މަސްތުވާތަކެތި

ކިލޯއެއްހާ ކެނަބިސް ހިފައިގެން ރާއްޖެ އައި މީހަކު ހައްޔަރުކޮށްފި

Sep 1, 2016

ފޮށިތަންމަތީގައި ކިލޯއެއްހާ މަސްތުވާތަކެތި ރައްކާކޮށްގެން ބަންގްލަދޭޝް އިން ރާއްޖެ އައި މީހަކު އަތުލައިގަނެ އޭނާ ގެނައި މަސްތުވާތަކެތި ހިފަހައްޓައިފި އެވެ. އެ މީހާއަކީ ބަންގްލަދޭޝްގެ މީހެކެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި އެ މީހާގެ އަމަލުތައް ހުރި ގޮތުން އޭނާއާމެދު އެއާޕޯޓްގެ ޕެސެންޖާ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވި ކަމަށާއި އެހެންވެ އިތުރަށް އޭނާ ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިތަންމަތިން 944 ގްރާމް މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުނު ކަމަށެވެ.

އެ ފިރިހެން މީހާގެ އަތުން ފެނުނު އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެ މީހާ ފުލުހުންނާ ހަވާލު ކުރުމަށްފަހު މިހާރު ވަނީ މައްސަލައިގެ ތަހުގީގެއް ފަށައިފި އެވެ.