ފިލްމެއްގައި ރޯލެއް ކުޅެން ޖެހިއްޖެ ނަމަ އެ ރޯލަކަށް އެމެރިކާގެ އެކްޓަރު މެތިއު މެކޯނަހޭ ތައްޔާރުވާ މިންވަރު އޭނާ ވަނީ "ޑަލަސް ބަޔާސް ކްލަބް" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހާސިލުކޮށް ސާބިތުކޮށްދީފަ އެވެ. އެ ފިލްމު އޭނާ ކުޅުނީ ގާތްގަނޑަކަށް 25 ކިލޯގެ ބަރުދަން ލުއިކޮށްގެންނެވެ.
ކުރިއަށް އޮތީ ވެސް އޮސްކާއާ ރައްޓެހި ރޯލެއްކަން ޔަގީނެވެ. އޭނާގެ އާ ފިލްމު "ގޯލްޑް" ގައި ކުޅެން ޖެހޭ ރޯލަށް އޭނާ މިފަހަރު ފަލަވީ އެވެ. މި ރޯލު ކުޅުމަށް ހާއްސަ ޑައެޓެއް ނަގައިގެން މެކޯނަހޭ ވަނީ އޭނާގެ ބަރުދަނަށް 18 ކިލޯ އިތުރުކޮށް، ފަލަވެ، ބަނޑުލައިފަ އެވެ.
މިހައި ހިސާބުން އެ ތައްޔާރީތައް އަދި ނިމުނީކީއެއް ވެސް ނޫނެވެ. ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާގެ ބޮލުގެ މެދުން އެއްކޮށް ތަލަވެފައި ހުންނަން ޖެހޭތީ އޭނާގެ ހެއާ ސްޓައިލް ވެސް ފިލްމުގެ ސެޓުގައި ވަރަށް ތަފާތެވެ. މި ފުލް "ޓްރާސްފޮމޭޝަނުގައި" މެތިއު މެކޯނަހޭގެ ފޭނުންނަށް ވެސް އޭނާ ވަކިނުވާނެކަން ޔަގީނެވެ.
ދެން މި އޮތީ އޭނާގެ މި އާ ފިލްމެއްގެ ޑައިރެކްޓަރުގެ ވާހަކަ އެވެ. މި އަހަރުގެ ޑިސެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ "ގޯލްޑް" ގެ ޑައިރެކްޓަރަކީ ސްޓީވެން ގޭގަން އެވެ.
ސްޓީވެން ގޭގަން އަކީ ހަގީގަތުގައި ޑައިރެކްޓަރަށް ވުރެން ސްކްރީންރައިޓަރެއްގެ ގޮތުގައި މަޝްހޫރު މޫނެކެވެ. އެކަމަކު އޭނާ ޑައިރެކްޓްކުރި މަދު ފިލްމުތައް ވެސް ވަރަށް މަޝްހޫރެވެ.
"ޓެރިފިކް" އިން 2000 ވަނަ އަހަރު އޮސްކާގެ އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ހާސިލުކޮށްފައިވާ ގޭގަންގެ އެންމެ މަޝްހޫރު ޑައިރެކްޝަނަކީ، އޮސްކާގައި އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑަށް ވެސް ވާދަކުރި 2005 ވަނަ އަހަރުގެ މަޝްހޫރު ފިލްމު "ސީރިއާނާ" އެވެ. އެއީ އެ ފިލްމުގައި ލީޑް ރޯލު ކުޅުނު ޖޯޖް ކްލޫނީ އެފަހަރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ އަށް ވެސް ވާދަކުރި އެވެ.
އެހެންކަމުން "ގޯލްޑް" އަދި މި ފިލްމުގައި ލީޑް ރޯލު ކުޅޭ މެކޯނަހޭ ވެސް އޮސްކާ އަށް ވާދަކުރުމުގެ ފުރުސަތު ބޮޑެވެ. މި ޑްރާމާ ތްރިލާގައި ފެނިގެންދާނީ ރަން ވަޅެއް ހޯދުމަށް މެކޯނަހޭ އާއި ޖިއޮލޮޖިސްޓަކު ކުރާ މަސައްކަތާއި އެމީހުންނަށް ދިމާވާ ހާދިސާތަކެކެވެ.
"ގޯލްޑް" އަކީ "ސީރިއާނާ" އަށް ފަހު ގޭގަން ގެނެސްދޭ ފުރަތަމަ ޑައިރެކްޝަނެވެ. އޭނާގެ މި ފިލްމު ޕްރިމިއާކުރާނީ ޑިސެމްބަރު މަހުގެ 25ގައެވެ.