މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަން ފެށެނީ، ބައިވެރިވާން ހުޅުވާލައިފި

ސިޔާސީ ގޮތުން ވިސްނުމަށް އައި ބަދަލުތަކެއްގައި ބައިބައިވެ އާއިލާ އާއި ރައްޓެހިން އެކަކު އަނެކަކާ މޫނު ކެނޑިފައި ތިއްބާ އަލުން ގުޅުންތައް ބަދަހި ކުރަން ފުރުސަތު ފަހިކޮށްދިނީ މިދިޔަ ޖެނުއަރީ މަހު ޓިވީއެމް އިން ފެށި، ދުނިޔޭގެ ފެންވަރުގެ، ބޮޑު ލަވަ މުބާރާތް "މޯލްޑިވިއަން އައިޑޮލް" އެވެ.

އެ ޝޯގެ އޮޑިޝަންތައް ޓީވީއެމް އިން ދައްކަން ފެށުމާ އެކު، މަގުތަކުގެ ހަލަބޮލިކަން ކެނޑި އަމާންވެގެންދެ އެވެ. މާލޭގެ މަގުތަކުން ދުއްވާ އެއްޗެއްސާ ކަމެއް ނެތި ވައިބުރު ޖަހަން ނުކުމެ އުޅުނު މީހުންގެ އަދަދު އެތައް ގުނައަކަށް މަދުވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލް ބަލަން ގެއަށް ވަންނަ މީހުން ގިނަވެގެންނެވެ. އޮޑިޝަންތަކަށް ފަހު، މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންގެ ހުނަރު ދައްކާލަން ފެށުމާއެކު މާލޭގެ މަގުމަތިން ފެންނަ ކަހަލަ ބޮލިކަމެއް ފެންނަން ފެށީ ޓްވިޓާ އިންނެވެ. އައިޑޮލް ޝޯތައް ދެއްކި ކޮންމެ ރެއަކު އިންޓަނެޓު "ފަޅާލީ" އައިޑޮލްގެ ވާހަކަތަކުންނެވެ.

"އަސްލު އަހަރުން ކުރިން ހީކުރީ އެހެން ޝޯތައް ކަހަލަވާނެ ކަމަށް. އެކަމަކު އޮޑިޝަން ދައްކަން ފެށީމަ އެނގިއްޖެ! އާނ މީ އާދައިގެ ޝޯއެއް ނޫންކަން. ނިމެންދެން ބެލިން އެންމެ ޝޯއެއްވެސް މިސް ނުކޮށްލާ. ވަރަށް ސަޅި. ދެވަނަ ސީޒަންގައި ބައިވެރިވާންވެސް އެބަ ވިސްނަން" މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއް ގަވާއިދުން ބެލި ޒުވާނަކު އަވަސް އާ ވާހަކަ ދައްކަމުން ބުންޏެވެ.

ވާދަވެރިކަން އުފެދުނީ ސަޕޯޓްކުރާ ބައިވެރިންގެ މެދުގަ އެވެ. "ފޭވަރިޓް" ބައިވެރިންނަށް ވޯޓުދޭން އެސްއެމްއެސްކޮށް އެބައިވެރިން މުބާރާތުން ކަޓައިގެން ދިޔަ މަންޒަރު ބަލަން ރޮވިފައި ތިބީ އެވެ. މަގުތަކަށް ނުކުމެ ކެމްޕޭންވެސް ކުރީ އެވެ. ހުރިހާ އަސަރެއް ބޭރުކޮށްލީ ސޯޝަލް މީޑިއާ އަށެވެ. އުމުރުން ދުވަސްވީ މީހާއިން ފެށިގެން އެންމެ ކުޑަކުއްޖާވެސް ހުރީ އައިޑޮލްއެއްގައި ޖެހި އޮޔާ ގެންގޮސްފަ އެވެ.

ނަމަވެސް އޭޕްރިލް މަހުގެ ތެރޭގައި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ އައިޑޮލް އަކަށް ލައިޝާ ހޮވި އައިޑޮލްގެ ވާހަކަތައްވެސް ވަޅު ޖެހީ އެވެ. އެއަށްފަހު އަނެއްކާވެސް ކުރީގެ ހާލަތަށް މާލެތެރެ ބަދަލުވީ އެވެ. މަގުތައް ހަލަބޮލިވީ އެވެ. އެކަމަކު އަނެއްކާވެސް އެ އައިޑަލް އެބުރި އަންނަނީ އެވެ. މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ އަޖުމަ ބެލުމަށްފަހު ދެވަނަ ސީޒަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޕީއެސްއެމުން އެފުރުސަތު މި ވަނީ ހުޅުވާލައިފި އެވެ. އަންނަ ޖެނުއަރީ މަހު މޯލްޑީވިއަން އައިޑޮލް ސީޒަން ދެއެއް ފަށާނެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު 12:00 ގެ ނިޔަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް ކުރަންވީ އެވެ. މިފަހަރުވެސް ބައިވެރިވެ އޮޑިޝަނާ ހަމައަށް ދެވޭނީ އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ. އޮޑިޝަން ބާއްވާނެ ރަށްތައް އަދި ޕީއެސްއެމުން ކަނޑަނާޅަ އެވެ.

ފްރެންޗައިޒް އުސޫލުން ކުރިއަށް ގެންދާ މި ޝޯ ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއްގެ އަމާޒުފަތް ގަނޑަކަށެވެ. ހަމަ އެއާއެކު ޝޯ ކަމުދިޔަ ފަރާތްތައްވެސް އެހާ ގިނަ އެވެ. ކުރީގެ ރަހަތައް އަނެއްކާވެސް އާކޮށްލަން ލިބުނު ފުރުސަތެކެވެ. ދިވެހިވަންތަ ރަހަތަކާއި ގައުމީ ޖޯޝުން ފުރިފައިވާ ލަވަތައްވެސް އަނެއްކާވެސް އަހާލަން ލިބޭ މއީ ރަނގަޅު ފުރުސަތެކެވެ. ޒުވާން ލަވަކިޔުންތެރިން ތަކެއް އާ ހުނަރާ އެކު އަނެއްކާ ވެސް ސްޓޭޖް ފަޅުފިލުވާލަން ޕީއެސްއެމް މި އަންނަނީ ތައްޔާރުވަމުންނެވެ.

ދިވެހި މިއުޒިކް އިންޑަސްޓްރީއަށް މުޅިން އާ ހުނަރުވެރި މެމްބަރުންތަކެއް އުފަންކުރުވި ޝޯއަކަށް ހަމަގައިމުވެސް މި ޝޯ ވާނެ އެވެ. މޯލްޑިވިއަން އައިޑޮލްގެ މަގުސަދަކީވެސް އެއީ އެވެ. ސީޒަން އެކަކުންވެސް ވަނީ އެތައް ފަންނާނުންނެއް އުފަންކުރުވާފަ އެވެ. ގިނަ ދުވަސްތަކެއް ނުވި ކަމުގައިވިޔަސް މިއުޒިކް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިންގެ ތެރޭގައި އައިޑޮލްގެ ބައިވެރިން ހިމެނެ އެވެ. ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. މޯލްޑިވިއަން އައިޑޮލްގެ ގަދަ 10 އެއްގައި ހިމެނޭ ބައިވެރިން ކުރިއަރުވަން ޕީއެސްއެމުންވެސް މަސައްކަތް ކުރާނެ އެވެ. އަވަހަށް އެސްއެމްއެސް ކުރާށެވެ.