ރާއްޖެ ކުޅިވަރު

ބޭލް ވިއްކާލައިގެން ލިބުނު ފައިސާ ތޮޅިއަށް!

މިއަދަކީ ޓޮޓެންހަމް އިން އެކުލަބުގެ ތަރި ގެރެތް ބޭލް ދުނިޔޭގެ ރެކޯޑް ފީއަކަށް ރެއާލް މެޑްރިޑަށް ވިއްކާލިތާ ތިން އަހަރު ފުރުނު ދުވަހެވެ. ގާތްގަނޑަކަށް 90 މިލިއަން ޕައުންޑަށް އޭނާ ވިއްކާލީ ކުލަބަށް ލިބެން އޮތް ފައިދާ ވެސް ބޮޑުވުމުންނެވެ. 2013 ވަނަ އަހަރު އޭނާ ވިއްކާލިއިރު އެއީ އޭގެ ކުރީ ދެ އަހަރު އިނގިރޭސި ލީގުގެ މޮޅު ކުޅުންތެރިޔާ އެވެ.

ބޭލް ވިއްކާލުމަށްފަހު ސްކޮޑް ވަރުގަދަ ކުރުމަށް ޓޮޓެންހަމުން 108 މިލިއަން ޕައުންޑް ހޭދަކޮށްގެން ހަތް ކުޅުންތެރިއަކު ގަތެވެ. އެކުޅުން ކޮބާ ހެއްޔެވެ؟

ޕައުލީނިއޯ

ޕައުލީނިއޯ ޓޮޓެންހަމަށް ގަތީ އެކުލަބުގެ ރެކޯޑް އަދަދަކަށެވެ. 17 މިލިއަނަށް ގެނައި ކުޅުންތެރިޔާ އަންދްރޭސް ވިޔާސް ބޯއަސްގެ ކޯޗުކަމުގައި ފުރަތަމަ އަހަރު ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަށް ގޯލު ވެސް ޖެހި އެވެ. ނަމަވެސް ކުލަބުން ބޭނުންވާ ފެންވަރާ ގާތަށް ވެސް ނުކުޅެވޭތީވެ އެކުލަބުން އޭނާ ގުއަންޒޫ އަށް ޖެހިގެން އައި ސީޒަނުގައި ވިއްކާލީ 9.8 މިލިއަން ޕައުންޑަށެވެ.

ކްރިސްޓިއަން އެރިކްސަން

ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ޓޮޓެންހަމަށް ގަތީ 11.5 މިލިއަން ޕައުންޑަށެވެ. އެކުލަބުގެ ސަޕޯޓަރުން ވެސް ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ބޭލްގެ ފައިސާއިން ގަތް އެންމެ ރަނގަޅު ކުޅުންތެރިޔާ އެވެ. ހުނަރާއި ސްޕީޑް ވެސް ރަނގަޅު ކުޅުންތެރިޔާ އަކި މިހާރުގެ ކޯޗު މައުރިސިއޯ ޕޮޗެޓީނީގެ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ގެނައީ 32000 ޕައުންޑްގެ މުސާރައަކށް ނަމަވެސް މުސާރަ 75000 އަށް ބަދަލުކޮށް އާކޮންޓްރެކްޓެއްދޭން ކުލަބުން ވަނީ ތައްޔާރުވެފަ އެވެ.

ރޮބާޓޯ ސޮލްޑާޑޯ

ސްޕޭނުގެ ފޯވަޑް ޓޮޓެންހަމުން ގަތީ 26 މިލިއަން ޕައުންޑަށެވެ. ނަމަވެސް ކުލަބަށް ކުޅެދިން 77 މެޗުގައި އެންމެ 16 ގޯލު ޖެހުމުން އެކުލަބުން އޭނާ ވިއްކާލީ އެވެ. ސޮލްޑާޑޯ އަށް ޕްރެމިއާ ލީގުގައި ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ފަހަކަށް އައިސް އިންނަންޖެހުނީ ވެސް ބެންޗުގަ އެވެ. އޭނާ ވިއްކާލީ 12 މިލިއަން ޕައުންޑަށެވެ.

ނަސެރް ޗަޑްލީ

ޓުވެންޓޭއިން ހަތް މިލިއަން ޕައުންޑަށް ގަތް ޗަޑްލީ އަކީ ބޭލްގެ ފައިސާއިން ގަތް ހަތް ކުޅުންތެރިންގެ ތެރެއިން ފައިދާގައި ވިއްކާލި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޗަޑްލީ ވަނީ އޭނާ ކުޅުނު ތިން ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައި ސަޕޯޓަރުންގެ ލޯބި ވެސް ހޯދާފަ އެވެ. ގިނަ މަގާމުތަކަށް ކުޅޭ ޗަޑްލީ ވަނީ 119 މެޗުގައި 25 ވެސް އޭނާ ވަނީ ޖަހާދީފަ އެވެ. ނަމަވެސް އެއަސްވުރެ މޮޅު ކުޅުންތެރިއަކު ބޭނުންވާތީވެ ޓޮޓެންހަމުން އޭނާ ވެސްޓްބްރޮމް އަށް ވިއްކާލީ 13 މިލިއަން ޕައުންޑަށެވެ.

އަރިއެން ކެޕޫ

ކެޕޫ ޓޮޓެންހަމަށް ގަތީ ފްރާންސްގެ ޓައުލަންސްއިންނެވެ. ނަމަވެސް ދެ ސީޒަނުގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން ފްރާންސްގެ ކުޅުންތެރިޔާ ވިއްކާލަން ނިންމީ އެވެ. މިސީޒަނުގައި ޕްރެމިއާ ލީގުގައި ދެ ގޯލު ޖެހި ނަމަވެސް އޭނާއާ މެދު ކޯޗިން ސްޓާފުންނާއި ކުލަބުން ވެސް ހިތްހަމަނުޖެހެ އެވެ. މިހެންވެ 8.6 މިލިއަނަށް ގެނައި ކުޅުންތެރިޔާ ވިއްކާލީ އެންމެ ހަ މިލިއަން ޕައުންޑަށެވެ.

ވްލަޑް ޗިރްޗޭސް

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް 2014 ވަނަ އަހަރު މޭން އޮފްދަ މެޗުގެ މަގާމު ހޯދި ނަމަވެސް އޭނާގެ އިތުބާރު ގެއްލުނީ ވަރަށް އަވަހަށެވެ. ރޫމޭނިޔާގެ ޑިފެންޑަރަށް އަނިޔާވުމާއި އޭގެ ފަހުން ކުރީގެ ފޯމަށް ނައުމާއެކު އެންމެ ފަހުން އޭނާ މެޗެއް ކުޅުނީ މިދިޔަ މާމަހުގަ އެވެ. ސުޓުއާ ބުކަރެސްޓުން 8.5 މިލިއަން ޕައުންޑަށް ގަތް ކުޅުންތެރިޔާ ނަޕޯލީ އަށް ވިއްކާލީ 4.5 މިލިއަން ޕައުންޑަށެވެ.

އެރިކް ލަމެލާ

ހުސްވި ސީޒަނުގައި ކުޅުނު 44 މެޗުގައި އޭނާ 11 ގޯލު ޖެހި އެވެ. ބޭލްގެ ފައިސާއިން ގަތް ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއަކީ ވެސް އާޖެންޓީނާގެ ލަމެލާ އެވެ. ހަތަރުވަނަ ސީޒަނެއްގައި ޓޮޓެންހަމުގައި އޭނާ ބަހައްޓާފައިވާއިރު އެއ ކޯޗު ވެސް އިތުބާރުކުރާ މޮޅު ކުޅުންތެރިއެކެވެ. އެހެން ކުލަބުތަކުން ވެސް އޭނާ ބޭނުންވެ އެވެ. ޓޮޓެންހަމުން ލަމެލާ ގަތީ އިޓަލީގެ ރޯމާއިން 30 މިލިއަން ޕައުންޑަށެވެ. ބޭލްގެ ފައިސާއިން ގަތް އެންމެ އަގުބޮޑު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

މި ކުޅުންތެރިންނަށް ބަލާއިރު 108 މިލިއަން ހަރަދުކޮށްގެން ގެނައި ހަތް ކުޅުންތެރިންގެ ތެރެއިން މިހާރު ޓީމުގައި ތިބީ ލަމެލާ އާއި އެރިކްސަން އެވެ. އަނެއް ފަސް ކުޅުންތެރިން ވިއްކާލަން ޖެހުނީ ނުއަގުގަ އެވެ. ޖުމުލައެކު ލިބުނީ 45.3 މިލިއަން ޕައުންޑެވެ. މިހެންވެ ބޭލްގެ ފައިސާ ހެޔޮގޮތުގައި ހަރަދުނުކުރެވޭ ކަމަށް ބެލެވިދާނެ އެވެ.