒާމަކީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދު ކުރުމަށް ބޭނުން ކުރާ ނިޒާމެކެވެ. އެ ނިޒާމްގެ ބޭނުމަކީ ޖަޕާން ސަރުކާރުގެ ތާއީދާއި އެކު އައާދަކުރެނެވި ހަކަތައާ ގުޅުން ހުރި މަޝްރޫއުތައް ހިންގުމެވެ.
މާދަމާގެ ނިޔަލަށް މި ވޯކްޝޮޕް ކުރިޔަށް ގެންދަނީ އެނާޖީ މިނިސްޓްރީއާ އޭޝިއަން ޑިވެލޮޕްމަންޓް ބެންކު (އޭޑީބީ) ގުޅިގެނެވެ.
އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ވިދާޅުވީ ޖޭސީއެމްއަކީ ޖާޕާނާއެކު ވެފައުވާ އެއްބަސްވުމެއްގެ ދަށުން ފެށުނު މަސައްކަތެއް ކަމަށައި އެ އެއްބަސްވުމުގެ ދަށުން ދެ ގައުމު ދެމެދު ޖޮއިންޓް ކޮމިޓީއެއް ހަދާ އިއާދަ ކުރަނިވި ހަކަތައާ ގުޅުން ހުރި މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ.
"ޖަޕާނުން ރާއްޖޭގައި ސާފް ހަކަތަ އުފެއްދުމަށް އެހީތެރިވެދޭތީ ޖަޕާނަށް ބައިނަލްލަގުވާމީ ފަރާތްތަކުން ކްރެޑިޓް ދޭނެ. ޖަރުމަނާ ޔޫރަޕުގެ ގައުމުތަކުން ވެސް އެ މަސައްކަތް ވަނީ ފަށާފަ. އެކަމަކު ޖަޕާނުން ގެންދާ ފެންވަރުގައި ޖޭސީއެމްއެއް ކުރިޔަށް ނުގެންދޭ،" މަޖީދު ވިދާޅުވި އެވެ.
މަޖިދު ވިދާޅުވީ ގޮތުގައި ޖޭސީއެމްގައި އޭޑީބީގެ އެހީއާއެކު މިހަތަނަށް ދެ މަޝްރޫއެއް ރާއްޖޭގައި ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ ފުރާޅުގެ ސޯލާއި އައްޑޫގައި ބޭނުން ކުރާ ސޯލާ ހިމެނެ އެވެ.