ހައުސިން ޔުނިޓް

ހުޅުމާލޭގައި 2500 ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި

ހުޅުމާލޭގައި 2500 ސޯޝަލް ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އަލަށް ބީލަމަށް ހުޅުވައިލީ ސޯޝަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކުގެ ބައެއް ކަމަށެވެ.

މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި 2500 ހައުސިން ޔުނިޓު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި ޝަރުތު ހަމަވާ ފަރާތްތަކަށް އެ މަސައްކަތް ކުރަން ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ބުނެފައި ވަނީ މަސައްކަތްކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ މައުލޫމާތާއި ޕްރޮޕޯސަލް އަންނަ މަހު 26 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހުޅުމާލޭގައި 2500 ހައުސިން ޔުނިޓު އަޅަން ހުޅުވާލާފައިވާ އިރު ހައުސިން މިނިސްޓްރީއިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި، ޔޫތު ސިޓީގައި 15000 ހައުސިން ޔުނިޓު އަޅަން ނިންމާ، ބަޔަކާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ކޮރެއާއާއި ޗައިނާ އަދި ތުރުކީގެ އިތުރުން ލަންކާގެ ބޮޑެތި ކުންފުނިތަކާ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރިކޮށް ދިނުމަށް ބޮޑެތި މަޝްރޫތައް ވަނީ ފަށާފަ އެވެ.