މޫސުން

24 ގަޑިއިރަށް ގަދަ ވިއްސާރަ، އުދަވެސް އަރާފާނެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑިއިރުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. ރާއްޖެއަށް މިހާރު ކުރާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ވިލާތަކުގެ ބާރުގަދަވުމާ ގުޅިގެން ކުރާ ވިއްސާރައެކެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަނޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަނޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާ ގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލަށް ވައިގަދަވާނެ އެވެ.

ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ އެވެ.

މީގެ އިތުރުން މެޓުން ބުނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މެޓުން ވަނީ ދެކުނުގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެނީ ކަނޑު ދަތުރުފަތުރުކުރުން މަނާ ކުރުމަށާއި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް ރައްޔިތުން ތައްޔާރުވެ ތިބުމަށް އެންގުމުގެ ގޮތުންނެވެ.

ސިފައިންގެ އިލްތިމާސް

ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު ކަނޑުދަތުރުފަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން، ޑައިވިން ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ މޫސުމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތަައް ނުކުޅޫމަށް ވެސް ވަނީ އަންގާފަ އެވެ.

ފުލުހުންގެ އިލްތިމާސް

ފުލުހުން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު މަތީ ހިނގާ މީހުންނާއި އެއްޗެތި ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށް އަދި ދުއްވާ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއްލިބިދާނެތީ އެފަދަ ކަންކަމަށް ސަމާލުވުމަށް ވެސް ވަނީ އަންގާފަ އެވެ.