ފިނިޕޭޖް

ހިތް ގެނބުނު ކުޅިވަރުގައި ޗެމްޕިއަނެއް

  • ފެތުމުގައި ރާއްޖެ އަށް ރަން މެޑަލް ލިބިދާނެ
  • އެކަމަކު އެވަރުގެ ތަމްރީނާއި ފެސިލިޓީން ބޭނުންވޭ
  • ވަރަށް ހުނަރުވެރި ވަރަށް ގިނަ ކުދިން އެބަތިބި

އޭނާ އެންމެ ފުރަތަމަ ފަތަން ދަސްކުރީ ލިޓްލް މެއިޑްސްގައި "ފަތަން އެނގޭ ކުއްޖެއްގެ" ބެޖު ހޯދުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެ ކުޅިވަރެއްގެ ތެރެއަށް ހިތް ގެނބިގެން ދިޔަގޮތަކަށް ދެނެއް މައްޗަކަށް ނޭރި އެވެ. -- ފެނުން މައްޗަށް އެރިއިރު އޭނާ އަކީ ޗެމްޕިއަނެކެވެ. އެއަށް ފަހު އޭނާ ގެންދަނީ ފެތުމުގެ ފްރީސްޓައިލް ސްޓްރޯކްގައި ގައުމީ ރިކޯޑަކަށް ފަހު ރިކޯޑެއް މުގުރަމުންނެވެ.

މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ފެތުންތެރިޔާ، އައިމިނަތު ސަޖަންގެ ކުރު ތައާރަފަކުން ފަށަނީ ނަމަ އޭނާ އަށް ހައްގު، ޝަރަފްވެރި ފެށުމެއްކަން ޔަގީނެވެ. ފެތުމުގެ ކުޅިވަރުގައި ބައިނަލްއަގުވާމީ މައިދާނަށް ގޮސް ދިވެހިން ފަހުވެރިކޮށް، އެ ޓްރެކްގައި އަންހެނުން ފަހުރުވެރިކޮށްދިނުމުގައި އޭނާ ދައްކަމުން އަންނަ ހިތްވަރާއި ބުންވަރަށް މަލުގެ ތައުރީފު އެއްލަން ޖެހެ އެވެ.

ސަޖަންގެ މި އިންޓަވިއުއެއް ހާއްސަވާ އެއް ސަބަބަކީ މިއީ އެވެ. ފުރުސަތާއި ފުރިހަމަ ތަމްރީން ލިބެން ނެތި އޭނާ އަކީ ދިވެހިންގެ ޗެމްޕިއަނެކެވެ.

މި އިންޓަވިއުއެއް "އަވަސް ވީކެންޑަށް" ހާއްސަވާ އަނެއް ސަބަބަކީ މީގެ ކުރިން މި ސިލްސިލާގެ އިންޓަވިއުއެއް އަދި ފޮޓޯ ޝޫޓެއްގައި ހޭދަކޮށްފައިނުވާހާ ގިނައިރު މިފަހަރުގެ މެހްމާނާއެކު ހޭދަކުރަން ޖެހުމެވެ. މި އިންޓަވިއުގެ ފޮޓޯ ޝޫޓް އަޅުގަނޑުމެން ކުރިއަށް ގެންގޮސްފައި ވަނީ ހޮޓެލް ޖެންގެ ހިތްގައިމު ޕޫލްގަ އެވެ. ގާތްގަނޑަކަށް ހަ ގަޑިއިރުގެ އެ މަސައްކަތަށް ފަހު އިންޓަވިއުގެ ސުވާލާއި ޖަވާބު ޝޫޓްކޮށްފައި ވަނީ އާޓިފިޝަލް ބީޗުގައި، އޭގެ އަނެއް ދުވަހު އެވެ.

އިތުރު ހާސަރެއް ނުދަމައި، ދެން ތިރީގައި މި އޮތީ ސަޖަންގެ ހާއްސަ އިންޓަވިއު އެވެ.

ރާއްޖޭގެ އެންމެ މޮޅު، އެންމެ ބާރު ފެތުންތެރިޔާ އަށް ވުމަކީ ކޮން ކަހަލަ އިހްސާސެއް ކުރެވޭ ކަމެއް؟ އަދި އޮލިމްޕިކްސްގައި ގައުމީ ދިދަ އުފުލަން ލިބުން ސިފަކުރާނީ ކިހިނެތް؟

"ރާއްޖޭގެ ނަމްބަ ވަން ސްވިމާ އަށް ވުމަކީ ވަރަށް ކުރިން ވެސް ދެކެމުން އައި ހުވަފެނެއް. ދެން މިހާރު ޓޮޕްގައި ހުރީމަ ޓާގެޓް އެޗީވްޑް. ވަަރަށް ހެޕީ. ދެން ސަޖަން އަށް ވަރަށް ގިނަ ކުދިން ރޯލް މޮޑެލް އަކަށް ބަލާ. (އަޅުގަނޑު) ސްވިމްކުރަނީ ކިރިނެއްތޯ ވެސް ބަލާހަދާ. އެއީ ވެސް ވަރަށް އުފާވާކަމެއް."

"ދެން މިފަހަރުގެ ރިއޯ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލަން ލިބުމަކީ ވަރަށް ވަރަށް އުފާވި ދުވަހެއް. އެއީ ސަޖަންގެ ވަރަށް ބޮޑު ޑްރީމްއެއް އޮލިމްޕިކްސްގައި އެގޮތަށް ދިދަ ހިފުމަކީ. އެ ދުވަހު އެތާ ތެރެއަށް ދިދަ ހިފައިގެން ވަންއިރު ވަރަށް އެހެންކަހަލަ އިހްސާސްތަކެއް ކުރެވުނީ. ހެޕިނެސް، ނާވަސް. ވަރަށް ވަރަށް އުފާވި ދުވަހެއް އެއީ."

މިހާތަނަށް މި ކެރިއަރުގައި ލިބިފައި ހުރި ކާމިޔާބީތަކާއި ފާހަގަކޮށްލަން ބޭނުންވާ ކާމިޔާބީތަކުން ފަށާ ނަމަ ކޮބައިތަ ސަޖަންގެ ލިސްޓަކީ؟

"އެންމެ ބޮޑު އެޗީވްމަންޓަކީ މިފަހަރުގެ ސާފް ގޭމްސްގެ 800 މީޓަރު ފްރީސްޓައިލްގައި ލިބުނު ބްރޯންޒް މެޑަލް. ދެން އަސްލު އެ ދުވަހު އެހާ ބޮޑަކަށް އެކްސްޕެކްޓްކޮށްގެން ހުރި މެޑަލްއެއް ނޫންއެއީކީ. ދެން އެ ދުވަހު ހިތަށް އެރީ ބުރަ މަސައްކަތުގެ އަގު އެންމެފަހުން ލިބުނީއޭ"

"ދެން އެންމެ އުފާވި ދުވަހަކީ ރާއްޖޭގެ 100 މީޓަރު ފްރީސްޓައިލްގައި އަލަށް (2014ގައި) ސަޖަން އެ ރިކޯޑް ބްރޭކްކުރީ ޓޫ ސެކަންޑްސްގެ ތަފާތަކުން. އެއީކަން ނޭނގެ އެގޮތަށް ފާހަގަކޮށްލާ ނަމަ ފާހަގަކޮށްލަން ބޭނުންވާ އެންމެ ބޮޑު ދެ ކާމިޔާބީއަކީ."

ސަޖަން ގަބޫލުކުރަންތަ، ސަޖަން އަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާ ކަމަށް ނުވަތަ ތި ފުރުސަތުތައް ލިބިގެން އަދި ތިއަށް ވުރެ މޮޅު އަންހެން ފެތުންތެރިން ރާއްޖެއިން ނެގިދާނެ ކަމަށް؟

"ސަޖަންއާ ކޮމްޕީޓްކުރަން ވަރަށް ބައިވަރު ކުދިން މިހާރު އެބަތިބި. ސަޖަންގެ ކޮއްކޮ ވެސް މިހާރު ވަރަށް ކައިރީގައި. އަސްލު ސްވިމިންގައި ވާގޮތަކީ އެކި ކުދިން މޮޅުވާނީ އެ ސްޓްރޯކަށް. އެހެންވީމަ ސަޖަން އަށް ބުނެވިދާނެ ސަޖަން އަކީ ފްރީސްޓައިލްގައި ރާއްޖޭގައި ހުރި އެންމެ މޮޅު ކުއްޖާއޭ. އެކަމަކު ކޮއްކޮ ޖަހާ ސްޓްރޯކެއް ނުޖެހޭނެ ބާރަކަށް. ކޮއްކޮ މޮޅުވާނީ. ހަމައެގޮތަށް ބެކްސްޓްރޯކަށް ވެސް ސަޖަން މޮޅެއް ނުވާނެ. އަޅުގަނޑާ އެކު ނެޝެނަލް ޓީމުގައި އުޅޭ ކުއްޖެއް، ސައުސަން މޮޅުވާނީ"

"އެހެންވީމަ ނުބުނެވޭނެކަން ނޭނގެ އަޅުގަނޑަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ސްވިމާއޭ ހުރިހާގޮތަކުން. އެކަމަކު ސްޓްރޯކަށް ބަލައިފިއްޔާމު ފްރީސްޓައިލްގައި އަޅުގަނޑު މިވަގުތު ހުރި އެންމެ މޮޅު ކުއްޖަކީ."

އަމިއްލަ އަށް އަމިއްލަ ރިކޯޑް މުގުރަމުން ސަޖަން ކުރިއަށް ދާތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ. އަމިއްލަ އަށް އަމިއްލަ ރިކޯޑް މުގުރުން ސިފަކުރާނީ ކިހިނެތް؟

"އޭގެން އެ ފެންނަނީ އެ ކުއްޖަކު އިމްޕްރޫވްވަމުންތަން. އެހެންވީމަ ކޮންމެ ފަހަރަކު ގޮސްސަ އަމިއްލަ ރިކޯޑް މުގުރާކަށް އެއީ ފޫހިވާ ކަމެއް ނޫން. އެއިން އެ ދައްކުވައި ދެނީ އެ ކުއްޖަކު އަމިއްލަ އަށް އިމްޕްރޫވްވަމުންދާކަން. އެހެން ބުނެލަން ބޭނުންވަނީ."

ތިމަންނައާ އެއް ފެންވަރެއްގައި ރަނގަޅު ފައިޓެއް ދެވޭ ފެންވަރުގެ ފެތުންތެރިން ނެތުމަކީ ޑިސްއެޑްވާންޓޭޖެއް ކަމަށް ސަޖަން ގަބޫލުކުރަންތަ؟

"އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑާ އެކު ފްރީސްޓައިލް ޖަހާނެ ކުދިންނެއް ނެތޭ. އެކަމަކު އެހެން ސްޓްރޯކްތަކުގައި ވާދަކުރާނެ ކުދިން އެބަތިއްބޭ. އެކަމް ދެން މިސާލަކަށް، ރާއްޖޭގައި އަޅުގަނޑަށް ކޮމްޕެޓިޝަން ނެތަސް ކޮންމެ ގޮތެއްވިޔަސް ބޭރަށް ގޮސް މި ކޮމްޕީޓްކުރަނީ. ބޭރަށް ގޮސް ވާދަކުރާއިރު ސަޖަން އަށް ވުރެ ބާރަށް ފަތާ މީހުންނާ ދިމާވޭ. އެހެންވީމަ އެ ފެންވަރުގެ ސްވިމާސްއާ ވާދަކުރީމަ އަޅުގަނޑަށް ލިބޭ ކުރިއެރުން އޭގައި މާ ބޮޑު. ދެން މާލޭގައި އެ ކޮމްޕެޓިޝަން ނެތް ކަމަކަށް ވެސް ގަބޫލެއް ނުކުރަން."

ސަޖަން ގަބޫލުކުރާ ގޮތުގައި ކޮބައިތަ އާ ފެތުންތެރިން ނުއުފެދޭ މައިގަނޑު ސަބަބުތަކަކީ އަދި މޮޅަށް ފަތާ އުޅުނު ފެތުންތެރިން ވެސް މިހާރު ނުފެންނަ ސަބަބަކީ؟

"އަސްލު އާ ސްވިމާސް އާދޭ ވަރަށް ބައިވަރު. މިހާރު ވެސް ޓްރެކަށް ގޮސްފި ނަމަ ފެންނާނެ ވަރަށް ބައިވަރު ކުޑަކުދިންނާ އެކު 14-15 އަހަރުގެ ކުދިން ވެސް ފަރިތަކުރަން އުޅޭތަން. އެކަމަކު ދެން މިވާ ގޮތަކީ ކިޔެވުން ނިންމާލާފައި ދެން އޭލެވެލް ނުވަތަ ބިޒީވެގެން އެ ކުދިންނަކަށް ބެލެންސެއް ނުކުރެވޭކަން ނޭނގެ ކިޔެވުމާއި ސްވިމިން. ދެން އެންމެފަހުން ސްވިމިން ދޫކޮށްލާފައި މި ދަނީ ކިޔެވުމަށް"

"ދެން ސްވިމިންގައި ނެތް ކެރިއާއެއް ވެސް ރާއްޖޭގައި އަދި. ޕްރޮފެޝަނަލްކޮށް މިކަން ކުރެވޭކަށް ވެސް ނެތް. އެހެންވީމަހެން ހީވަނީ ކިޔެވުމަށް ގިނަ ކުދިން އެގޮތަށް ހުސްވަނީ ވެސް. އެއީ ގިނަ ކުދިން ގެއްލޭ ކަމަކީ."

"ޕްލަސް ސްވިމިން ފެސިލިޓީން ރާއްޖޭގައި ނެތުން. އެހެންވީމަ ކުދިން ޑިވެލޮޕެއް ނުވާނެ."

ސަޖަން އަކީ ރާއްޖެއިން ބޭރުގައި ތަމްރީންކޮށް، ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ތަޖުރިބާލިބިފައިވާ ފެތުންތެރިއެއްތާ. އެމީހުންނާއި އެމީހުންގެ ތަމްރީންތަކާ މިތަނުގައި ދެވޭ ނުވަތަ ހެދޭ ތަމްރީން އަޅާކިޔާ ނަމަ ސިފަކޮށްދޭނީ؟

"ރާއްޖޭގައި ޓްރެއިނިން ހަދަން މި ޖެހެނީ ޓްރެކްގައި. އެންމެ ގަޑިއިރަކު ނުވަތަ ދެ ގަޑިއިރު. އަދި އެ ވަގުތުކޮޅުގައި ވެސް ޓްރެކަށް އެހެން މީހުން އެރި ވަރަށް ބޮޑު އުނދަގޫތަކެއް ދިމާވޭ. ޕްލަސް އެ ޕްލެޓްފޯމްގައި ޑައިވްކުރަން ވެސް އެހާ ފަސޭހައެއް ނުވާނެ އެއީ ކުރިއެއް ނުފެންނާނެ އެހާ ފަސޭހަކޮށް"

"އެކަމަކު ޕޫލްއެއްގައި ނަމަ ޕޫލްގެ އަޑިން ހަމަ ސްޓްރެއިޓްކޮށް ދެވެން ހުންނާނެ، ދެން ފްލިޕް ޓާން އަޅަންވީމަ، ޓާން އަޅަންވީ ތަން އެނގޭނެ، ފުރިހަމަ ޑައިވިން ބްލޮކްސްއާ ހުރިހާ އެއްޗެހިތަކެއް ވެސް ހުންނާނެ"

"ދެން މާލޭގައި އާންމުކޮށް ދެ ގަޑިއިރު ޓްރެއިންކުރަން ލިބޭއިރު ބޭރުގައި އަޅުގަނޑުމެންނަށް ލިބޭ ހަ ގަޑިއިރު ވެސް ދުވާލަކަށް. ރާއްޖޭގައި އެހާ ގިނައިރު ޓްރެއިންކުރުމަކީ ފަސޭހަކަމެއް ވެސް ނޫން. އެއީ ކިޔެވުމާއި ސްވިމިން ކްލޭޝްވާތީއާ ވެސް އެކުގައި."

އެކަށީގެންވާ ރަނގަޅު ތަމްރީނާއި ހިދުމަތް ލިބިގެން ރާއްޖެ އަށް ވެސް ފެތުމުގައި ރަން މެޑަލް ހާސިލުކުރެވިދާނެ ކަމަށް ސަޖަން ގަބޫލުކުރަންތަ؟

"ގޯލްޑް މެޑަލްއެއް ލިބިދާނެ އިނގޭ. ސަޖަން ބުނެލަން އޮތް އެއްޗަކީ، މިއޮތްހާ ދުވަހު ރާއްޖޭގައި ޓްރެއިންކުރަން ހުރި ނަމަ ސަޖަންއަކަށް މިފަހަރުގެ ސާފް ގޭމްސްގައި ލިބުނު ބްރޯންޒް މެޑަލްއެއް ވެސް ނުލިބޭނެއޭ. އެހެންވީމަ ގޯލްޑް މެޑަލްއެއް ރާއްޖެ އިން ބޭނުމިއްޔާމު ޕްރޮޕާ ފެސިލިޓީޒް އާއި ޓްރެއިނިން ބޭނުންވާނެ. އެ ފުރުސަތާއި ޓްރެއިން ލިބިއްޖެ ނަމަ ކޮންމެ ކުއްޖަކަށް ވެސް ގޯލްޑް މެޑަލްއެއް އެޅިދާނެ. އެއީ ރާއްޖޭގައި އެބަތިބި ވަރަށް ޓެލެންޓެޑް ސްވިމާސް މިހާރު ވެސް."

މިފަހަރުގެ އޮލިމްޕިކްސްގައި ކުރެވުނު ތަޖުރިބާ އަޅުގަނޑުމެންނަށް ކިޔައިދީ ބަލަ؟

"މިފަހަރުގެ ރިއޯ އޮލިމްޕިކްސްގައި އެންމެ އެކްސައިޓްވި ކަމަކީ އޮޕެނިން ސެރަމަނީގައި ދިދަ ހިފާލަން ލިބުން. ދެން އެހާ ބޮޑަކަށް އެކްސްޕެކްޓެއް ނުކުރަން 100 މީޓަރުގެ ފްރީސްޓައިލްގައި ގައުމީ ރިކޯޑް މިފަހަރު ބްރޭކްކުރެވިދާނެ ކަމަކަށް. އެއީ އިވެންޓަށް ދިއުމުގެ އެއް މަސްކުރިން އަޅުގަނޑު ހުރީ ޝޯލްޑާ އިންޖަރީއެއްގައި ވެސްމެ. އެހެންވެ އެހާ ބޮޑަށް އަސްލު ޓްރެއިންކުރަން ވާ ވަރަކަށް ޓްރެއިންއެއް ވެސް ނުކުރެވުނު އިވެންޓްގެ ކުރިން."

އެތުލީޓަކާއި އާންމު މީހެއްގެ ތަފާތު އަޅުގަނޑުމެންނަށް ކިޔައިދީބަލަ؟ ވަކިން ހާއްސަކޮށް ފުރިހަމަ ނުވަތަ ދުޅަހެޔޮ ފެތުންތެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް؟

"އެތުލީޓަކާ އާންމު މީހަކު ވަރަށް ތަފާތުވާނެ. އެތުލީޓެއް ނަމަ ރަނގަޅު ނިއުޓްރިޝަން ބޭނުންވާނެ. ރަނގަޅަށް ނިދަން ޖެހޭނެ. ރެސްޓްކުރަން ޖެހޭނެ. ދެން ވަރަށް ޕަންޗުއަލްވާން ޖެހޭނެ. ވަރަށް ރަނގަޅު ޑިސިޕްލިންއެއް ހުންނަން ޖެހޭނެ. ސްލީޕިން ވެސް އަށް ގަޑިއިރު ހަމަކުރަން ޖެހޭނެ. ރެސްޓްކޮށްލައިގެން ވަރަށް ފޯމުގައި ހުންނަން ޖެހޭނީ އެތުލީޓެއް ނަމަ"

ބުނެވިދާނެތަ ސަޖަން ތި ކާމިޔާބީ ނުވަތަ މިހައި ހިސާބަށް އާދެވުމުގެ ފަހަތުގައި ވަނީ އެ ސަބަބުތަކޭ؟ ކޮބައިތަ ސަޖަންގެ ހާއްސަ ކަމަކީ؟

"އެ ޑިސިޕްލިން ރާއްޖޭގައި ހިފަހައްޓަން ކުޑަކޮށް އުނދަގޫ. މިސާލަކަށް ނިދި ހަމަކުރުން ނުވަތަ ގަޑިން ގަޑިއަށް ކެއުން. އެއީ ފެމިލީއާ އެކު ކާން ތަނަކަށް ގޮސްފި ނަމަ ފަހަރެއްގައި ޑިލޭ ވެސް ވެދާނެ ކެއުން. އެކަމަކު ވަރަށް ވަރަށް ބޮޑަށް ޓްރައިކުރަން ގަޑިން ގަޑިއަށް ކެއުމަށް ވެސް. ނިދި ހަމަކުރަން ވަރަށް ބަރާބަރަށް."

"އެކަމަކު ބޭރުގައި ޓްރެއިންކުރާއިރު ފަތިހު ފައިވް ތާޓީ އެހާއިރު ޓްރެއިނިން އަށް ދާން ޖެހޭނެ. އެހެންވީމަ ވަރަށް ކުރިން ނިދާނެ. ދެން ހެނދުނު ހޭލައިގެން ކުޑަ މީލްއެއް ނެގުމަށް ފަހު ޓްރެއިނިން ނިންމާލާފައި ބްރޭކްފާސްޓް ނަގައިގެން ރެސްޓްކޮށްލާފައި އަނެއްކާވެސް ޓްރެއިނިން އަށް ދާން ޖެހޭނީ."

ޓްރެއިނިން ވިތު ޗޭމްޕްސް ސިފަކުރާނީ ކިހިނެތް އަދި އެ ކެމްޕޭންގެ ދަށުން ކުރީގެ ރައީސް ވަހީދަށް ފިލާވަޅެއް ނަގައިދޭން ލިބުން އެއީ ކޮން ކަހަލަ ކަމެއް؟

"އަސްލު ސަޖަން ދުވަހަކު ވެސް ހީކުރި ކަމެއް ނޫން ރައީސަކާ އެކީ ނުވަތަ ކުރީގެ ރައީސަކު ވެސް މިހެން ޓްރެއިނިން އަށް ކުއްޖަކާ ޖޮއިންކޮށްފާނެއެކޭ. އެއީ ދުވަހަކު ވެސް ހީކުރި ކަމެއް ނޫން. ދެން ވަރަށް ހެޕީ ހުރިހާ ރައީސުން ވެސް މި ކެމްޕޭންގައި ބައިވެރިވީތީ"

"ޓްރެއިނިން ވިތު ޗޭމްޕްސް ގައި އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ވެސް ކިޔައިދެވުނު. އެ މެސެޖު ގޮސްފަ އެ އިނީ އެހެންވީމަ މިހާރު. އެއީ ވަރަށް އުފާވާ ކަމެއް."

މިހާތަނަށް ސަޖަން އަށް އެކި ވަރުގެ ކާމިޔާބީތައް ލިބިފައިވާއިރު އަބަދުވެސް މީހުން އުއްމީދުކުރޭ ދެން އަންނަ ފަހަރަކު ރަނގަޅުވާނެ ކަމަށް. ދިވެހިންގެ މި އުއްމީދަކީ، މުބާރާތަކަށް ނުކުންނައިރު ކިހާ ވަރެއްގެ ޕްރެޝަރެއްތަ؟

"ވަރަށް ބައިވަރު މީހުން މެސެޖު ވެސް ކުރި. ސާފް ގޭމްސްގައި މެޑަލް އަޅާފައި އޮތީމަ ކަމަށް ވެސް ވެދާނެ. އެހެންވީމަ ވަރަށް ގިނަ މީހުން ބުނި އޮލިމްޕިކްސް އިން މެޑަލްއެއް ހިފައިގެން އަންނައްޗޭ. އަޅުގަނޑު ބުނަނީ އާނއެކޭ. އެކަމަކު އޭގެ ސަބަބުން އަންނަ ޕްރެޝާއަށް ދެނީ ބީރު ކަންފަތެއް. އެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ހަގީގަތުގައި ނުދެން."

"މެޑަލް ހޯދައިގެން އަންނައްޗޭ މީހުން ބުންޏަސް އަޅުގަނޑާއި އަޅުގަނޑާ އެކު ޓްރެއިންކުރާ މީހުންނަށްތާ އެނގޭނީ އަޅުގަނޑުމެންގެ ފެންވަރު ހުރިވަރެއް. އެކަމަކު ކޮންމެ މީހަކަށް ވެސް ބުނެލަނީ އައި ވިލް ޓްރައި މައި ބެސްޓްއޭ. ގޯލްޑް މެޑަލްއެއް ހޯދާށޭ ބުނެގެން އަސްލު ޕްރެޝަރެއް ނޯވޭ."

ކުރިން ބުނި، ތިމަންނަގެ ކިޔެވުން ވެސް މެދުކަނޑާލައިގެން ގޮހޭ ފަތަނީ. ގަބޫލުކުރަންތަ މިއީ އެވަރުގެ ގުރުބާނީއެއް ވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ނުވަތަ އެ ގުރުބާނީގެ އަސްލު އަގު ސަޖަން އަށް ލިބޭ ކަމަށް؟

"ކިޔެވުމާ އެއްޗެހި މެދުކަނޑާލާފައި މިހާރު ޓްރެއިންކުރަނީ ތައިލެންޑްގައި. އޭގެ ކުރިން ލަންކާގައި އުޅުނުއިރު ޓްރެއިނިންއާ އެކު ކިޔެވުން ވެސް ކުރިއަށް ގެންދިޔައިން. އެކަމަކު ދެން އަނެއްކާވެސް ކުރިއަށް ދާން ބޭނުންވަނީ ކިޔެވުމާ އެކު. ތައިލެންޑްގައި އެކަނި އަސްލު ކިޔެވުން މެދުކަނޑާލީ"

"ރާއްޖެއިން ބޭރުގައި ޓްރެއިންކުރުމަށް ހޭދަމިވި ހަތަރު އަހަރު ތެރޭގައި ވަރަށް ބޮޑު އެއްޗެއް ހާސިލުވެއްޖެ އަސްލު މި ދާއިރާގައި. ޓްރެއިންކުރިއިރު އަޅުގަނޑު ކިޔެވީ ސްޕޯޓްސް ފިޓްނެސްގެ ދާއިރާއިން. އަންނަ އަހަރު އިރާދަކުރެއްވިއްޔާމު ބޭރުގައި ޓްރެއިންކުރަން ފުރުސަތު ލިބިއްޖެ ނަމަ ދާނީ ކިޔަވަން ވެސް ދެވޭ ގޮތަށް."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • ލޮކޭޝަން: ހޮޓަލް ޖެން
  • މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ރިވެންޖް ބައި ކެވިން
  • ވީޑިއޯ އާއި އެޑިޓިން: މާސްކޭ ސްޓޫޑިއޯ / އަފްޝީން