ލައިފްސްޓައިލް

ގިނަ މީހުންނާ ހިތާވުމަކީ އުފާވެރި ހަޔާތަކަށް ލިބޭ ފާހެއްތަ؟

Sep 2, 2016
3

ބައެއް މީހުން މި ގޮތް ގަބޫލުކުރެ އެވެ. ތަޖުރިބާ ގިނަ މީހުން ކަންކަމަށް ނުވަތަ ކަންކަމުގައި މޮޅު ކަމަށް ގަބޫލުކުރެވިފައި އޮންނާތީ ކަމަށް ވެސް ވެދާނެ އެވެ. ގިނައިން ފަރިތަކުރި ވަރަކަށް އެކަމެއްގައި މޮޅުވާ ކަމަށް ގަބޫލުކުރެވިފައި އޮންނާނީ ކަމަށް ވެސް ވެދާނެ އެވެ.

ނަމަވެސް ބަދުނަސީބު ހަގީގަތަކީ މީހުންނާ ހިތާވުން މި އުސޫލުން ކާމިޔާބުކުރެވެން ނެތް ކަމެވެ. ދިރާސާތަކުން އެނގޭ ހަގީގަތަކީ، ގިނަ މީހުންނާ ހިތާވުމަކީ އުފާވެރި ހަޔާތަކަށް އޮތް ފްރީ ޓިކެޓެއް ނޫން ކަމެވެ. އޭގެ ބަދަލުގައި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ބޮޑު ކަމެއް ކަމެވެ.

ކެހީގެ ވަށްބުރު ތަކުރާރުވެދާނެ ކަމުގެ ބިރު

ލޯބިވެރިޔަކު ދޫކޮށް ނުވަތަ ބައިވެރިޔަކު ދޫކޮށް އެހެން ބައިވެރިއެއްގެ އުނގުން ހިމާޔަތް ހޯދުމުގެ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ ލޯބީގައި ލިބޭ ކެއްސެވެ. ބައިވެރިޔާ ބޭވަފާތެރިވުން ނުވަތަ ކޮންމެވެސް އެހެން ހިތްދަތި ކެހިވެރިކަމެއްގައި ޝިކާރަވެ ހަޔާތް ބަރުބާދުވެގެން ދަނީ އެވެ.

ދެ މީހުންނަށް އުޅެވޭ ގޮތް މޮޅުކަމުން ނުވަތަ ހަޔާތުގެ އުފާވެރިކަމުގެ މީޓަރު ފަޅައިގެންދާތީ އެކަމާ ކަންބޮޑުވެގެން ބަޔަކު މީހުން ރުޅިވި ނުވަތަ ވަރިވި ޚަބަރު ދުވަހަކު ވެސް އަޑުއެހިންތޯ އެވެ؟ ނޫނެކެވެ!

އެހެންވީމަ ގިނަ މީހުންނާ ހިތާވެފައި ހުރި މީހެއްގެ ޑައިރީގައި ވަނީ ނުވަތަ ވާނީ ކަޅު ސަފުހާ އެވެ. އުފާވެރި ހިނދުކޮޅުތައް ވެސް އޭގައި ހިމެނޭނެ އެވެ. އެކަމަކު ދެލި ފޭދި ކަޅު އަނދިރިކަމުން ފުރިފައިވާ ސަފުހާތައް ގިނަވާނެކަން ޔަގީނެވެ.

އާ ހަޔާތެއް ފަށާތަނުން އެ އަނދިރިކަމުން އަރައިގަނެވިދާނެ ކަމަށް ގަބޫލުކުރުމަކީ ކުށްހީއެކެވެ. އަދި ލޯބީގައި ކެހި ލިބި ހަނާވެފައިވާ ހިތަކަށް ފަސޭހައިން ހަމަޖެހުމެއް ވެސް ނުލިބޭނެ އެވެ. ކެހީގެ ވަށްބުރު ތަކުރާރުވެ ކަތިލެވިދާނެ ކަމަށް އެ ހިތް އޮންނާނީ އަބަދުވެސް ބިރުންނެވެ.

ގިނަ މީހުންނާ ހިތާވެ، ކެހި ލިބިފައި ހުރުމަކީ ވޭންވަރު ގަދަވާނެ ކަމެކެވެ.

ކުރީގެ ހަނދާނަކުން ހަމަލާދެވުން

ގިނަ މީހުންނާ ހިތާވުމުން އޭގައި އެއްވެސް މިންވަރަކަށް ފައިދާއެއް ނެތެކޭ ނުބުނެވޭނެ އެވެ. ޖުމްލަކޮށް އެއިން ކުރަނީ ނޭދެވޭ އަސަރޭ ބުންޏަސް ބައެއްކަންކަން ދަސްވެ ތަޖުރިބާ ވެސް ލިބެ އެވެ. މިސާލަކަށް، ދޮގު ހަދާ ބޯއިފްރެންޑް ނުވަތަ ގާލްފްރެންޑް ފަސޭހައިން ދެނެގަތުމުގެ ގާބިލުކަން ބައެއް މީހުން ލިބިގަނެ އެވެ. އެކަމަކު ދެން އަނެއްކާވެސް އެ ތަޖުރިބާއިން އާ ރިލޭޝަންޝިޕަށް ކުރަނީ ނޭދެވޭ އަސަރެކެވެ.

ވަރަށް ގިނަ މީހުންނަކީ ޖަޒުބާތުތަކުގައި ޖެހޭއިރު އެ އިހްސާސްތައް ހިފަހައްޓައިލެވޭ ފެންވަރު ލިބިފައިވާ މީހުންނެއް ނޫނެވެ. އެހެންކަމުން ޒުވާބެއް ހޫނުވެގެންދާއިރަށް "ކަލޭ ތިއީ ހަމަ ކުރީގެ ބޯއިފްރެންޑް ނުވަތަ ގާލްފްރެންޑް" ކަހަލަ މީހެކޭ ބުނެ ހަޅޭފަޅޭ ޖަހައިގަނެވޭ ހާލަތްތައް ވެސް މެދުވެރިވެ އެވެ.

މިގޮތަށް އަޅާކިޔައި ދެވޭ ހަމަލާއަކުން ރިލޭޝަންޝިޕު ނިމުމަކަށް ވެސް އަތުވެދާނެ އެވެ. ބައެއް މީހުންނަކީ އެމީހުންގެ ލޯބީގެ ހަޔާތަށް، ކުރީގެ އެއްވެސް ކަހަލަ އަސަރެއް ކުރަން ނޭދޭ މީހުންނެވެ. ސަބަބަކީ އެކަމުގައި މޮޅެއް ނެތުމެވެ.

އެހެން ތަޖުރިބާއަކާއި ރަހައަކަށް ހިތްކިޔުން

ގިނަ މީހުންނާ ހިތާވެ، ގިނަ މީހުންނާ އެކު ޖިންސީގުޅުން ހިންގުމުގެ ސިލްސިލާއެއް ހަޔާތުގެ ތެރެއަށް ދިގުދެމިގެންގޮސްފައި އޮތުމަކީ ވެސް އޭގެ ނޭދެވޭ އަސަރު ބޮޑު ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ވަކިން ހާއްސަކޮށް ލޯބިން ރައްޓެހިވެގެން އުޅޭ ދެ މީހެއްގެ ދެމެދުގައި، ކައިވެނިނުކޮށް، ގުޅުން ހިންގުމުގެ ގާތްކަމެއް އޮވެއްޖެ ނަމަ އެ ގުޅުމަކުން ކައިވެންޏާ ހަމަ އަށް ނުގޮސް ދެ މީހުން ރޫޅި އޭގެ ނޭދެވޭ އަސަރު ފަހުން ކުރަން ފަށަ އެވެ.

މިގޮތުގައި ގިނަ މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ ޒަވާޖީ ހަޔާތެއް ފަށައިގެން ޒިންމާތަކެއް ބޮލުއަޅައިގެން ތެދުވެރިކަމުގައި ދެމިހުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. ކަށީގައި ހިފާފައި ހުންނަ ކަމަކުން އަރައިގަތުމަށް ޒަމާނެއް ވެސް ކަޑައްތުކުރަން ޖެހިދާނެ އެވެ.