މިނިވަން ޗެމްޕިއަންޝިޕުގައި ވާދަކުރަން ބ. ދަރަވަންދޫން ޓީމު ލިސްޓު ހުށަނޭޅުމުން އެއަތޮޅު އޭދަފުށި މުބާރާތުގެ ޒޯން ބުރަށް ހޮވިއްޖެ އެވެ.
ބ. އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ދެ ޓީމުގެ ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ޖެހޭ ދެ މެޗު ޝެޑިއުލް ކޮށްފައި އޮތީ އަންނަ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހަށެވެ. ނަމަވެސް ދަރަވަންދޫން ޓީމު ލިސްޓު ނޭޅުމުން އޭދަފުށި ކޮލިފައިވެފައިވާކަން އެފްއޭއެމުން މިހާރުވަނީ އެ ރަށު ކައުންސިލަށް އަންގާފަ އެވެ.
ރާއްޖޭގެ މޮޅު އެތައް ކުޅުންތެރިންނެއް ނިސްބަތްވާ އޭދަފުއްޓަކީ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. އެމީހުން ވަނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ފަހު ބުރުގައި ވެސް ވާދަކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
މި ފަހަރުގެ މުބާރާތަށް އޭދަފުށި ތައްޔާރުވާން ފަށާފައިވާއިރު މިހާރު ވެސް އެރަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ ޑިވިޝަނުގައި ވެސް ދަނީ ވާދަކުރަމުންނެވެ.