ރާއްޖެ ކުޅިވަރު

ދިވެހި ފުޓްބޯޅައިގެ އާއޮނިގަނޑު ހަދަން ބެންގްސްބޯ ރާއްޖެ އަތުވެއްޖެ

ރެެއާލް މެޑްރިޑާއި ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީއާއެކު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ޕްރޮފެސަރ ޖެންސް ބެންގްސްބޯ އެފްއޭއެމުގެ އެދުމުގެ މަތީން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ޑެންމާކުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި ބެންގްސްބޯ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަނެ ލާއޯސްއާއެކު އޭޝިއަން ކަޕް ޕްރިލިމިނަރީގައި ގައުމީ ޓީމު ކުޅޭ ދެ މެޗު އެނަލައިޒް ކުރާނެ ކަމަށެވެ.

ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރެއް ކަމަށްވާ ބެންގްސްބޯ ރާއްޖެ މިގެނައީ ދިވެހި ފުޓްބޯޅައިގެ ހާލަތު ބަދަލު ކުރުމަށް އެފްއޭއެމުން ފަށާފައިވާ ޕްރޮގްރާމުގެ ދަށުންނެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރާ ދުވަސްވަރު ފުޓްބޯޅައިގެ ތަފާތު މައުލޫމާތުތައް ހޯދައި، ދިވެހި ފުޓްބޯޅައިގެ އާއޮނިގަނޑު ކުރަހައިދިނުމަށް އެފްއޭއެމަށް އެހީތެރިވެދޭނެ އެވެ.

ނައިކް ކުންފުންޏާ ގުޅިގެން ކުޅުންތެރިންގެ ބޫޓު ތަހުލީލު ކުރުމުގެ ޕްރޮގްރާމް ވެސް ހިންގި ބެންގްސްބޯ އަކީ ފީފާގެ އިންޓަނޭޝަނަލް ސްޕޯޓްސް އެންޑް ސައިންސްގެ ސްޓިއަރިން ކޮމިޓީގެ ވެސް މެމްބަރެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެކްސްޕާޓުންގެ އިރުޝާދުގެ ދަށުން ފުޓްބޯޅައިގެ މުސްތަގްބަލް ކަނޑައެޅުން. އަދި މައްސަލަ ދެނެގަނެ، އެކަންކަން ހައްލުކޮށް، ދިވެހި ފުޓްބޯޅަ އެހެން ލެވެލް އަކަށް ގެންދިއުން،" އެފްއޭއެމުގެ ރައީސް އަދި ކުރީގެ ގައުމީ ފޯވަޑް ޓޮމް ވިދާޅުވި އެވެ.