ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތަކުގެ ތެރެއިން، އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާނެ އެއް މެޗަކީ މިރޭ މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ ކުރިމަތިލާ މެޗެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވެސް މި ދެ ޓީމު ވަނީ ކުރިމަތިލައިފަ އެވެ. ސިޓީން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކެޓީ ބާސާ އަތުން 4-1ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވުމުންނެވެ. ބާސާގެ އަމާޒަކަށް ވާނީ ޖެހިޖެހިގެން އަށް ވަނަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދުމެވެ.
މި މެޗަށް ނުކުންނައިރު އިނގިރޭސި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ސިޓީ ވަނީ 5-0 އިން މޮޅުވެފަ އެވެ. އެކަމަކު ބާސާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުފައި މަލާގާ އަތުން ބަލިވެފަ އެވެ. މި މެޗުން ބާސާ ބަލިވީ ޖެހިޖެހިގެން 11 މެޗުން އެ ޓީމު މޮޅުވެފައި ވަނިކޮށެވެ.
މި މެޗަކީ މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށް ބާސާ އަށް ބަދަލުވި ފަހުން، އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްގެ އިންގްލެންޑްގައި ކުޅޭނެ ފުރަތަމަ މެޗެވެ. މި މެޗަށް ނުކުންނައިރު ބާސާގެ ކޯޗު ލުއިސް އެންރީކޭ އަށް އޮތް ހިތްހަމަޖެހުމަކީ ބްރެޒިލްގެ ޑިފެންޑަރު ޑަގްލަސް އާއި ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް ވަމާލަން ފިޔަވައި އެހެން ކުޅުންތެރިން ފިޓުކޮށް ތިބުމެވެ.
މެޗަށް ނުކުންނައިރު، ސިޓީގެ މުހިންމު މިޑްފީލްޑަރު ޔާޔާ ޓޫރޭ ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. ސްވަންސީ ސިޓީން ޖެނުއަރީ މަހު ސިޓީ އަށް ބަދަލުވި އައިވަރީ ކޯސްޓް ފޯވަޑް ވިލްފްރެޑް ބޮނީ ސިޓީގެ ފުރަތަމަ 11 އިން ފުރަތަމަ ފަހަރަށް ފެނުމުގެ ފުރުސަތު ބޮޑެވެ.
މެޗަށް ނުކުތުމުގެ ކުރިން ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި މެޗުގައި ފޭވަރިޓެއް ނެތް ކަމަށެވެ.
"ޗެމްޕިއަންސް ލީގުގައި ފޭވަރިޓުންގެ ވާހަކަދެއްކުމަކީ ނުރައްކާތެރިކަމެއް. ދަނޑުމަތީގައި ފެންވަރު ސާބިތުކޮށްދިނުން އެންމެ ރަނގަޅު ގޮތަކީ،" އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ ލީގުގައި މަލާގާ އަތުން ބާސާ ބަލިވީ ސިޓީ މެޗަށް މާ ބޮޑަށް ސަމާލުކަން ދިނުމުން ކަމަށް ގަބޫލްުނުކުރާ ކަމަށެވެ.
"ޗެމްޕިއަންްސް ލީގަށް އަހަރެމެންގެ ވިސްނުން ބަަދަލުކުރަންޖެހޭ. ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް ދެ މެޗު މި ކުޅެންޖެހެނީ. އަހަރެމެން އެންމެ މަތީ ފެންވަރުގައި ކުޅެގެން ނޫނީ ކުރިއެއް ނުލިބޭނެ."