ރާއްޖެ ކުޅިވަރު

އަމާޒަކީ ރާއްޖެ އަތުން ބަލިނުވުން: ބަންގާޅު ކޯޗު

މާދަމާ ރޭ ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗު އެއްވަރުވިޔަސް ހިތްހަމަޖެހޭނެ ކަމަށް ކޯޗު ޓޮމް ސެއިންޓްފެއިޓް ބުނެފި އެވެ.
ބެލްޖިއަމްގެ ކޯޗު ބުނީ ރާއްޖެ އަންނަނީ ފުޓްބޯޅައިގެ ކުރިއަަރަމުން ކަމަށާއި މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ އަތުން ބަނގްލަދޭޝް ބަލިވެފައިވާ ކަމަށެވެ.

"މިއީ އެކުވެރިކަމުގެ މެޗެއް. އެހެންވިޔަސް އަހަރުމެން މި މެޗުން ރަނގަޅު ނަތީޖާއެއްބޭނުންވޭ. މިއީ އަހަރެންގެ (ކޯޗުކަމުގައި ބަނގްލަދޭޝް) ކުޅޭ ފުރަތަމަ މެޗުވެސްމެ. އެހެންވީމާ އަހަރެން ބޭނުން މި މެޗުން ރަނގަޅު ނަތީޖާއެއް. ޑްރޯވިޔަސް ހިތްހަމަޖެހޭނެ،" ބެލްޖިއަމުގައި ހުރެފައި ރޭ ރާއްޖެ އައި ކޯޗު ބުންޏެވެ.

ބަނގްލަދޭޝްގައި ހުރެފައި މީގެ ތިން ދުވަސް ކުރިން އޭނާ ބެލްޖިއަމަށް ދިޔައީ އަންހެނުން ވިހެއުމާ ގުޅިގެން އޭނަގެ އަލަތު ދަރިފުޅު ދެކިލުމަށެވެ.

ނެމީބިއާ އާއި ޒިމްބާބުވޭ އަދި ޔަމަނާއި މަލާވީގެ އިތުރުން ޓޯގޯގެ ގައުމީ ކޯޗުކަމާއި ގަތަރުގެ 17 އަހަރުން ދަށުގެ ގައުމީ ކޯޗުކަން ވެސް ކޮށްފައިވާ ޓޮމް ބަނގްލަދޭޝްގެ ގައުމީ ޓީމާ ހަވާލުވީ ގާނާގެ ގައުމީ ކޯޗުކަމަށް ވެސް އޭނާ ޝޯޓްލިސްޓް ވެފައި ވަނިކޮށެވެ.
އޭނާ ބުނީ ރާއްޖެ އަންނަނީ ފުޓްބޯޅައިގައި ކުރިއަރަމުން ކަމަށާއި މެޗުން މޮޅުވާން މަސައްކަތް ކުރާނެ ކަމަށެވެ.

"ރާއްޖެ އަކީ ވަރުގަދަ ޓީމެއް. ރާއްޖެ އަންނަނީ ކުރިއަރަމުން. އެކަމަކު މި މެޗުން އަހަރުމެން ރަނގަޅު ނަތީޖާއެއް ނެރެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަރުމެން އެންމެ ބޮޑު އަމާޒަކީ ބޫޓާން މެޗު" ޖަރުމަނާއި ފިންލެންޑްގައި ވެސް ކޯޗު ކޮށްދީފައިވާ 43 އަހަރުގެ ކޯޗު ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ބޫޓާނާ ދެކޮޅަށް ތައްޔާރުވާ ބަންގްލަދޭޝް ޓީމު ސްރީލަންކާގައި މަޑުކުރުމަށްފަހު މާލެ އައީ 23 ކުޅުންތެރިންނާއެކުގަ އެވެ. ޓީމުގައި މުޅިން އަލަށް ހަތަރު ކުޅުންތެރިއަކު ހިމަނާފައިވައިރު ކެޕްޓަން މަމްނޫނުލް އިސްލާމް ޓީމާއެކު ރާއްޖެ ނާދެ އެވެ. އޭނާ އަށް އަނިޔާވެފައިވާއިރު ސަސްޕެންޝަނުގެ ސަބަބުން ޖަމާލް ބުއިޔަން ވެސް ވަނީ ޓީމުން އުނިކޮށްފަ އެވެ.


ބަނގަލްދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނަނީ އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ތައްޔާރުވުމަށެވެ.