ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަކީ މީދަލެއްހާ ހަލުވި، އަދި އެހާމެ މޮޅު ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް ބުނެފި އެވެ.
ހަޒާޑް ބުނީ ޗެލްސީގައިތިބި އޭނާ ފަދަ ކުޅުންތެރިން ބޯޅައާއެކު މަޖާކޮށްލަން ވެސް ބޭނުންވާ ކަމަށާއި ކާންޓޭ ކުޅޭތީވެ އެމީހުންނަށް އިތުބާރު ލިބޭ ކަމަށެވެ.
"އަހަރުމެން މަސައްކަތްކުރަނީ ޑްރިބްލްކޮށްފައި އިދިކޮޅު ޓީމުގެ ފަހާލާފައިދާން. އަހަރުމެން އަތުން ބޯޅަ ގެއްލިއްޖެނަމަ އަހަރުމެން ޔަގީންކަން އޮވޭ އެބޯޅަ ހޯދަން އޭނާ ފަހަތުގައި ހުންނާނެކަން. އޭނާ ބޯޅަ އަތުލާނެ. އޭނާގެ ސަބަބުން އަހަރުމެންނަށް ވަރަށް ބޮޑު އިތުބާރެއް ލިބޭ،" ހަޒާޑް ބުންޏެވެ.
"އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަންނަށް އޭނާއަކީ މީދަލެއް ފަދަ މީހެއް. އޭނާ ދާނެ (ދަނޑުގެ) ހުރިހާތަނަކަށް. އޭނާ އަކީ ވަރަށް ވިސްނުންތޫނު ކުޅުންތެރިއެއް. އަބަދުވެސް މިކަހަލަ މޮޅު ކުޅުންތެރިންނާއެކު ކުޅުމަކީ ވަރަށް މުހިންމު ކަމެއް،" ކާންޓޭ އަށް ތައުރީފް ކުރަމުން ހަޒާޑް ބުންޏެވެ.
ކާންޓޭ އަކީ ހުސްވި ސީޒަނުގައި އިނގިރޭސި ލީގު ލެސްޓާ ސިޓީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. އޭނާ ޗެލްސީ އަށް ގެނައީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އެވެ.